2026 ވަނަ އަހަރު އިގުތިޞާދީ ދުވެލި 5.3 އިންސައްތައިގައި ކުރިއަރާނެ
30 އޮކްޓޯބަރު 2025 - 10:23

2026 ވަނަ އަހަރު އިގުތިޞާދީ ދުވެލި 5.3 އިންސައްތައިގައި ކުރިއަރާނެކަމަށް ލަފާކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެތު މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ 2026 ވަނަ އަހަރު އިގުތިޞާދީ ދުވެލި 5.3 އިންސައްތައިގައި ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށެވެ.

Ad by Hajj Corporation
އަދި 2026 ވަނަ އަހަރާއި 2028 ވަނަ އަހަރާދެމެދު ރާއްޖޭގެ އިގުތިޞާދީ ކުރިއެރުން އެވަރެޖްކޮށް ހުންނާނެކަމަށް އަންދާޒާކުރެވެނީ 4.9 ޕަސެންޓުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ބޭނުން ކުރެވެން ފެށުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، 2026 ވަނަ އަހަރުގައާއި މެދުރާސްތާގައިވެސް ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާއި ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކަށް 2026 ވަނަ އަހަރާއި މެދުރާސްތާގައި ހިނގާނެކަމަށް ބެލެވޭ ޚަރަދަށް ބިނާކޮށް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ އެވަރެޖްކޮށް އަހަރަކު 3.1 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކޮށްފައިވެއެވެ.
ރާއްޖޭގެ ރަސްމީ ރިޒާވް 2024 ވަނަ އަހަރު ނިމުނުއިރު 673.9 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދަށް ގެނެވިފައިވާ ބަދަލުތަކާއި އިގުތިސާދީ ކުރިއެރުމާއެކު 2025 ވަނަ އަހަރު ރަސްމީ ރިޒާވް 848.6 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ބެލެވޭއިރު އަދި 2026 ވަނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
2026 ވަނަ އަހަރާއި މެދުރާސްތާގައި ހިނގާނެކަމަށް ބެލެވޭ ޚަރަދަށް ބިނާކޮށް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ އެވަރެޖްކޮށް އަހަރަކު 31. ޕަސެންޓުން ކުރިއަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
2026 ވަނަ އަހަރު ދިވެހި ދައުލަތަށް ލިބޭ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ހުންނާނެކަމަށް ލަފާކުރެވެނީ 40.4 ބިލިއަން ރުފިޔާގައެވެ. މިއީ މިއަހަރަށް ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށް އަންނަ 6.6 އިންސައްތަ އިތުރުވުމެކެވެ.
2025 ވަނަ އަހަރު އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ވަނަ އަހަރު ފެނިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


