މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލަށް އިތުރު ކާމިޔާބީއެއް، ލޮލުގެ އައު ސާޖަރީއެއް ފަށައިފި
24 އޮކްޓޯބަރު 2025 - 14:44

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި، ލޮލުގެ ފަރުވާގެ ދާއިރާއިން އިތުރު މުހިންމު ފިޔަވަޅެއް ކުރިއަށް އަޅައި، ވިޓްރިއޯރެޓިނަލް ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މި ޚިދުމަތް ފެށުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް އެ ހޮސްޕިޓަލް ގްރޫޕުން ބުނެއެވެ.

Ad by Hajj Corporation
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިއަދު މިކަން ހާމަކުރެއްވުމުގައި ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލާ އަދި އައި.ޖީ.އެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުން، ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ވިޓްރިއޯރެޓިނަލް ސާޖަރީގެ ޚިދުމަތް ވަނީ ރަސްމީކޮށް ފަށާފައި ކަމަށެވެ. މި ސާޖަރީއަކީ ލޮލުގެ ފަހަތުގައިވާ އަލި އިހުސާސްކުރާ ފަށަލަ (ރެޓިނާ) އާއި، ލޯފުރާފައިވާ ސާފު ޖެލް (ވިޓްރިއަސް ހިއުމަރ) ގައި ދިމާވާ ނާޒުކު މައްސަލަތަކަށް ޚާއްޞަ ފަރުވާ ދިނުމަށް ކުރާ އޮޕަރޭޝަނެކެވެ.
ޑޮކްޓަރ އައްޒާމްގެ ތަޖުރިބާގެ ދަށުން އައު ކާމިޔާބެއް
ސީއީއޯ ހަލީމް ފާހަގަކުރެއްވި ގޮތުގައި މި މުހިންމު ޚިދުމަތް ރާއްޖެއަށް ތައާރަފްކުރެވުނީ ޑޮކްޓަރ މުހައްމަދު އައްޒާމްގެ ތަޖުރިބާގެ ދަށުންނެވެ. އޭނާ ވިދާޅުވީ މިއީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދެ އަހަރަށްވުރެ ގިނަ ދުވަހުގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި، މި ކާމިޔާބީ ހަޤީގަތަކަށް ވުމުގައި މުހިންމު ދައުރެއް އަދާކުރީ ޑޮކްޓަރ އައްޒާމް ކަމަށެވެ.
"މި ދެ އަހަރު ދުވަހުގެ މަސައްކަތުން ހާސިލުވި އަގުހުރި ކުރިއެރުމެއް. މި ކާމިޔާބީ ހަޤީޤަތަކަށް ހެއްދެވުމުގައި އެހީތެރިވެދެއްވި ޑޮކްޓަރ އައްޒާމަށާއި، އޮފްތަލްމޮލޮޖީ ޓީމަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" ހަލީމް ވިދާޅުވިއެވެ.
މިފަދަ ހައި-ޓެކް ޚިދުމަތްތައް ރާއްޖޭގައި ފެށުމަކީ ރާއްޖެއިން ބޭރަށް ގޮސް ބޮޑެތި ޚަރަދުތަކެއް ކޮށްގެން ފަރުވާ ހޯދަންޖެހޭ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުއިކަމެކެވެ. ސިއްހީ ޚިދުމަތްތައް މަތިކުރުމާއި، ސަބް-ސްޕެޝަލިސްޓް ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން މި ފެށުނު ޚިދުމަތުގެ ސަބަބުން ލޮލުގެ ގިނަ މައްސަލަތަކަށް ރާއްޖެއިން ފަރުވާ ލިބިގެންދާނެއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ވަނީ މި މަހު ވެސް އައިޖީއެމްއެޗުގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖަރީ ޑިޕާޓްމަންޓުން އެންމެ ފަހުގެ އެޑްވާންސް ޓެކްނޮލޮޖީ (އޯލް އިން ވަން ހަތަރުގުނަ ސާފުކޮށްފެންނަ 4k) އާރތްރޮސްކޮޕީ ޓަވަރު ބޭނުންކޮށްގެން، ކަށީގެ ބަލިތަކާއި، ޚާއްސަކޮށް ކުޅިވަރުގެ ސަބަބުން ލިބޭ އަނިޔާތަކަށް ފަރުވާ ދިނުމަށް ފަށާފައެވެ. މި އައު ނިޒާމުގެ ސަބަބުން ބަލި ދެނެގަތުމާއި ފަރުވާ ދިނުމުގައި ދުނިޔޭގެ އެންމެ ޒަމާނީ ގޮތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.


