އޮޅުވާލައިގެން ދައުލަތުގެ ފައިސާ ހޯދަން އުޅުނު މައްސަލައިގައި ޖިނާއީ ތަޙުޤީޤެއް ހިންގަނީ
20 އޮކްޓޯބަރު 2025 - 10:40
ސަރުކާރުގެ އިދާރާއަކާ ކުރި މުއާމަލާތެއްގެ ތެރެއިން އޮޅުވާލައިގެން ދައުލަތުގެ 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އުޅުނު މައްސަލައިގައި ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެދި ބަނޑާރަނައިބުގެ އޮފީހުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.
އެ އޮފީހުން ބުނީ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ސެންޓަރ އެންޓަރޕްރައިސަސް) އިން 2021 ވަނަ އަހަރުގައާއި 2022 ވަނަ އަހަރުގައި ދިވެހި ދައުލަތާ ދެކޮޅަށް ޖުމްލަ 04 (ހަތަރެއް) ދަޢުވާއެއް ސިވިލް ކޯޓަށް ހުށަހެޅިކަމަށެވެ. އަދި އެ ހަތަރު ދަޢުވާގައި ސެންޓަރ އެންޓަރޕްރައިސަސް އިން ހުށަހެޅި ލިޔެކިޔުންތަކުގެ ޞައްޙަކަމާމެދު، އަދި ބައެއް މުޢާމަލާތްތަކުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭތީ، މި މައްސަލަތައް 04 ސެޕްޓެންބަރު 2022 ގައި އަދި އޭގެ ފަހުންވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް އެ އޮފީހުން ހުށަހަޅާފައިވާނެކަމަށާއި އަދި ހަމަ އެ ތާރީޚުގައި މި މައްސަލަތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެއެވެ.

Ad by Hajj Corporation
އޮޑިޓަރ ޖެނެރަލްގެ އޮފީހުން 19 އޮކްޓޫބަރު 2025 ގައި ޝާއިޢުކޮށްފައިވާ "ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން 2008 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތަށް ފޯރުކޮށްދީފައިވާކަމަށް ބުނާ މެޑިކަލް އިކިއުޕްމަންޓް އާއި ކޮންސިއުމަބްލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައާގުޅޭ ޚާއްޞަ އޮޑިޓްގެ ރިޕޯޓް" ގައި ސެންޓަރ އެންޓްރޕްރައިސަސް އިން ފޯޖްކޮށްގެން އުފައްދާފައިވާ ޞައްޙަނޫން ލިޔެކިޔުންތަކެއް ޝަރުޢީ ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އަށް ބުރަވެވޭ ކަމާއި، އެ ފަދައިން އެ ކުންފުނިން ޢަމަލުކޮށްފައިވަނީ މަކަރާއި ހީލަތުން ދައުލަތުގެ ކިބައިން ފައިސާ ހޯދުމަށް ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ. އަދި މި މައްސަލައާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް އޮޑިޓަރ ޖެނެރެލް އިރުޝާދު ދެއްވާފައިވާތީ، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރައްވައި ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެދި މިއަދު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާކަމަށްވެސް އެ އޮފީހުންވަނީ ބުނެފައެވެެ.


