ތާރީޚީ އައު ސަފުހާއެއް, ޖެނެރޭޝަނަލް ބޭން އަށް ޢަމަލުކުރަން ފަށައިފި
1 ނޮވެމްބަރު 2025 - 02:52

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެ އިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ޖެނެރޭޝަނަލް ބޭން" އަށް މިއަދުން (ނޮވެމްބަރު 1، 2025) ފެށިގެން ޢަމަލުކުރަން ފަށައިފި އެވެ. މި ބަދަލާއެކު ދިވެހިރާއްޖެ ވެގެންދާނީ ދުންފަތުން އެއްކޮށް ރައްކާތެރި ޖީލެއް އުފެއްދުމުގެ މި ތާރީޚީ ސިޔާސަތު ޤައުމީ ފެންވަރެއްގައި ތަންފީޒުކުރާ ދުނިޔޭގެ ފުރަތަމަ ޤައުމަށެވެ.
ގައުމީ ތަރައްޤީއަށް ދުޅަހެޔޮ އާބާދީއެއްގެ މުހިއްމުކަން

Ad by Hajj Corporation
ޤައުމެއް ބިނާކޮށް، ތަރައްޤީކޮށް ދެމެހެއްޓުމަށް ބޭނުންވާ އެންމެ މުހިއްމު ވަޞީލަތަކީ ދުޅަހެޔޮ އާބާދީއެކެވެ. އާބާދީގެ ދުޅަހެޔޮކަން ބިނާވަނީ ޅަ އުމުރުން ފެށިގެން ޙަޔާތުގެ ހުރިހާ މަރުޙަލާއެއްގައިވެސް ދުޅަހެޔޮ އާދަތަކަށް އުޅުމުގެ މައްޗަށެވެ. އާއްމު ޞިއްޙަތަށް އެންމެބޮޑު ގޮންޖެހުން ކުރިމަތިކުރުވާ އަދި ގައިންގަޔަށްނާރާ ބޮޑެތި ބަލިތަކަށް ތިމާ ހުށަހެޅިގެންދާ އެއް އާދައަކީ ދުންފަތުގެ އިސްތިޢުމާލުކުރުމަށް އާދަވުމާއި އެކަމުގައި ދެމިހުރުމެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމާ ގުޅިފައިވާ ޞިއްޙީ، މާލީ އަދި އިޖްތިމާޢީ ގެއްލުންތަކާއި ޤައުމުގެ އުފެއްދުންތެރިކަމަށް ލިބެމުންދާ ޢަދަދު ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކުން ރައްޔިތުންނާއި ޤައުމު ރައްކާތެރިކުރަންޖެހެއެވެ. ދުންފަތަކީ އެ ބޭނުންކުރުމުގެ އާދަ ޅަ އުމުރުގައި ފެށޭ އަދި އިންތިހާއަށް ދެވިހިފާ އޭގެން ސަލާމަތްވުމަށް އުނދަގޫ އެއްޗަކަށް ވުމާއެކު، ދުންފަތުން މުޖްތަމަޢު ރައްކާތެރިކުރުމުގެ މަސައްކަތުގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ، މިއާދައަށް ހުށަހެޅުން ހުއްޓުވުމުގެ މައްޗަށެވެ.
ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް، ޞިއްޙީ ރަނގަޅު އާދަތަކަށް އަހުލުވެރިކޮށް އަދި ވަކިން ޚާއްޞަކޮށް ދުންފަތުގެ ވަބާއިން މީހުން ރައްކާތެރިކުރުމަށް، ސަރުކާރުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ތެރެއިން، ކުޑަކުދިން ދުންފަތާ ދުރުކޮށް ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް އައު ވިސްނުންތަކެއް ކުރިއަށްނެރެ އަދި އައު ތަޞައްވަރެއްގައި މަސައްކަތްކުރަންޖެހެއެވެ. ދުންފަތުން ރައްކާތެރި ދިވެހިރާއްޖޭގެ ތަޞައްވަރަށް ވާޞިލުވުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ، ދުންފަތުގެ އިސްތިޢުމާލުކުރަން ފެށުން ހުއްޓުވުމެވެ.
ފަސްމަގާއި ކުރިން އަޅާފައިވާ ފިޔަވަޅުތައް
ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ސަރުކާރުގެ ދުޅަހެޔޮ ހަށިހެޔޮ ރައްޔިތެއް ބިނާކުރުމުގެ ސިޔާސަތާއި ތަޞައްވަރަށް އަދި ޖުމްލަ ގޮތެއްގައި ޢާންމު ޞިއްޙަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ. މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2022އަށް ބަލާއިރު ރާއްޖޭގައި އެންމެގިނައިން މީހުން ބަލި މަޑުކަމާއި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީވެސް ދުންފަތާއި ގުޅުން ހުރި ގައިންގަޔަށްނާރާ ބަލިތަކެވެ. އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ ގާތްގަނޑަކަށް %84 މީހުންނަކީ މިފަދަ ބަލިތަކަށް ޖެހިގެން މަރުވާ މީހުންނެވެ. އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީވެސް މިފަދަ ބަލިތަކަށް ފަރުވާ ދިނުމަށެވެ.
