ދަރަނި ދައްކަން ބޭނުންކުރަން 566 މިލިއަން ޑޮލަރު އެބަހުރި
8 ފެބްރުއަރީ 2026 - 07:16

މިއަހަރު ރާއްޖެއިން ދައްކަން ޖެހޭ ބޮޑު ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް ސަރުކާރުން ހަމަޖައްސައި، މިހާރުވެސް އެ ފައިސާ ދެއްކޭނެ ހާލަތަށް ރިޒާވް ވަރުގަދަކޮށްފިއެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ޖުމްލަ ރިޒާވް މިހާރު ހުރީ 1.1 ބިލިއަން ޑޮލަރުގައެވެ. ކުރު މުއްދަތުގެ ދަރަންޏާއި އިމްޕޯޓަށް ބޭނުންވާ ފައިސާ އުނިކުރުމަށްފަހު، ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަނީ 291 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މީގެ އިތުރުން، ފަހަށް ރައްކާކުރާ ފަންޑު ނުވަތަ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) ގައި މިހާރު 275 މިލިއަން ޑޮލަރު އެބަހުއްޓެވެ.

Ad by Hajj Corporation
މިއާއެކު، ދަރަނި އަދާކުރުމަށްޓަކައި އެމްއެމްއޭގެ ބެލުމުގެ ދަށުގައި މިވަގުތު ޖުމްލަ 566 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ މިއޭޕްރީލް މަހު އަދާކުރަންޖެހޭ 600 މިލިއަން ޑޮލަރުގެ ބޮޑު ދަރަނީގެ ބޮޑު ބައެކެވެ. މީގެ ތެރޭގައި ހިމެނެނީ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ބޮންޑަކާއި 100 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑެކެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް 5 ފެބްރުއަރީ 2026 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނާ ގުޅިގެން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ދަރަނި ދެއްކުމަށްޓަކައި ސަރުކާރުން ހާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި، މިހާރު ރިޒާވްގައި ހުރި ފައިސާއަކީ އެއްވެސް އެހެން ކަމަކަށް ބޭނުންނުކޮށް ރައްކާކޮށްފައި ހުރި ފައިސާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ކުރިން އޮތް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) ގެ ޕްރޮގްރާމަކަށް ދާންޖެހޭ ކޮންޑިޝަން، ދެ ގައުމުގެ މަޝްވަރާއަށްފަހު މިހާރު އުނިކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި އެކުއެޒިޝަން ކޮސްޓް ފަދަ ކަންކަމުން އިތުރު 100 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭތީ، ދަރަނި ދައްކަން އިތުރަށް ހޯދަން ޖެހޭނީ އެންމެ 150 މިލިއަން ޑޮލަރު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ޔަގީންކަން ދެއްވި ގޮތުގައި، ރާއްޖެ އެކްސްޓާނަލް ޑިފޯލްޓަކަށް ދިއުމުގެ ބިރު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި ބޭރުގެ މާކެޓުން ދަރަނި ނަގަން ޖެހުނަސް، މީގެ ކުރީގެ ސަރުކާރުން ނަގާފައިވާ ރޭޓަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ފައިސާ ހޯދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.


