'އެމީހުންނަކީ ވަގުން'، އެލް ކްލާސިކޯގެ ކުރިން ރެއާލް މެޑްރިޑަށް ލަމީން ޔަމާލް ފާޑުކިޔައި އިންޒާރުދީފި
24 އޮކްޓޯބަރު 2025 - 05:47

ބާސެލޯނާގެ ލަމީން ޔަމާލް ރެއާލް މެޑްރިޑާއި ރެފްރީންނާ ބެހޭ ގޮތުން އެލް ކްލާސިކޯގެ ކުރިން ދިން އިންޓަވިއުއެއްގައި ދެއްކި ހަރުކަށި ބަސްތަކަކީ ހަމަ ކަށަވަރުން ވެސް ބަރުދަން ހުރި ނުރައްކަލެކެވެ.
އެލް ކްލާސިކޯއަށް ދެދުވަހަށް ވެފައި ވަނިކޮށް، ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ ރެއާލް މެޑްރިޑާއި ރެފްރީންނާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުން ބޮޑުވާނެފަދަ ވަރުގަދަ ބަޔާނެއް ދީފައެވެ. މި ބަޔާނުގެ ސަބަބުން ބާސެލޯނާއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބެލެވެއެވެ. މިހާރު ކްލަބުގެ އެންމެ މުހިންމު އެއް ތަރިއަކީ ލަމީން ޔަމާލް ކަމަށް ވާއިރު، މި ވާހަކަތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

Ad by Hajj Corporation
ޓްވިޗްގައި ކިންގްސް ލީގުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، ޔަމާލްއާ ސުވާލު ކުރުމުން، ކިންގްސް ލީގުގެ ޓީމެއް ކަމަށްވާ ޕޯސިނޯސް އަކީ ރެއާލް މެޑްރިޑް ފަދަ ޓީމެއްތޯ ސުވާލު ކުރުމުން އޭނާ ދެއްވީ ވަރަށް ސާފު ޖަވާބެކެވެ. “އާނ، ހަމަ ޔަގީނުން ވެސް އެމީހުން ވަގަށް ނަގާނެ، އެމީހުން ޝަކުވާ ކުރާނެ…” ލަމީން ޔަމާލް މިހެން ވިދާޅުވިއެވެ. ލަމީން ޔަމާލް އަކީ ކިންގްސް ލީގް ސްޕެއިން ކްލަބެއް ކަމަށްވާ ‘ލާ ކެޕިޓަލް’ ގެ އެއް މިލްކުވެރިޔާ އެވެ. އަދި އޭނާގެ ޓީމު ކަމަށްވާ ‘ލާ ކެޕިޓަލް’ އާއި ޕޯސިނޯސް އާ ދެމެދު މެޗެއް ކުޅެނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ ހަފުތާ ބަންދުގައެވެ. މިކަމުގެ ސަބަބުން ދެ ޓީމު އަރާރުންވުމުގެ ވާހަކަ ކުރިއަށް އޮތުން އެކަށީގެންވެއެވެ.
ޔަމާލްގެ މި ބަސްތަކަށް ޕޯސިނޯސްގެ މިލްކުވެރިޔާ އިބާއީ ލްލާނޯސް ރައްދު ދެއްވިއެވެ. “ރެއާލް މެޑްރިޑް ވަގަށް ނަގަނީތޯ؟” މިއެވެ. ޔަމާލް ވަނީ އޭނާގެ ބަޔާން އިތުރަށް ވަރުގަދަކޮށްފައެވެ. އެވަގުތު ޖެރާޑް ޕިކޭ ވެސް ވަނީ އެވާހަކަތަކަށް ތާއީދުކޮށް ވާހަކަދައްކާފައެވެ.
އާދީއްތަ ދުވަހު ބާސެލޯނާ ރެއާލް ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނާނެއެވެ. މިމެޗަކީ ލީގުގެ އެއްވަނަ ހޯދުމަށް ބާސެލޯނާއަށް ވަރަށް މުހިއްމު މެޗެކެވެ. އަނމަވެސް މިވާހަކަތަކާއެކު ޔަމާލް އަށް ވަނީ އިތުރު ޕްރެޝަރަކާއި ކުރިމަތިލާން ޖެހިފައެވެ.
ރެއާލް މެޑްރިޑަށް ސަޕޯޓްކުރާ ސްޓްރީމަރެއް ކަމަށްވާ އިބާއީ ލްލާނޯސްއާ ވާހަކަ ދައްކަމުން ޔަމާލް ވަނީ އެލް ڪްލާސިކޯއާ ބެހޭ ގޮތުން އޭނާގެ އުއްމީދުތައް ހިއްސާކޮށްފައެވެ. ބާނަބައު ފަދަ އުނދަގޫ ދަނޑެއްގައި ލަނޑު ޖަހަން އޭނާ އަށް ޔަގީންތޯ ސްޓްރީމަރު ސުވާލު ކުރުމުން، ޔަމާލް ހިތްވަރުގަދަ ކަމާއެކު ޖަވާބު ދެއްވިއެވެ. “އަހަރެން މިހާރު ވެސް ޖަހައިފިން. ހަނދާން ނެތީތޯ؟”
އޭނާގެ ޖަވާބު ދައްކުވައިދެނީ 2024-25 ލަލީގާ ސީޒަންގައި ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ބާސެލޯނާއިން 4-0 އިން މޮޅުވި މެޗުގައި ލަމީން ޔަމާލް ލަނޑު ޖެހި ވާހަކައެވެ. އާދީއްތަ ދުވަހު އޭނާ އަމާޒު ހިފާފައި ވަނީ އެކަން ތަކުރާރުކޮށް، ކްލަބަށް ލީގުގެ އެއް ވަނަ އަނބުރާ ހޯދައި ދިނުމަށެވެ. ޔަމާލްގެ މި ހަރުކަށި ބަޔާންތަކާ އެކު، މިއަދު މި ބައްދަލުވުން ވާނީ އޭގެ ޒާތުގައި ވެސް ފާހަގަކޮށްލެވޭނެ ވަރުގެ ހިތްހަމަ ނުޖެހުންތަކެއް އުފެދިފައިވާ މެޗަކަށެވެ. ފާހަގަ ކޮށްލެވޭ އަނެއްކަމަކީ، މީގެކުރިން ކުޅުންތެރިން މިހާ ފާޅުކަން ބޮޑު ގޮތެއްގައި މިފަދަ ގޮތަކަށް މީޑިޔާތަކުގައި ރިޝްވަތުގެ ވާހަކަ ދެއްކުމަކީ ވަރަށް ނުފެންނަކަމެކެވެ.


