އޭޝިއާ އަންހެން ބީޗް ވޮލީބޯޅަ މުބާރާތެއްގެ ކުއާޓާއަށް ފުރަތަމަ ފަހަރަށް ދަތުރުކުރުކޮށް ދީމާ އާއި އަޒްކާ ތާރީޚުން ޖާގަ ހޯދައިފި
24 އޮކްޓޯބަރު 2025 - 18:08

ބަހްރެއިންގެ މަނަމާގައި މިހާރު ކުރިއަށްދާ 3 ވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ތާރީޚަށް އައު ސަފްހާއެއް ލިޔެ، އެ މުބާރާތުގައި ކުޅޭ އައިޝަތު ދީމާ ނަދީމް އާއި އަޒްކާ ބިންތު މުޙައްމަދު ސިދުގީގެ ޕެއަރއިން ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފިއެވެ.
މިއީ އޭޝިއާ ފެންވަރުގެ ބީޗް ވޮލީ ބޯޅަ މުބާރާތެއްގައި ރާއްޖެއިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީކަން ފާހަގަކޮށްލެވެއެވެ.

Ad by Hajj Corporation
ކ. ހުރާ އަށް ނިސްބަތްވާ ރާއްޖޭގެ މި ޒުވާން ޕެއަރއިން ކުއާޓާ ފައިނަލް ޔަގީންކުރީ އަންހެން ބީޗް ވޮލީ އިވެންޓްގެ ގްރޫޕް ބީގެ ތިންވަނަ ހޯދައިގެންނެވެ. ގްރޫޕް ބީގެ މެޗުތަކުގައި ދީމާ އާއި އަޒްކާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޕެއާއިން ގްރޫޕްގައި ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، ޖުމްލަ ހަތް ޕޮއިންޓް ހޯދި އެވެ. އެގޮތުން، ގްރޫޕްގެ ހަތަރުވަނައަށް ދިޔަ މޮންގޯލިއާ އާއި ފަސްވަނައަށް ދިޔަ ޖޯޑަންއަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓް ނަމަވެސް، ރާއްޖެ ކުރިއަށް ޖެހިލީ މެޗުތަކުގައި ހޯދި ސެޓުތަކާއި ކާމިޔާބުކުރި ޕޮއިންޓްގެ ތަފާތުގައެ ބަލައިގެންނެވެ.
ގްރޫޕް މަރުޙަލާގެ ފަހު މެޗުގައި މިރޭ ދީމާއާއި އަޒްކާ ބައްދަލުކުރީ ގްރޫޕްގެ އެއްވަނަ ހޯދި ތައިލޭންޑާ އެވެ. މި މެޗުން ރާއްޖެ ބަލިވީ ނަމަވެސް، ދެ ސެޓުގެ ތެރޭގައި ސްކޯ ކުރެވުނު ޕޮއިންޓްތަކަކީ ކުއާޓާއަށް ދަތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރި ކަންތައްތަކެކެވެ. މެޗުގެ ފުރަތަމަ ސެޓު ތައިލޭންޑުން 7-21 އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓުގައި ދިވެހި ޓީމުން 11 ޕޮއިންޓް ހޯދައި ވަރުގަދަ ވާދަވެރިކަމެއް ދެއްކިއެވެ. ދެވަނަ ސެޓު ނިމުނީ 11-21 އިން ތައިލޭންޑަށް ލިބިގެން ނެވެ. ގްރޫޕް ބީގައި އެއްވަނަ ތައިލެންޑް ހޯދި އިރު، ދެވަނަ ހޯދީ އިންޑޮނޭޝިއާ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގައި ދީމާ އާއި އަޒްކާގެ ޕެއާ ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނަ ހޯދި ކަޒަކިސްތާން ޓީމާއެވެ. މި މުހިންމު ކުއާޓާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.


