މި ސަރުކާރުން ފައިސާ ޗާޕެއް ނުކުރާނެ: ވަޒީރު ސައީދު
28 އޮކްޓޯބަރު 2025 - 04:56

ސަރުކާރުން ފައިސާ ޗާޕުނުކުރާނެ ކަމުގެ ޔަގީންކަން އިގުތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދެއްވައިފިއެވެ.
ވަޒީރު މި ޔަގީންކަން ދެއްވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ޗާޕުކޮށް މޯލްޑިވްސް ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުގެ ހަރަދު ހަމަޖައްސަން 2.4 ބިލިއަން ރުފިޔާ ބާޒާރަށް ނެރެން ސަރުކާރުން މަސައްކަތްކުރާކަމަށް ތުހުމަތުކުރައްވައި މެމްބަރު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވިއިރު 125.2 ބިލިއަން ރުފިޔާގެ ދަރަނި ވާރުތަވި ކަމަށެވެ. ނަމަވެސް އާމްދަނީ ލިބޭނެ އެއްވެސްކަމެއް އެމްޑީޕީގެ ސަރުކާރުން ކޮށްފައިނުވާކަމަށް ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނި އެ ފަސް އަހަރު އިތުރުވީ ކޮވިޑުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނާއިރު ކޮވިޑުގެ ނަމުގައި 8.7 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، ކޮވިޑާ ގުޅިގެން ހަރަދުކުރީ 4.2 ބިލިއަން ރުފިޔާކަން ފާހަގަކުރައްވައި ވަޒީރުވަނީ އެމްޑީޕީ ސަރުކާރުގައި ފައިސާ ޗާޕުކުރި ސަބަބަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެެ.
އެއިރު ފައިސާ ޗާޕުކުރީ މަޖިލީހުގައި ތިއްބެވި މިހާރުގެ ސަރުކާރު މެންބަރުން ފައިސާ ޗާޕުނުކުރުމަށް އާދޭސްކުރައްވަނިކޮށްކަމަށާއި އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑުކުރުމަށްފަހު އަށް ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ނަތީޖާއަކީ ދިވެހި ފައިސާގެ އަގު ވެއްޓުންކަމަށް ވަޒީރު ވިދާަޅުވިއެވެ.


