ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި އަދަދު 45 އިންސައްތަ އިތުރު
25 އޮކްޓޯބަރު 2025 - 07:30
.webp&w=3840&q=75)
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ މެދާ ހަމައަށް ޖަމާކުރި ފައިސާގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 45 އިންސައްތަ އިތުރުވެފައިވާކަމަށް، މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަކީ، އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން އަރައިގަތުމަށް ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ.

Ad by Hajj Corporation
މާލީ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް މުޅި ޖުމްލަ 1.6 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ 2024ވަނަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރި 1.1 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 45 އިންސައްތަ އިތުރު ޢަދަދެކެވެ.
ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑަކަށްވާއިރު، މި ފަންޑުގެ އެހީގައި، ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 4.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް އަނބުރާ ދެއްކުމަށް ޚަރަދުކުރި އަދަދާއި އަޅާބަލާއިރު 120 އިންސައްތަ އިތުރު އަދަދެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކޮށްފައިވަނީ 2.0 ބިލިޔަން ރުފިޔާއެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ. 2016ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވަރިން ފަންޑަށް ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ ޖަމާކުރަމުންނެވެ. އެއީ އެއާޕޯޓުން ފުރާމީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ އާމްދަނީއާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓްގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު މެނޭޖުކޮށް ބެލެހެއްޓުމުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ބޮޑެތި އިހުމާޅުތަކެއް ވެފައިވާކަމަށް ކަމާ ބެހޭ އިދާރާތަކާއި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ޑޮލަރު ހުއްޓެވެ. އެކަމަކު ރައީސް ސާލިހު ސަރުކާރު ނިމުނުއިރު ފަންޑުގެ ބޮޑު ބަޔަކީ ރުފިޔާ އެވެ. އެ ފަންޑަށް އެމްޑީޕީ ސަރުކާރުން ބަރާބަކަށް ފައިސާ ޖަމާ ކުރިނަމަ އައު ސަރުކާރު ހަވާލުވީިއިރު ބިލިއަނެއްހާ ޑޮލަރު މި ފަންޑުގައި ހުންނާނެ އެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު އެސްޑީއެފްގައި ހުރީ ދެ މިލިއަނެއްހައި ޑޮލަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.


