އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި 600 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
14 މާރިޗު 2026 - 11:44

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި 600 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
މާލީ ވުޒާރާގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި އަހަރުގެ ފުރަތަމަ ދެ މަސްދުވަހު ޑިޕާޗަރ ޓެކުހުގެ ގޮތުގައި 331.4 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 280.5 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު %18 އިތުރު އަދަދެއްކަމަށް ތަފާސްހިސާބުން ވަނީ ދައްކާފައެވެ.

Ad by Hajj Corporation
އެ އިދާރާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. މިިި އަހަރުގެ ފުރަތަމަ ދެ މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 317.7 މިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 279.3 މިލިޔަން ރުފިޔާއެވެ. މިއީ %13.7 އިތުރު އަދަދެކެވެ.
މިއާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ޕީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަހު ދައުލަތަށް ލިބިފައިވަނީ 649.1 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 559.8 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %15.9 އިތުރު އަދަދެކެވެ.
ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. އަދި މި ފީ ނަގަން ފަށާފައިވަނީ 2017ވަނަ އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ޑިޕާޗަރ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެއެވެ.


