ނޭޝަނަލް ޓޯޗް ރަންގައި 18 ގަޑިއިރު ތެރޭ 7000 އަށްވުރެ ގިނަ މީހުން ދުވެފި
1 ނޮވެމްބަރު 2025 - 06:56

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ޚާއްސަ ދުވުން ފެށިތާ 18 ގަޑިއިރު ހަމަވިއިރު، 7000 އަށްވުރެ ގިނަ މީހުން ދުވެފިއެވެ.
މިއީ 1 ނޮވެމްބަރުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާ "ޖެނެރޭޝަލް ޓޮބޭކޯ ބޭން" އާއި ގުޅުވައިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.

Ad by Hajj Corporation
24 ގަޑިއިރަށް ކުރިއަށްގެންދާ ނޭޝަނަލް ޓޯޗް ރަން އިއްޔެ ހަވީރު 4އިން މިއަދު ހަވީރު 4އަކާ ހަމައަށް މާލޭ އެކުވެނި ޓްރެކުގައި ކުރިއަށްދާނެއެވެ.
މި ދުވުން ފެށިތާ 18 ގަޑިއިރު ހަމަވިއިރު، 7547 މީހުން ވަނީ ދުވެފައެވެ. އަދި 18 ބައިވެރިއަކު ވަނީ ހާފް މެރަތަން ފުރިހަމަކޮށްފައެވެ.
"ނެޝެނަލް ޓޯޗް ރަން" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ދުވުމަކީ ޞީއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްގެންދަނީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުންނެވެ.
މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ، ޖެނެރޭޝަނަލް ޓޮބޭކޯ ބޭންގެ އެންމެ މުހިންމު ބޭނުމަކީ ޖީލަކަށްފަހު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކުރުންކަމަށާއި، ކުޑައިރުންސުރެ ދުޅަހެޔޮ ފުދުންތެރި ދިރިއުޅުމަކަށް ބާރު އެޅުންކަމަށެވެ. އަދި މިކަން ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ހަރުދަނާ ޖީލެއް ބިނާކުރުމަށް ކުރިއަށްއެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑެން ވިދާޅުވީ ރާއްޖޭގައި ޖެނެރޭޝަނަލް ޓޮބޭކޯ ބޭން ތަންފީޒުކުރަން ފެށިފެށުމަކީ ދުޅަހެޔޮ މުސްތަޤުބަލަކަށް ރާއްޖެފަދަ ކުޑަ ޤައުމަކުން އެޅި ވަރަށް ހިތްވަރުގަދަ ނިންމުމެއްކަމަށެވެ. އަދި ޕޭޑެން ވަނީ ސަރުކާރުގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.
މިއީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ. މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
"ނެޝެނަލް ޓޯޗް ރަން"ގެ ތެރެއިން ދުންފަތުގެ ވަބާއިން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކާ މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ދުންފަތުގެ ނުރައްކާ އަންގައިދީ ހޭލުންތެރިކުރުމަށްޓަކާ ޚާއްސަ އެޑްވޮކަސީ ސްޓޯލްތައް ބަހައްޓާފައިވެއެވެ.


