އޯޓީ ކެޕްކުރީ، ވަޒީފާގެ ރަސްމީ ވަގުތުގައި ފެންވަރު ރަނގަޅު ޚިދުމަތްދިނުމަށް ބާރު އެޅުމަށް: ފިނޭންސް މިނިސްޓްރީ
1 ނޮވެމްބަރު 2025 - 16:02

އިތުރު ވަގުތުގެ ފައިސާ، މުސާރައިގެ 10 ޕަސެންޓަށް ވުރެ އިތުރަށް ނުދޭ ގޮތަށް ނިންމީ، ވަޒީފާގެ ރަސްމީ ވަގުތު ފެންވަރު ރަނގަޅު ޚިދުމަތްދިނުމަށް ބާރު އެޅުމާއި ބައެއް މަސައްކަތްތަކުގެ ބާވަތުން މުވައްޒަފުންނަށް ލުއިފަސޭހަ ގަޑިތައް ހަމަޖައްސައިދީ ބޭކާރުވާނެ ވަގުތު ސަލާމަތްކުރުމުގެ ގޮތުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، މި ބަދަލު ގެންނަން ނިންމި ސަބަބަކީ ސިވިލް ސާވަންޓުން އަދާކުރާ ވަޒީފާގެ މުސާރައަކީ އެ މަސައްކަތަށް އެކަށޭނެ މުސާރައަކަށް ހެދުމަށް ކަމަށެވެ.

Ad by Hajj Corporation
މި ބަދަލު ގެނައި އިތުރު ސަބަބުތަކެއް ކަމަށް އެ މިނިސްޓްރީން ބުނީ، ސިވިލް ސާވަންޓުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި 'ވޯކް ލައިފް ބެލެންސް'އެއް ގެންގުޅުމަށް ބާރު އެޅުން ކަމުގައި ކަމަށެވެ.މީގެ އިތުރުން، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި މި ބަދަލުގެ ސަބަބުން ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި ރަސްމީ މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް ހާޒިރީ އެލަވެންސް ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ޕޭ ފްރޭމްވޯކަށް އައި ބަދަލާއެކު، ސިވިލް ސާވިސް މުވައްޒަފުންގެ އަސާސީ މުސާރަ އެންމެ ކުޑަ އުޖޫރައަށް ވުރެ އިތުރުވާނެ ކަމާއި، މިހާރު ލިބޭ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު އެއްވެސް އުނިކަމެއް އަންނަ ނަމަ އެ މުވައްޒަފުންނަށް "މައިގްރޭޝަން އެލަވަންސް"ގެ ނަމުގައި ޚާއްސަ އިނާޔަތެއް ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން ދީފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، މިހާތަނަށް ބޮޑުކޮށްފައިނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ މި ފެށޭ ނޮވެމްބަރު މަހު ބޮޑުކުރައްވާނެކަން ހާމަކުރައްވާފައެވެ.
މިސަރުކާރުން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް ފެށީ، ކަރަމާތްތެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ވަރުގެ ރަނގަޅު އުޖޫރައެއް ދިނުމުގެ މަގުސަދުގައެވެ.


