ރާއްޖޭގައި ކުރެވޭ އިންވެސްޓުމެންޓުތައް އިތުރުކުރުމަށް އެސްއީޒެޑް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި
21 އޮކްޓޯބަރު 2025 - 05:29

ދިވެހިރާއްޖޭގެ އިގްތިސާދީ މާލީ އަދި އުމްރާނީ ތަރައްގީއަށް މަގުފަހިކުރުމަށް ދިވެހިރާއްޖޭގައި ކުރެވޭ އިންވެސްޓުމެންޓުތައް އިތުރުކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް އިސްލާހެއް ހުށަހަޅައިިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

Ad by Hajj Corporation
މެމްބަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި، އެ ޒޯނާގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުންކަމަށެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލު ރައްޔިތުންގެ މަޖިލީހުން ޖަލްސާއިން ފާސްކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ.
މި ބިލުގައި ޖުމްލަ 10 މާއްދާއެއް އެކުލެވިގެންވާއިރު ބިލުގައި ހިމެނޭ މުހިންމު އިޞްލާޙުތަކުގެ ތެރޭގައި، ގާނޫނުގެ 9 ވަނަ މާއްދާ އިޞްލާޙުކުރުމާއި، 17 ވަނަ މާއްދާގެ ފަހަތަށް އާ މާއްދާއެއް އިތުރުކުރުމާއި 22 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމާއި 20 ވަނަ މާއްދާގެ 'އ' ގެ ފަހަތަށް އަކުރެއް އިތުރުކުރުމާއި، 70 ވަނަ މާއްދާގެ ފަހަތަށް ބާބެއް އިތުރުކޮށް އެ ބާބުގެ ސުރުޚީ އިޞްލާޙުކުރުން ހިމެނެއެވެ. މީގެ އިތުރުން، ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 12 ވަނަ ނަންބަރު އިޞްލާޙުކުރުމާއި، 82 ވަނަ މާއްދާގައިވާ "ޕާމިޓް" މި ލަފްޒު ތަޢުރީފުކުރާ ގޮތް އިޞްލާޙުކުރުމަށްފަހު އިތުރު ލަފްޒެއް ތަޢުރީފުކުރުމަށް ހިމަނާފައިވެއެވެ. އަދި ގާނޫނުގެ އެކި ތަންތާގައި ބަޔާންކޮށްފައިވާ "ވިޔަފާރި ފައިދާއިން ނަގާ ޓެކްސް" މި އިބާރާތް "ވިޔަފާރި އާމްދަނީން ނަގާ ޓެކްސް" މި އިބާރާތަށް ބަދަލުކުރުމަށް ވެސްވަނީ އިސްލާހު ގެނެސްފައެވެ.
މި ގާނޫނަށް މީގެ ކުރިން އެއްވެސް އިޞްލާޙެއް ގެނެވިފައިނުވާއިރު، މިއަދު ހުށަހެޅި އިޞްލާޙަކީ މި ގާނޫނަށް ގެނެވޭ ފުރަތަމަ އިޞްލާޙެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި މިނިވަން ވިޔަފާރި ސަރަޙައްދުތައް ކަނޑައެޅުމާއި، އުފެއްދުމާއި، ހިންގުމާއި، އެ ޒޯނުތަކުގައި އިންވެސްޓްކުރުމާއި، އެ ޒޯނުތައް ތަރައްޤީކުރާ ޑިވެލޮޕަރުންނާއި އެ ޒޯނުތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ ޢިނާޔަތްތަކާއި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.