ދެން މި ފެށެނީ ޕީއެންސީގެ ހަގީގީ ވެރިކަން: ޝުޖާއު
24 އޭޕްރީލު 2026 - 06:09

އެމްޑީޕީ ސަރުކާރުންނާއި ކުރީ ސަރުކާރުތަކުން ނަގައިފައިހުރި ބޮޑެތި ލޯނުތައް ދައްކައި ނިމިއްޖެ ކަމަށާއި، ދެން ފެށިގެންދާނީ ޕީއެންސީގެ ހަގީގީ ތަރައްގީގެ ވެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ، ނިމިދިޔަ ކައުންސިލް އިންތިހާބުގައި ހއ. ފިއްލަދޫއިން ޕީއެންސީގެ ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުގެންދެވި ލަސްވަމުން އައީ ކުރީގެ ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތަކުގެ ސަބަބުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ އެމްޑީޕީ ސަރުކާރުން ނަގާފައިވާ އެ ލޯނުތައް ދެއްކެވުމަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން 400 މިލިއަން ޑޮލަރު ރޭ ދައްކައި ނިންމާލާފައިވާއިރު، މި މަސްތެރޭގައި އެކަނިވެސް އިންޑިއާއަށް ދައްކަންޖެހޭ 925 މިލިއަން ޑޮލަރުގެ ލޯނު ފައިސާ ދައްކާފައިވާ ކަމަށެވެ.
"މި ހުރިހާ ލޯނުތަކަކީވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރާއި އޭގެ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް. ރައީސް ޑރ. މުއިއްޒު ޖެހިވަޑައިގަތީ މި ދަރަނިތައް ދައްކައި ދައުލަތުގެ ބިންތައް ސަލާމަތް ކުރައްވަން،" ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ފިއްލަދޫއަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، އެ ރަށަކީ އެމްޑީޕީ ސަރުކާރުން ބޮޑެތި އިހުމާލުތަކެއް ވެފައިވާ ރަށެއް ކަމަށެވެ. އެގޮތުން ފިއްލަދޫގެ އިހުތިސާސްގައި އޮތް ދައްޕަރު، އެ ރަށުން ވަކިކުރުމަށް ކުރީ ސަރުކާރުން ކުރި މަސައްކަތް ހުއްޓުވީ އެ ރަށުގެ ޒުވާނުން ނިކުމެ ކުރި ހިތްވަރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެތައް ބިރުދެއްކުންތަކަކާ އެކުވެސް ރަށުގެ ހައްގުގައި ޒުވާނުން ނިކުމެ ކުރި މަސައްކަތަކީ އެމްޑީޕީ ބަލިކުރުމަށް ވީ ބޮޑު ގުރުބާނީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ކެލާ ދާއިރާގެ މެންބަރު އެ ދާއިރާގެ ތަރައްގީއަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވަމުން ޝުޖާއު ވިދާޅުވީ، މި އިންތިހާބު ކާމިޔާބު ކުރުމުގައިވެސް މެންބަރުގެ ދައުރު ބޮޑު ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާއަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، "ދަށް ބިތު" ގެ އަށް ރަށުގައި ހިމެނޭ 60 ގޮނޑީގެ ތެރެއިން 34 ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައިވާ ކަމަށެވެ. އޭގެ ބަދަލުގައި އެމްޑީޕީއަށް ލިބުނީ އެންމެ 20 ގޮނޑި ކަމަށް ވިދާޅުވެ، ޝުޖާއު ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.


