ސެންޓޭ ޖެހިޖެހިގެންހެދި ދެވަނަ ހެޓްރިކާއެކު ނިއުރޭޑިއަންޓް އެފްއޭކަޕްގެ ފައިނަލަށް
15 އޭޕްރީލު 2026 - 13:34
އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު، 7-0 އިން ބްލޫ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ނިއު އިން ވަނީ ފުރިހަމަ ކުޅުމެއް ދައްކައި، މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްފައެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ނިއު އިން ވަނީ ފަސް ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ސެންޓޭ ނެގި ހުރަހަކުން ޔާޔާ ބިލިޓީ ފުރަތަމަ ލަނޑު ޖަހައިދިންއިރު، 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސެންޓޭ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. އޭގެ ތިން މިނެޓް ފަހުން އަލް ހާޖީ ގޭރޯ ތިންވަނަ ލަނޑު ޖެހިއިރު، ހަތަރުވަނަ ލަނޑު 40 ވަނަ މިނެޓުގައި ޖަހައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގޭރޯ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ސެންޓޭ ވަނީ ނިއުގެ ހަވަނަ ލަނޑު ޖަހާފައެވެ. އަދި މެޗުގެ 81 ވަނަ މިނެޓުގައި އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށް މެޗުގެ ނަތީޖާ 7-0 އަށް ބަދަލުކޮށްފައެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބް އަތުން 4-0 އިން ނިއު މޮޅުވި މެޗުގައި ވެސް ސެންޓޭ ވަނީ ހެޓްރިކެއް ހަދާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ދެވަނަ ހާފުގައި ނިއު އިން ވަނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ކުޅެން އަރުވާފައެވެ.
ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކްލަބުން ކުއާޓާ ފައިނަލުގައި ކްލަބް އީގަލްސް ކަޓުވާލައި ބޮޑު ސިއްސުމެއް ގެނައި ނަމަވެސް، މިއަދުގެ މެޗުގައި ނިއުގެ ވަރުގަދަ ކުޅުމުގެ ކުރިމަތީގައި އެ ޓީމަށް މާ ބޮޑު ނުރައްކަލެއް ކުރިމަތިކުރެވޭ ގޮތެއް ނުވިއެވެ. އެފްއޭ ކަޕްގެ ތާރީޚުގައި 12 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ނިއު ރޭޑިއަންޓަކީ މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމެވެ.
ނިއު އިން ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ޓީސީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ ސެމީ ފައިނަލް މެޗުންނެވެ. އެ މެޗުން ބަލިވާ ޓީމެއް ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ބްލޫ ސްޕޯޓްސް ކްލަބާއެވެ.


