ސެންޓުރަލް ރީޖަން ލީގު ޒޯން އެކެއްގެ ޗެމްޕިއަންކަން މަޝްހޫރު ހުރާ އަށް
26 އޭޕްރީލު 2026 - 09:42

އެފްއޭއެމް ސެންޓުރަލް ރީޖަން ލީގު ޒޯން އެކެއްގެ ޗެމްޕިއަންކަން، ދިވެހި ފުޓްބޯޅައިގެ މަޝްހޫރު ރަށް، ކ. ހުރާ އިން ހޯދައިފިއެވެ.

Ad by Hajj Corporation
ދިވެހި ގައުމީ ޓީމަށާއި، ހުރާގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ އަށް ވަރުގަދަ ތަރިން ތަކެއް އުފެއްދި ހުރާ މި ޝަރަފު ހޯދީ މުޅި ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ފައިނަލް މެޗުގައި އދ. މަހިބަދޫއާ ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މަހިބަދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ކުޅުނު މި ފޯރިގަދަ ފައިނަލް މެޗުގައި ހުރާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ފަވާޒު (ފަވާއްޓޭ) އާއި މުޙައްމަދު ތަސްމީނު (ތައްތީ) ގެ އިތުރުން ގޮމޭސް އެވެ. މި މޮޅާއެކު ހުރާ ވަނީ މުބާރާތުގައި އެޓީމުގެ ވަރުގަދަކަން ސާބިތުކޮށްދީފައެވެ.
ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އެފްއޭއެމް އިން އަތޮޅު ފުޓްބޯޅަ މުބާރާތް އަލުން ފަށާފައިވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނާ ހަމައަށް ވާސިލްވުމުގެ ފުރުސަތު އޮންނަ ގޮތަށް އައު ފޯމެޓަކަށެވެ. މި ފޯމެޓުގެ ދަށުން މުޅި ރާއްޖެ ވަނީ ހަތަރު ރީޖަނަކަށް ބަހާލާފައެވެ. އެއީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަނެވެ.
ހުރާ ޓީމު ތަށި ހިފައިގެން ރަށުގައި، 
އެފްއޭއެމްގެ ކަލަންޑަރުގައިވާ ގޮތުން، ހުރިހާ އަތޮޅު މުބާރާތްތަކާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަނުން އަންނަ އަހަރުގެ ފެބްރުއަރީ 5 ގެ ކުރިން ކަނޑައަޅައި ނިންމާނެއެވެ. އަދި ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މެޗުތައް ކުރިއަށްދާނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
މި ސީޒަނުން ފެށިގެން ދިވެހި ޕްރިމިއާ ލީގު 10 ޓީމާއެކު ކުރިއަށްދާއިރު، ގަދަ ހަ ޓީމަށް 2026/2027 ގެ ސީޒަނުން ޖާގަ ކަށަވަރުވާނެއެވެ. ނަމަވެސް ލީގުގެ ފުލަށްދާ ދެ ޓީމު މާލެ ލީގަށް ރެލިގޭޓްވާނެއެވެ. ލީގުގެ ހަތްވަނަ އަދި އަށްވަނަ ޓީމަށް ޖެހޭނީ ކޮލިފިކޭޝަން ބުރުގައި ވާދަކުރާށެވެ.
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ވާދަކުރާނީ ލީގުގެ ހަތްވަނަ އަދި އަށްވަނަ ޓީމުގެ އިތުރުން، ނޯތު، ސެންޓްރަލް، ސައުތު އަދި މާލެ ލީގުގެ ޗެމްޕިއަނުންނެވެ. މި ހަ ޓީމުގެ މެދުގައި ކުޅެވޭ ކޮލިފިކޭޝަން ބުރުން ގަދަ ހަތަރު ޓީމަށް 2026/2027 ގެ ޕްރިމިއާ ލީގުން ފުރުސަތު ލިބިގެންދާނެއެވެ.


