ހަމާސްގެ ބިންގަރާސްތައް ހަލާކުކޮށްލުމުގެ މަސައްކަތް ފަށަން ޔަހޫދީ ދިފާއީ ވަޒީރު ގޮވާލައިފި
26 އޮކްޓޯބަރު 2025 - 13:00

ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރަމުންދާ ޖިހާދީ ޖަމާއަތް- ހަމާސްގެ ބިންގަރާސްތައް ހަލާކުކޮށްލުމުގެ މަސައްކަތް ފެށުމަށް ސަހުޔޫނީ ޣައިރު ގާނޫނީ ދައުލަތުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ގޮވާލައިފިއެވެ.
ކަޓްޒްވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސުވުމުގެ ދަށުން އިސްރާއީލުގެ ބާރުގެ ދަށުގައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ގާއިމުކުރެވިފައިވާ ހަމާސްގެ ބިންގަރާސްތައް ނައްތާލުމުގެ މަސައްކަތް ފެށުމަށް ސަހުޔޫނީ ސިފައިންނަށް އަމުރުކޮށްފައެވެ.

Ad by Hajj Corporation
ކަޓްޒްވަނީ ހަމާސްގެ ބިންގަރާސްތަކުގެ 60 އިންސައްތަ އަދިވެސް ހަލާކު ނުކޮށްލެވި ވާކަމަށް ބުނެ މި ބިންގަރާސްތައް ނައްތާލުމަކީ ޔަހޫދީންގެ މައިގަނޑު މަސައްކަތެއްކަމަށް ބުނެފައެވެ.
ހަމާސްގެ މި ބިންގަރާސްތަކަކީ ބޮޑު ނުރައްކަލެއްކަމަށް ޔަހޫދީން ދެކެއެވެ.
1970 ގެ ކުރީކޮޅު ހިނގި ވިއެޓްނާމް ހަނގުރާމައިގާ އެމެރިކާ ސިފައިން އިނދަޖައްސާލުމަށް ވިއެޓްނާމް ސިފައިން ބޭނުންކުރި 270 އަކަ ކިލޯމީޓަރުގެ ބިމުގެ އަޑީގެ ބިންގަރާހަށްވުރެ ދެ ގުނަ ބޮޑެތި ބިންގަރާސްތައް ޣައްޒާގެ ބިމުގެ އަޑީގައި ހަމާސްއިން ވަނީ ބިނާކޮށްފައެވެ.
ހަމާސް އިން އިސްރާއީލުގެ އެތަން މިތަނަށް ރޮކެޓް ހަމަލާތަށް ދެނީ މި ބިންގަރާސް ސިޓީ ބޭނުންކޮށްގެންނެވެ. ހަމާސް އިން ރޮކެޓާއި ޑްރޯން އުފައްދާ ކާރުޚާނާތަކާއި ލެބޯޓްރީތައް އެޖަމާއަތުން ބިނާކޮށްފައިވަނީވެސް އަދި އެޖަމާއަތުގެ އިންޖިނޭރުންނާއި ރީސާޗަރުންނާއި ލީޑަރުންވެސް ގިނައިން އުޅުއްވަނީވެސް މިފަދަ ބިންގަރާސްތަކުގައިކަމަށް ވަނީ ބެލެވިފައެވެ.
2014 ވަނަ އަހަރު އިސްރާއީލު ސިފައިން ޣައްޒާއަށް އެއްގަމު މަގުން އެރުމުން ކުރިމަތިވި ނާކާމިޔާބީއާއި 2023 ވަނަ އަހަރު ފެށުނު 2 އަހަރުވީ ހަނގުރާމައިގައި ކުރިމަތިވި ނާކާމިޔާބީތަކަކީ މި ބިންގަރާސްތަކުގެ ސަބަބުން ކުރިމަތިލާންޖެހުނު ނާކާމިޔާބީތަކެއްކަމަށް ޔަހޫދީން ގަބޫލުކުރެއެވެ.


