މޮޅުނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނައުމަށް ތާރީޚީ ޖާޒީއާއެކު ނިއުއިން އީގަލްސްއާ ދެކޮޅަށް ވަރުގަދަ އަޒުމެއްގައި
27 އޮކްޓޯބަރު 2025 - 10:23

ދިވެހި ލީގުގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން، ކުލަބު އީގަލްސްއާ ދެކޮޅަށް ނުކުންނަ މެޗުގައި ވަރަށް ޙާއްސަ ތިންކަމެއް ފާހަގަކުރަން ޖެހޭކަމަށް ނިއުރޭޑިއަންޓްގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި މުބީން ވަނީ މިކަމުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ.

Ad by Hajj Corporation
އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި މުބީން ފާހަގަކުރެއްވީ، މިރޭގެ މެޗުގައި ނިއުއިން ބޭނުންކުރާނެ ޖާޒީއެވެ.
ނިއުރޭޑިއަންޓުން މިރޭގެ މެޗުގައި ވާދަކުރާނީ 1996 ވަނަ އަހަރު ހުއްރިއްޔާ ބަލިކޮށް އަޅުގަނޑުމެން ގައުމީ ތަށި ނެގިއިރުގައި ބޭނުންކުރި ޖާޒީގައި އަޅުގަނޑުމެން މިރޭގެ މެޗުގައި ނުކުންނާނީ. މި ޖާޒީ ލައިގެން ނުކުންނައިރުގައި އަޅުގަނޑުމެން ހަނދާނުގައި އެބަހުރި އާދަމް އަބްދުލް ލަތީފް (ލައްޗޭ) އަދި ޝާޙް އިސްމާއީލް އަޅުގަނޑުމެންނަށް ކާމިޔާބުކޮށްދިން ގޯލާއެކު އެ މެޗުން ހޯދި ކާމިޔާބީ. ގައުމީ މުބާރާތް ނެގީ. ވަރަށް މުހިންމު މެޗެއް. ހުރާއިން ވަރަށް ފޯމުގައި ކުޅެމުން އަންނަނިކޮށް - ނިއުރޭޑިއަންޓްގެ ޗެއާމަން އަޙްމަދު މުބީން
މެޗުގައި ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރާ ދެވަނަ ކަމަކީ، ހެޑް ޓު ހެޑް ނަތީޖާއިން އީގަލްސް އަތުން ނިއުއިން ހޯދަން ބޭނުންވާ ކާމިޔާބީއެވެ.
އީގަލްސް އަތުން 2013 އިން ފެށިގެން މިއަދާ ހަމައަށް މި ކުޅުނު މެޗުތަކުގައި 11 ފަހަރު ނިއުރޭޑިއަންޓް ބައްދަލުކުރިއިރުގައި އަޅުގަނޑުމެންނަށް މޮޅުވެވިފައި މިވަނީ ފަސް ފަހަރު. ތިން ފަހަރު އީގަލްސް މޮޅުވެފައިވާއިރު ތިން މެޗުން މިވަނީ އެއްވަރުވެފައި. މީގެ ފާހަގަކޮށްލަން ޖެހޭ ކަމަކީ، 2018 ވަނަ އަހަރު އެންމެފަހުން އަޅުގަނޑުމެން ލީގުގައި ކުޅުނު އިރުގައި ދެ މެޗު އީގަލްސްއާ ކުޅުނު އިރުގައި ދެ މެޗުން ވެސް މޮޅު ނުވެވިފައި މިވަނީ. ނިއުގެ ސަޕޯޓަރުން ބޭނުންވާނެ، އަބަދުވެސް ކޮންމެ ކުލަބަކާ ދެކޮޅަށް ކުޅޭއިރުގައި ވެސް ނިއުރޭޑިއަންޓަކީ މޮޅުވެފައި އޮންނަ ޓީމުގެ ގޮތުގައި އޮންނަން. އެހެންވީމަ އީގަލްސް އަތުން މޮޅުނުވެވި މި ދިގުދެމިގެންދާ ދިއުން ނިމުމަކަށް ގެންނަން މިރޭގެ މެޗަކީ އެހާމެ މުހިންމު މެޗެއް - ނިއުރޭޑިއަންޓްގެ ޗެއާމަން އަޙްމަދު މުބީން
ތިންވަނަ ކަމެއްގެ ގޮތުގައި މުބީން ފާހަގަކުރެއްވީ، ހަތް އަހަރަށްފަހު އެނބުރި ފުރަތަމަ ޑިވިޝަނަށް އައިސް، ލީގު ކާމިޔާބު ކުރުމުގެ ރޭހުގައި ކުރަމުން އަންނަ މަސައްކަތުގައި މިރޭގެ މެޗުން މޮޅުވުން މުހިންމުކަމެވެ.
ލީގު ރޭހުގައި ނިއުއިން ވާދަކުރަމުން މި އަންނަނީ. މިވަގުތު މާޒިޔާ އާއި އޮޑި ނިއުއަށްވުރެ ކުރީގައި މި އޮތީ. އެހެންވީމަ ލީގު ހޯދުމުގެ މި ރޭހަށް، މިރޭގެ މެޗުން ތިން ޕޮއިންޓު ހޯދާ، ގިނަ ގޯލްތަކެއް ޖެހުމަކީ ވަރަށް މުހިންމު ކަމެއް - ނިއުރޭޑިއަންޓްގެ ޗެއާމަން އަޙްމަދު މުބީން
ފުރަމަމަ ޑިވިޝަނުގެ ލީގު ތާވަލަށް ބަލާއިރު އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް 15 ޕޮއިންޓާއެކުއެވެ. އެ ޓީމަށް ފައިދާ ގޯލުގެ ގޮތުގައި 22 ލަނޑު އެބަ އޮތެވެ. ދެވަނައިގައި އޮޑި ސްޕޯޓްސް ކުލަބު އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ނިއު އޮތީ އެއް މެޗު މަދުން ކުޅެ، ހަތަރު މެޗުން 12 ޕޮއިންޓާއެކުއެވެ.
ތާވަލުގެ އެއްވަނައަށް އެރުމަށްޓަކައި ނިއުއިން މިރޭގެ މެޗުން، ނުވަ ގޯލުގެ ފަރަގަކުން މޮޅުވާން ޖެހޭނެއެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިވަގުތު ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައި އޮތް ހަމައެކަނި ދެ ޓީމަކީ މާޒިޔާ އާއި ނިއުރޭޑިއަންޓެވެ. މާޒިއާ ކޮޅަށް ފަސް މެޗުން ދެ ލަނޑު ވަދެފައިވާއިރު، ނިއު ކޮޅަށް އަދި ލަނޑެއް ވަދެފައެއް ނުވެއެވެ.
މިހާތަނަށް އައިއިރު ނިއުއިން ކުޅުނު ކޮންމެ މެޗެއްގައި ވެސް އެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ކުރިއަށް ހުރި މެޗުތަކުގައި ވެސް އަދި މިރޭގެ މެޗުގައި ވެސް ސަޕޯޓަރުންގެ ފަރާތުން އެ ފޯރިއާއި ޖޯޝު ފެންނާނެކަމަށް ވަރަށް ބޮޑަށް ޔަގީންކުރާކަމަށް މުބީން ވިދާޅުވިއެވެ.
ނިއުރޭޑިއަންޓާއި އީގަލްސް ލީގުގައި މިރޭ ކުޅޭ މެޗު ފަށާނީ 21:00 ގައެވެ.


