މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެވޭ ގޮތަށްފަށާ މުބާރާތް އަންނަ މަހުގައި ފަށަނީ
24 އޮކްޓޯބަރު 2025 - 05:26

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމުގެ ފުރުސަތު ހޯދައިދޭ ގޮތަށް މި އަހަރު ފަށާ އެޓޯލް ޗެމްޕިއަންޝިޕްގެ މުބާރާތް އަންނަ މަހުގެ 1 ގައި ފަށާގޮތަށް ހަމަޖެހިއްޖެއެވެ. އެގޮތުން ނޮވެމްބަރު 1 ގައި ފަށާ މި މުބާރާތުގެ ފެށުން ފާހަގަކުރާނީ ހދ. ކުޅުއްދުއްފުއްޓާއި ހދ. ނެއްލައިދޫ ބައްދަލުކުރާ މެޗުންނެވެ. މި މުބާރާތުގައި ޖުމްލަ 47 ޓީމު ވާދަކުރާނެކަމަށް އެފްއޭއެމުން މިއަދު ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ވަނީ ހާމަކޮށްފައެވެ.
އެފްއޭއެމްގެ އާ ނިޒާމުގެ ދަށުން، އަތޮޅުތަކުން ފެށިގެން އައިސް އެންމެ ޓޮޕް ލީގަށް ޕްރޮމޯޓްވާނެ މަގެއް ކޮށައިދޭ މި އެޓޯލް ޗެމްޕިއަންޝިޕް ކުރިއަށް ގެންދާނީ ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. އެއީ މާލެ ސަރަހައްދާއި، ހދ އިން ޅ އަތޮޅަށް، ކ އަތޮޅުން ދ އަތޮޅަށް، އަދި ތ އަތޮޅުން އައްޑުއާ ހަމައަށެވެ. މުބާރާތުގެ ޤަވާއިދުގައިވާ ގޮތުން، އެއް އަތޮޅެއްގައި ދެ ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވެއްޖެނަމަ މެޗުތައް ކުޅޭނީ އެއް ރަށެއްގައި ނަމަވެސް، ދެ ޓީމު ބައިވެރިވެފައިވާނަމަ ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ރަށުގަ އެވެ.

Ad by Hajj Corporation
މުބާރާތުގެ ސްޓްރަކްޗަރަށް ބަލާއިރު، އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު ޒޯން ލެވެލަށް ކޮލިފައިވާނެއެވެ. މި ޓީމުތަކަކީ ރީޖަނަލް ކޮލިފިކޭޝަންގައި ވާދަކުރާނެ ޓީމުތަކެވެ. އެފްއޭއެމުން ބުނެފައިވާ ގޮތުގައި ރީޖަނަލް ލީގު ފެށޭނީ ރޯދަމަހުގެ ފަހުންނެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މި ރީޖަނަލް ލީގުގައި އެންމެ މޮޅު ދެ ޓީމަށް ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން، ޕްރިމިއާ ލީގުގެ އެންމެ ފުލުގައި އޮންނަ ދެ ޓީމުވެސް ދެން އަންނަ އަހަރުގެ ޕްރިމިއާ ލީގަށް ކުރިމަތިލާ އަތޮޅު ޓީމުތަކާއި ކޮލިފިކޭޝަން ބުރުގައި ވާދަކުރަން ޖެހޭނެ އެވެ.
މިހާރު ޕްރިމިއާ ލީގުގައި އޮތް 10 ޓީމުގެ ތެރެއިން އެންމެ ދަށް ދެ ޓީމު ދެވަނަ ޑިވިޝަނަށް ދާނެތީ، އަތޮޅުތެރެއިން ރީޖަނަލް ލީގުން އަންނަ ޓީމުތަކަށް އަންނަ އަހަރުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓުވުމުގެ ފުރުސަތު އޮންނާނެއެވެ.
މީގެ އިތުރުން، އަތޮޅު މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ބައެއް ރަށްތައް ވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން، މާލެ އަތޮޅުގެ މެޗުތައް ގުރައިދޫގައި، ހއ އަދި ހދ މެޗުތައް ކުޅުދުއްފުށީގައި އަދި ނ. އަތޮޅުގެ މެޗުތައް ކެނދިކުޅުދޫގައި ކުޅުމަށް ނިންމާފައިވެއެވެ. އއ ގެ މެޗުތައް ތޮއްޑޫގައި ކުޅެވޭއިރު، އދ ގެ މެޗުތައް ކުޅޭނީ މަހިބަދޫގައެވެ. އަދި ގދ ގެ މެޗުތައް ކުޅޭނީ ގައްދޫގައެވެ. ޅ އަތޮޅުގެ މެޗުތައް ހޯމްއަވޭ އުސޫލުން ކުޅޭއިރު، ބައެއް އަތޮޅުތަކުގައި ޓީމު މަދުވުމުގެ ސަބަބުން ވަނީ އޮޓޯމެޓިކުން ކޮލިފައިވެފަ އެވެ. އޭގެ ތެރޭގައި ބ އަތޮޅާއި ފުވައްމުލައް ހިމެނެއެވެ. ލ، ގއ އަދި އައްޑޫގައި ހޯސްޓްކުރާނެ ރަށެއް އަދިވެސް ކަނޑަނާޅައެވެ. ވ، މ، ފ އަދި ދ ގައި ކުޅޭނީ ހޯމް އަވޭ އުސޫލުންނެވެ.
މިފަދަ ބޮޑު މުބާރާތެއް އަތޮޅުތަކަށް އަމާޒުކޮށް ފެށުމަކީ ރާއްޖޭގެ ފުޓުބޯޅައިގެ ޑިވިޝަންތަކަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެ އެވެ.


