ޔޫއޭފާއާ ދެކޮޅަށް ރެއަލް މެޑްރިޑުން 4.5 ބިލިއަން ޔޫރޯގެ ދައުވާއެއް ކުރަން ތައްޔާރުވަނީ
1 ނޮވެމްބަރު 2025 - 06:05

ޔޫރަޕިއަން ސުޕަރ ލީގާ ގުޅިގެން ދިގުޅާފައިވާ ދެބަސްވުމުގައި ބޮޑު ކުރިއެރުމެއް ހޯދުމަށް ރެއާލް މެޑްރިޑާއި އޭ22 ސްޕޯޓްސް މެނޭޖްމަންޓުން ޔޫއޭފާއާ ދެކޮޅަށް 4.5 ބިލިއަން ޔޫރޯ (ގާތްގަނޑަކަށް 74.8 ބިލިއަން ދިވެހި ރުފިޔާ) ގެ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާއެއް ކުރަން ތައްޔާރުވެއްޖެއެވެ. މިއީ ޔޫރަޕިއަން ފުޓްބޯޅައިގެ ތާރީޚުގައި ކުރެވޭ އެންމެ އަގުބޮޑު ދައުވާތަކުގެ ތެރޭގައި ހިމެނޭ ދޢުވާއެކެވެ.
މި ދައުވާ ކުރަނީ މެޑްރިޑްގެ ކޯޓަކުން ނިންމި ނިންމުމަކާ ގުޅިގެންނެވެ. އެ ނިންމުމުގައި ވަނީ ޔޫއޭފާއިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވާދަވެރިކަމުގެ ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށެވެ. މި ދައުވާގެ އަސާސަކީ ޔޫއޭފާއިން ޔޫރަޕިއަން ފުޓްބޯޅައިގެ މައްޗަށް އެކަނި ބާރު ހިންގުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި، ވިޔަފާރީގެ ފުރުސަތުތައް ގެއްލުން، އަދި ކްލަބްގެ މަގުބޫލުކަމަށް އަސަރުކުރުން ކަމަށް ރެއަލް މެޑްރިޑުން ބުނެއެވެ. މިހާރު ވަނީ ގާނޫނީ ވަކީލުން މި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ލިޔެކިޔުންތައް ތައްޔާރުކުރަން ފަށާފައެވެ.

Ad by Hajj Corporation
މި މައްސަލަ ފެށިފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު، ރެއާލް މެޑްރިޑާއި ބާސެލޯނާ، މެންޗެސްޓަރ ޔުނައިޓެޑް، އަދި ޔުވެންޓަސް ފަދަ 12 ބޮޑެތި ކްލަބް ގުޅިގެން ސުޕަރ ލީގެއް އުފައްދަން އިއުލާނުކުރުމުންނެވެ. އެ ޕްރޮޖެކްޓްގެ މަގުސަދަކީ ޗެމްޕިއަންސް ލީގާ ވާދަކޮށް، ކްލަބްތަކަށް އިތުރު ފައިސާ ހޯދައިދިނުމެވެ. ނަމަވެސް، ޔޫއޭފާއާއި ފީފާގެ އިންޒާރުތަކާއި، އާންމުންގެ ނުރުހުން އަދި ސަރުކާރުތަކުގެ ޕްރެޝަރުގެ ސަބަބުން ދެ ދުވަސްތެރޭގައި މި ޕްރޮޖެކްޓް ވަނީ ހުއްޓާލާފައެވެ. ގިނަ ކްލަބްތައް ވަކިވި ނަމަވެސް، ރެއާލް މެޑްރިޑާއި ބާސެލޯނާއިން ވަނީ މި ލީގު ކުރިއަށް ގެންދިއުމަށް އޭގެ ފަހުންވެސް މަސައްކަތް ކޮށްފައެވެ.
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ޔޫއޭފާއިން ޔޫރަޕިއަން މުބާރާތްތައް ކޮންޓްރޯލް ކުރުމަކީ އީޖާދީ ކަންތައްތަކަށާއި ހަމަހަމަ ވާދަވެރިކަމަށް ހުރަސް އަޅާ ކަމެއް ކަމަށް ގިނަ ދުވަސްތަކެއް ވަންދެން ބުނަމުން އައިސްފައެވެ. އޭނާގެ މި ވިސްނުމަށް އޭ22 ގެ ސީއީއޯ ބާންޑް ރައިޗާޓް ވެސް ވަނީ ތާއީދުކޮށްފައެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޔޫރަޕިއަން ޔޫނިއަންގެ ކޯޓް އޮފް ޖަސްޓިސްއިން ވަނީ، އާ މުބާރާތްތަކަށް ހުއްދަ ދިނުމުގައި ޔޫއޭފާއިން ގެންގުޅޭ ގަވާއިދުތައް އީޔޫގެ ގާނޫނާ ޚިލާފު ކަމަށް ނިންމާފައެވެ. އަދި ސްޕެއިންގެ ކޯޓަކުން ވެސް ވަނީ ޔޫއޭފާއިން އޭގެ ބާރުގެ ނާޖާއިޒު ފައިދާ ނަގާފައިވާކަން ކަށަވަރުކޮށްދީފައެވެ.
ކޯޓުގެ ނިންމުންތަކަށް ފަހު، ޔޫއޭފާއާއި އޭ22 އިން ވަނީ މައްސަލައަކަށް ހައްލެއް ހޯދުމަށް މަޝްވަރާތައް ބާއްވާފައެވެ. މި މަޝްވަރާތަކުގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިސްވެރިންނާއި ޔޫއޭފާގެ އޮފިޝަލުން ބައިވެރިވެ، ބްރޯޑްކާސްޓިންގ ހައްގުތަކާއި މުބާރާތްތަކުގެ ފޯމެޓްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. ނަމަވެސް، ޔޫއޭފާއިން ވަގުތު ދިގުދައްމާލާ ކަމަށް ތުހުމަތުކޮށް، އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، ރެއާލް މެޑްރިޑާއި އޭ22 އިން ވަނީ ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައެވެ.
މި މައްސަލާގައި ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވަނީ ފަހަކަށް އައިސް ރެއާލް އާއި ސުޕަލީގާއި ދުރުވެ، ޔޫއޭފާއާ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކޮށްފައެވެ. އޭނާ ވަނީ ފަހުން ރޯމްގައި ޔޫއޭފާގެ ރައީސް އަލެކްސަންޑަރ ޗެފެރިންއާ ބައްދަލުކޮށްފައެވެ. ނަމަވެސް ޕެރޭޒް ވަނީ އޭނާގެ ކުރީގެ ވިސްނުމުގައި ސާބިތުކަންމަތީ ހުރެފައެވެ.
މި ދައުވާ ރެއާލް އަށް ކާމިޔާބުވެއްޖެނަމަ، މިކަމުގެ ސަބަބުން ޔޫރަޕިއަން ފުޓްބޯޅައިގެ ވެރިކަން ބަދަލުވެ، ބޮޑެތި އިންގިލާބީ ބަދަލުތަކެއް ފެނުމުގެ ފުރުސަތުތަކެއް ހުޅުވިގެންދާނއެވެ. އަދި މިއާއެކު އެހެން ކްލަބްތަކަށް ވެސް ޔޫއޭފާގެ ބާރަށް ގޮންޖެހުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.