2020-2021 ގައި ކުރި ސަރވޭ (ސްޓެޕްސް ސަރވޭ) ގެ ނަތީޖާ ދައްކާގޮތުން، ރާއްޖޭގެ ކޮންމެ 4 މީހަކުން 1 އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހެކެވެ. ސްކޫލް އުމުރުފުރައިގެ ކުދިންގެ ގާތްގަނޑަކަށް %45 ކުދިން ދުންފަތުގެ ނުވަތަ ނިކޮޓިންގެ ކޮންމެވެސް ބާވަތެއް ބޭނުންކުރާކަމަށް 2019 ގައި ހެދި ސަރވޭ (ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭ) އިން ވަނީ ފާހަގަ ކުރެވިފައެވެ. އަދި އުމުރުން 8 އަހަރުގެ ކުދިންވެސް ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ފާއިތުވި އަހަރުތަކުގެ މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެވްރެޖް ގޮތެއްގައި އަހަރަކު 460 މިލިއަން ސިނގިރޭޓް އެތެރެކުރާއިރު ސިނގިރޭޓާއި ދުންފަތުގެ އެހެން ބާވަތްތަށް އެތެރެކުރުމަށް އެވްރެޖްކޮށް އަހަރަކު 1.1 ބިލިއަން ރުފިޔާ ހޭދަ ކުރެއެވެ.
ދުންފަތުން މުޖްތަމަޢު ރައްކާތެރިކުރުމަށް ކުރިންވެސް ރާއްޖެއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އީ-ސިނގިރޭޓާއި ވޭޕް އެއްކޮށް މަނާކުރުމާއި، ދުންފަތުގެ ބާވަތްތަށް އަގުބޮޑުކުރުމަށް ޑިއުޓީ ބޮޑުކުރުމާއި، ޑިއުޓީގެ ގޮތުގައި ލިބޭ ފައިސާ ޞިއްޙީ ކަންކަމަށް ހޭދަކުރުމާއި، ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މަނާކުރުމާއި، ފޮޓޯ ޖެހި ޞިއްޙަތުގެ އިންޒާރު ލާޒިމުކުރުމާއި، ވިޔަފާރީގެ މުޢާމަލާތްތަކަށް ލައިސަންސް ނެގުން ލާޒިމުކުރުމާއި، އިޝްތިހާރުތަށް މަނާކުރުމާއި، އާއްމުތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުން ހިމެނެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭހާއި ކައުންސެލިން ރާއްޖޭގެ ހުރިހާ ހިސާބަކުން ހިލޭ ލިބޭނެގޮތްވެސް ވަނީ ހަމަޖައްސާފައެވެ. މި ސިޔާސަތުތަކުގެ ސަބަބުން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މިންވަރު މަދުވަމުންދާކަން ފާހަގަކުރެވެއެވެ.
ޖެނެރޭޝަނަލް ބޭން އަކީ ކޮބާ؟
ޖެނެރޭޝަނަލް ބޭން އަކީ ވަކި އަހަރަކުން ނުވަތަ ތާރީޚަކުން ފެށިގެން އުފަންވެފައިވާ ކޮންމެ މީހަކީ މުޅި އުމުރަށްވެސް ދުންފަތުން ރައްކާތެރި ކުރެވިފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް، އެފަދަ ފަރާތްތައް ދުންފަތުގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރި ނުވެވޭނެހެން ޤާނޫނީގޮތުން ކަނޑައެޅުމެވެ. މިއީ "ޓޮބޭކޯ އެންޑްގޭމް" ނުވަތަ ދުންފަތުގެ ވަބާއަށް ނިމުމެއް ގެނައުމަށް ދުނިޔޭގެ އެކި ޤައުމުތަކުގައި ތަންފީޒުކުރާ ދުރު ރާސްތާގެ އެންމެ މަޤްބޫލު އެއް ސިޔާސަތެވެ.
ތަޞައްވަރާއި މަޤްޞަދު
މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުން، ދުންފަތުގެ އިސްތިޢުމާލުކުރަން އަލަށް ފަށާފަރާތްތައް އަހަރަކުން އަހަރަށް މަދުވަމުންދިއުމާއެކު މުޅި އާބާދީގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދުވެ، ޖީލަކަށްފަހު ޖީލެއް ދުންފަތުން ރައްކާތެރިވެ، ދުންފަތުން ރައްކާތެރި ދިވެހިރާއްޖޭގެ ތަޞައްވަރު ޙަޤީޤަތަކަށް ވެގެންދާނެއެވެ. ސަރުކާރުން ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެމުން އަންނަ މި ދަނޑިވަޅަކީ، ޖެނެރޭޝަނަލް ބޭން ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކޮށް އޭގެ ހެޔޮ ނަތީޖާ ހޯދުމަށް އެންމެ އެކަށީގެންވާ އަދި ފަހި ފުރުޞަތު އޮތް ދުވަސްވަރެވެ.
