އެއަރލައިންތަކުގެ ސޭލްސް އޭޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޭން ނިންމައިފި
23 އޮކްޓޯބަރު 2025 - 06:28

ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިންތަކުގެ ސޭލްސް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށްކަމަށް ބަޔާންކޮށް އައު ގަވާއިދެއް ވަރަށް އަވަހަށް ގެޒެޓްކުރައްވާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ އެއަރ ޓްރާންސްޕޯޓް ސޭލްސްއާ ގުޅޭ އައު ގަވާއިދެއް ވަރަށް އަވަހަށް ގެޒެޓްކުރައްވާނެކަމަށާއި، އަދި އެ ގަވާއިދުގެ ދަށުން އެއަރލައިންތަކުގެ ޖެނެރަލް ސޭލްސް އެޖެންޓުންނާއި ފަސިންޖަރ ސޭލްސް އެޖެންޓުންގެ އިތުރަށް ކާގޯ ސޭލްސް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި 100 އިންސައްތަ ދިވެހި ކުންފުނިތަކަށްކަމަށްށެވެ.

Ad by Hajj Corporation
ވަޒީރު އިތުރަށް ވިދާޅުވީ މިއީ މި ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކުން ދިގު އިންތިޒާރެއް ކުރަމުން އައި ކަމެއްކަމަށާއި،އަދި އައު ގަވާއިދުގެ ދަށުން ދިވެހި ވިޔަފާރިތައް ކުރިއަރައި، ފުޅާވެގެންދާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ކުންފުނިތަކަށް އެ ފުރުސަތު ދިނުމަކީ، ދިވެހިން ކުރަމުން އައި ދިގު އިންތިޒާރެއް ކަމަށް ވެސް ވަޒީރުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައިވެއެވެ.
އަދި މި އާ ބަދަލާއެކު، ރާއްޖޭގައި ސޭލްސް އެޖެންޓުކަން ކުރާ ދިވެހި ކުންފުނިތަކަށް ލިބޭ ވިޔަފާރީގެ ފައިދާ އިތުރުވެގެންދާނެ ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުން އަންނަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ކުރިއަރުވަން ޚާއްސަ ސަމާލުކަމެއް ދެއްވަމުންނެވެ.އެގޮތުން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައު އެއަރޕޯޓްތައް ތަރައްޤީކުރުމަށާއި މިހާރު ހުރި އެއަޕޯޓްތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ތަންތަން ތަރައްޤީކުރަނީ އެންމެ ޒަމާނީ ވަޞީލަތްތަކާއެކުކަން ވެސް ފާހަގަކޮށްލެވެއެވެ.


