ސާފް 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ
11 ޑިސެމްބަރު 2025 - 13:18

ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގެ 20 އަހަރުން ދަށުގެ ފުޓް ބޯޅަ މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނެރުނު ބަޔާނުގައިބުނީ ސާފްގެ މައި އިދާރާއިން 2026 ވަނަ އަހަރު ސާފް ގެ 20 އަހަރުން ދަށުގެ ފުޓް ބޯޅަ މުބާރާތް ބާއްވާނެ ގައުމަކީ ރާއްޖެކަމުގައި ކަނޑައަޅާފައިވާކަމަށެވެ.

Ad by Hajj Corporation
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ކަލަންޑަރު ސާފްގެ ހުރިހާ މެންބަރު ގައުމުތަކާ ވަނީ ރަސްމީކޮށް މިހާރު ހިއްސާކޮށްފައެވެ.
މިއީ ދިވެހި ފުޓްބޯޅައަށް ލިބުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި އެފްއޭއެމްއިން ފާހަގަކުރެއެވެ. ސަބަބަކީ ރާއްޖޭގައި ސާފްގެ ޒުވާނުންގެ ފުރަތަމަ މުބާރާތެއް ބާއްވާ ފަހަރު މިއީ ކަމަށްވާތީއެވެ. ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމުގެ ކުޅަދާނަކަން ރާއްޖެއަށް ލިބިގެންވާކަމަށާއި މުބާރާތް ހޯސްޓްކުރަން ނިންމީ ސަރަހައްދީ ފެންވަރުގައި ޒުވާން ކުޅުންތެރިން އުފައްދަން ރާއްޖެއިން އެއްބާރުލުން ދިނުމުގެ ގޮތުންނާއި، އެ މުބާރާތް އަމިއްލަ ގައުމުގައި ކުޅުމަކީ ރާއްޖޭގެ ކުޅުންތެރިންނަށް މުހިއްމު ތަޖުރިބާއަކަށްވާނެތީ ކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށާއި މުބާރާތް ހިންގުމާއި އިންތިޒާމުތަކާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތްތަނުގައި ހިއްސާކުރާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.
ރާއްޖެއިން އެންމެފަހުން ޔޫތު މުބާރާތެއް ހޯސްޓް ކުރީ އައްޑޫ ސިޓީގައި 2019 ވަނަ އަހަރު ބޭއްވި ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެވެ.