އަމާޒުކުރެވެނީ ކޮންބަޔަކަށް؟
ރާއްޖޭގައި މި ސިޔާސަތު އަމާޒު ކުރެވިފައިވަނީ، 1 ޖަނަވަރީ 2007 ގައި ނުވަތަ އެ ތާރީޚުގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށާއި، އަދި 1 ޖަނަވަރީ 2007 ގެ ކުރިން އުފަންވެފައިވިޔަސް، ޤާނޫނަށް ޢަމަލުކުރަން ފަށާއިރު 21 އަހަރު ނުފުރޭ ފަރާތްތަކަށެވެ. މިފަރާތްތަކުން ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުން ޤާނޫނީ ގޮތުން ވަނީ މަނާވެފައެވެ. ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ދުންފަތުގެ ބާވަތެއް ވިއްކާއިރު، އެ ގަންނަ ފަރާތުގެ އައި.ޑީ، ޕާސްޕޯޓް ނުވަތަ އެނޫންވެސް ރަސްމީ ލިއުމެއްބަލާ އުމުރު ޔަޤީން ކުރުމަށް ޤާނޫނު ލާޒިމު ކުރެއެވެ.
ބައިނަލްއަޤްވާމީ ތަޖުރިބާ އަދި ދިވެހިރާއްޖެ
ދުނިޔޭގެ އެކި ޤައުމުތަކުގައި 2014 އިން ފެށިގެން ޖެނެރޭޝަނަލް ބޭންގެ ސިޔާސަތުތައް އެކި ފެންވަރުގައި ތަންފީޒު ކުރަމުންދެއެވެ. މުޅި ޤައުމަށް ނިޞްބަތްވާގޮތަށް ޤާނޫނުގައި ކަނޑައަޅާ ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރި ބައެއް ޤައުމުތަކުން، ދުންފަތުގެ ސިނާޢަތުގެ ނުފޫޒުގެ ސަބަބުން، އަދި ސަރުކާރު ބަދަލުވުމާ ގުޅިގެން އެ ސިޔާސަތު ތަންފީޒުކުރުން ހުއްޓާލާ ނުވަތަ މެދުކަނޑާލި ނަމަވެސް، މެލޭޝިއާ، ސިންގަޕޫރު އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުން މި ސިޔާސަތު އަލުން ތަންފީޒުކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ވަގުތަށް ބަލާއިރު، ދިވެހިރާއްޖެ ވެގެންދާނީ މި މުހިއްމު ސިޔާސަތު ޤައުމެއްގައި އެއްކޮށް ތަޢާރަފުކޮށް ތަންފީޒުކުރާ ދުނިޔޭގެ ފުރަތަމަ ޤައުމަށެވެ.
މި ސިޔާސަތު މިހާތަނަށް އެކި ފެންވަރުގައި އަދި އެކި މިންވަރަށް ތަންފީޒުކުރި އަދި ތަންފީޒުކުރަމުންދާ ހުރިހާ ޤައުމަކުންވެސް ސާބިތުވެފައިވަނީ، މިއީ އާއްމު ރައްޔިތުން ވަރަށް ބޮޑަށް ތާއީދުކުރާ އަދި ތަންފީޒުކުރުމުގެ ސަބަބުން އާއްމު ޞިއްޙަތަށް ފައިދާކުރާ އަދި އެ ސަރަޙައްދުތަކަށް ނިޞްބަތްވާ ކުޑަކުދިންނާއި ޒުވާނުން ދުންފަތުގެ ވަބާއިން ރައްކާތެރިކޮށްދޭ ސިޔާސަތެއް ކަމުގައެވެ. ނަމަވެސް، މި ސިޔާސަތު ކާމިޔާބުވެ ދުންފަތުގެ އިސްތިޢުމާލުކުރަން އަލަށް ފަށާ ފަރާތްތައް މަދުވުމަކީ ދުންފަތުގެ ސިނާޢަތުން ކަންބޮޑުވާ ކަމެއްކަމާއި މި ސަބަބާހެދި އެފަރާތްތަކުން ސަރުކާރުތަކާއި ސިޔާސީ އެކިއެކި ފަރާތްތައް މެދުވެރިކޮށް ނުފޫޒު ފޯރުވާކަންވެސް ފާހަގަކުރެވެއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ހެދިބޮޑުވާ ކުދިންނަށް ޖިސްމާނީ ގޮތުންނާއި އަޚުލާޤީ ގޮތުން ނޭދެވޭ އަސަރު ކުރުމުގެ އިތުރުން ޞިއްޙީ، މާލީ އަދި އިޖްތިމާއި ގެއްލުންތައް ފަރުދުންނާއި އާއިލާތަކަށް ލިބުމުގެ އިތުރުން ޤައުމުގެ އުފެއްދުންތެރިކަމަށްވެސް ނޭދެވޭ އަސަރުކުރާ ކަމަކަށް ވީހިނދު، ކުރިމަގުގެ ޖީލަކީ ދުންފަތުން ރައްކާތެރި ޖީލަކަށް ވެގެން ދިއުމަކީ، ޤައުމުގެ ކުރިއެރުމާއި ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް އަގުނުކުރެވޭފަދަ ފައިދާ ކުރާނެކަމެކެވެ.


