ކަނޑުގެ ސިނާޢަތުން ލިބޭ ނަފާ އެދެވޭގޮތެއްގައި ހޯދައިދިނުމަށް މިއަދު ނިންމާ ނިންމުންތައް މުހިންމު: ވަޒީރު އަމީން
18 އޮކްޓޯބަރު 2025 - 12:58

ވޯލްޑް މެރިޓައިމް އިންޑަސްޓްރީ ނުވަތަ ދުނިޔޭގެ ކަނޑުގެ ސިނާޢަތުން ލިބޭ ނަފާ އެންމެ އެދެވޭގޮތެއްގައި ހޯދައިދިނުމަށް މިއަދު ނިންމާ ނިންމުންތައް މުހިންމުކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޗައިނާގެ ފޫޖޯގައި މިހާރު ކުރިއަށްދާ ބައިނަލްއަޤުވާމީ މެރިޓައިމް އިކުއިޕްމަންޓް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
ބައިނަލްއަޤުވާމީ މެރިޓައިމް އިކުއިޕްމެންޓް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަަކަށް ތަފާތު އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި " ޓުވެންޓީ ފަސްޓް ސެންޗަރީ މެރިޓައިމް ކޯޕަރޭޝަން" ކޮމިޓީން ކުރަމުންދާ މަސައްކަތްތަކާއި، ކަނޑުތައް ރައްކާތެރިކޮށް އެއިން ލިބޭ ނަފާ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އެ ކޮމިޓީން ނިންމަމުންދާ ނިންމެވުންތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިކޮމިޓީގެ ނިންމެވުންތައް އަމަލީ މައިދާނުގައި ތަންފީޒުކުރެވިއްޖެނަމަ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ބޮޑެތި މަންފާތަކެއް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ކުރިއަށް އޮތްތަނުގައި ޓެކްނޮލޮޖީގެ އައު އީޖާދުތަކާއެކު ކަނޑުގެ އިޤްތިޞާދީ ކުރިއެރުންތައް ހޯދިދާނެ ގޮތުގެ ތަޞައްވުރެއްވެސް ހުށަހެޅުއްވިއެވެ. އަދި ސަރުކާރާއި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޢަމަލީ ގޮތުން ބޭނުންކުރެވޭނެ ޚިޔާލުތަކާއި އެކަށީގެންވާ ހައްލުތައްވެސް ހުށަހެޅުއްވިއެވެ.
2025 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ މެރިޓައިމް އިކުއިޕްމަންޓް ކޮންފަރެންސްގެ މުހިންމު ބައެއްގެ ގޮތުގައި ބޭއްވި މި ބައްދަލުވުމުގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ " ޓުވެންޓީ ފަސްޓް ސެންޗަރީ މެރިޓައިމް ކޯޕަރޭޝަން" ކޮމިޓީގެ މެންބަރުންނާއި ލަފާދޭ ފަރާތްތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަންދޫބުންނާއި، ޗައިނާގައި ހުންނަ ބޭރު ޤައުމުތަކުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގެ އޮފިޝަލުންނާއި، މިދާއިރާގެ މާހިރުންނާއި، ޢިލްމުވެރިންނާއި، ވިޔަފާރީގެ ދާއިރާގެ އިސް ފަރާތްތަކެވެ.
މިފަރާތްތަކުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކާރިސާތަކުން ރައްކާތެރިވުމާއި، މިފަދަ ކާރިސާތަކުން ކަނޑުގެ ވަސީލަތްތަކަށް ލިބޭ ގެއްލުން ކުޑަކުރުންފަދަ ކަންކަން ހިމެނެއެވެ.