ވޭމަންޑޫ ވެޔޮ އެކަޑަމީން ނިއުގެ ތަރިން ބައިވެރިވި ފޯރިގަދަ ފުޓްސަލް މެޗެއް ބާއްވައިފި
9 މޭ 2026 - 07:46

ތ. ވޭމަންޑޫ: ތ. ވޭމަންޑޫ "ވެޔޮ ޖަމިއްޔާ"ގެ އެކަޑަމީއަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ އިވެންޓެއްގެ ތެރެއިން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ތަރިން ހިމެނޭ ޓީމަކާއި ވޭމަންޑޫގެ ޓީމަކާ ދެމެދު ފޯރިގަދަ ފުޓްސަލް މެޗެއް ކުޅެފިއެވެ.
މި މެޗާ ގުޅޭގޮތުން ނިއުރޭޑިއަންޓްގެ ޗެއާމަން އަހްމަދު މުބީން ވިދާޅުވީ، ވޭމަންޑޫ ވެޔޮ ޖަމިއްޔާގެ އެކަޑަމީގެ މި ޚާއްޞަ އިވެންޓުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ވެޔޮ ޖަމިއްޔާއަކީ އެ ރަށުގެ އިޖުތިމާޢީ އަދި ކުޅިވަރުގެ ދާއިރާގައި ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މި ދަތުރުގެ ތެރެއިން ކުޅުނު ފޯރިގަދަ ފުޓްސަލް މެޗު 7-6 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއުރޭޑިއަންޓްގެ ޓީމެވެ. މި މެޗުގައި ނިއުގެ ޓީމުން ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިން ފެނިގެންދިޔައެވެ. އޭގެ ތެރޭގައި ތިމަރަފުށީ ރޮނާލްޑޯ، މުނީޒް (ޓްރީ)، ފުރަތަމަ ސީ.އެމް.ސީގެ މޮޅު ކުޅުންތެރިޔާ އަފޭ، ޢާލިމް، އޮމަދޫ ޒުއްބަ އަދި ވަރުގަދަ އަމީޒް (ބޮންގު) ހިމެނެއެވެ.
ވޭމަންޑޫ މެޗުގައި ނިއުގެ ކެޕްޓަންކުރި މުބީން ވޭމަންޑޫ ޓީމުގެ ކެޕްޓަނާއެކު
މުބީން އިތުރަށް ވިދާޅުވީ، ވެޔޮ އެކަޑަމީ ހިންގާތާ މިވީ ތިން އަހަރުގެ ތެރޭގައި އެކަޑަމީގެ މެނޭޖުމަންޓާއި، ކޯޗުން އަދި ސްޓާފުން ކުދިންގެ ކުރިއެރުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކަކީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ކަމަށެވެ.
"ވެޔޮ އެކަޑަމީގެ އެންމެ ބޮޑު މަޤްޞަދަކީ ތުއްތު ކުދިންނާއި ޒުވާން ކުދިން ކުޅިވަރުގެ ތެރެއަށް އަހުލުވެރިކުރުވުން. ފުޓްބޯޅަ އާއި ހޭންޑްބޯލް ފަދަ ކުޅިވަރުތައް ދަސްކޮށްދީ، ހުނަރުވެރި ޖީލެއް ބިނާކުރުމަށް އެކަޑަމީން ކުރިއަށްގެންދާ ޕްރޮގްރާމްތަކަކީ ވަރަށް ފުރިހަމަ މަސައްކަތްތަކެއް،" މުބީން ވިދާޅުވިއެވެ.
ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ރަށްރަށަށް ގެންގޮސްގެން މިފަދަ އިވެންޓްތައް ބޭއްވުމަކީ ކުޑަކުދިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަކުރައްވަމުން، މުބީން ވަނީ ވެޔޮ އެކަޑަމީއަކީ ރާއްޖޭގެ އެކަޑަމީތަކަށް ނަމޫނާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި ދަތުރުގައި ވޭމަންޑޫގެ ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު މަރުޙަބާ އާއި ބެހެއްޓެވި ގާތް މެހެމާންދާރީއަށް މުބީން ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ފުރުޞަތެއްގައި ވޭމަންޑޫއަށް ޒިޔާރަތްކުރުމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.


