logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެޗުން މޮޅުވަންދެން ހުއްޓާނުލައި ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ޕެނަލްޓީއާއެކު އަލް ނަޞްރު މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
2 ނޮވެމްބަރު 2025 - 06:29
މެޗުން މޮޅުވަންދެން ހުއްޓާނުލައި ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ޕެނަލްޓީއާއެކު އަލް ނަޞްރު މޮޅުވެއްޖެ

ސައުދީ ޕްރޯ ލީގުގައި ރޭގައި އަލް ނަޞްރު ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް 90 މިނެޓުފަހުން އިތުރު ވަޤުތުގެ ގޮތުގައި 6 މިނެޓު ދިން ނަމަވެސް 15 މިނެޓުވަންދެން ކުޅެ، ރޮނާލްޑޯގެ ޓީމަށް ޕެނަލްޓީއާއެކު ތިން ޕޮއިންޓް ލިބެންދެން މެޗު ކުޅެފިއެވެ. މިއާއެކު ލީގުގެ ސީނިއާ ކުލުންތެރިންތައްވެސް ވަނީ ސޯސަލް މީޑިޔާގައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ޑެމިރަލް އާއި މަލްކޮމް އަދި ރޫބެން ނެވެސް ވަނީ ސޯސަލް މީޑިޔާގައި ޝުޢޫރު ފާޅުކޮށްފައެވެ.

ރޭގެ މެޗު 2-1 އިން އަލް ނަޞްރު މޮޅުވެފައިވާއިރު، އަލް ނަޞްރުގެ ދެގޯލުވެސް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މި މެޗު ކުޅުނީ ހޮނިހިރު ދުވަހުގެ ރޭ އަލް އައްވަލް ޕާކް ސްޓޭޑިއަމްގައެވެ. ރޮނާލްޑޯގެ މިމެޗުގެ ދެވަނަ ލަނޑަކީ މެޗުގެ ވަގުތު ހަމަވެގެން ދިން އިތުރު ވަގުތުގައި ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސީޒަންގައި އަލް ނަޞްރުން މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް، މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ އަލް ފައިހާ އިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި، ސްޕެއިންގެ ފޯވަޑް ޑޭވިޑް ރެމެސެއިރޯ ސަލްގުއޭރޯ (ޖޭސަން) ވަނީ ކްރިސް ސްމޯލިންގ ދިން ދިގު ބޯޅައެއް ނަގައި، އޮފްސައިޑް ނުވާނެހެން ހުޝިޔާރުކަމާއެކު އަލް ނަޞްރުގެ ގޯލްކީޕަރު ނަވާފް އަލްއަޤީދީގެ ބޯމަތިން ބޯޅަ ފޮނުވާ ގޯލު ޖަހާފައެވެ.

މެޗުގެ 37 ވަނަ މިނެޓުގައި އަލް ނަޞްރުން ނަތީޖާ ހަމަހަމަކުރިއެވެ. ޖޯއާއޯ ފެލިކްސް އަދި ކޮމަންގެ ބައިވެރިވުމާއެކު ރޮނާލްޑޯ ވަނީ އެ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި އަލް ނަޞްރުން ބޯޅަ ކޮންޓްރޯލްކުރި ނަމަވެސް އަލް ފައިހާގެ ދިފާޢީ ކުޅުން ރަނގަޅުވުމުގެ ސަބަބުން ލަނޑު ޖަހަން އުނދަގޫވިއެވެ. ރޮނާލްޑޯއަށް 66 ވަނަ މިނެޓުގައި ރަނގަޅު ފުރުޞަތެއް ގެއްލުނުއިރު، އަލް ފައިހާއިން ވެސް މެޗު ނިމެން ކައިރިވެފައި ވަނިކޮށް ލަނޑެއް ޖަހަން ފުރުސަތު ލިބިގެންދިޔައެވެ

މެޗުގެ ވަގުތު ހަމަވެ، އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުތަކުގައި ވީއޭއާރު އަނެއްކާވެސް މުހިންމު ދައުރެއް އަދާކުރިއެވެ. އަލް ނަޞްރުގެ އަބްދުލްއިލާހް އަލް އަމްރީއަށް ބޮކްސް ތެރެއިން މިކެލް ވިލާނުއޭވާ ފައުލްކުރުމުން، ގިނަވަގުތެއް ވަންދެން ވީއޭއާރުން ރިޕްލައި ތަކުރާރު ބެލުމަށްފަހު ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ޖަހަން ރޮނާލްޑޯ ނުކުމެ، ބޯޅަ ގޯލުގެ މަތީ ކަނަށް ވަރުގަދަޔަށް ފޮނުވާލައި، 2-1 ގެ މޮޅެއް ކަށަވަރުކުރިއެވެ. މި ލަނޑު ޖެހިއިރު މެޗުގެ 90 މިނެޓު ހަމަވެ، އިތުރު ވަޤުތުގެ 15 މިނެޓު ވަނީ ފާއިތުވެފައެވެ.

މި މޮޅާއެކު އަލް ނަޞްރުން ވަނީ ލީގުގައި ކުޅުނު ހަތް މެޗުން ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް، އެ ޓީމު ލީގުގައި 100% މޮޅުވުމުގެ ރެކޯޑް ދަމަހައްޓާފައެވެ. 21 ޕޮއިންޓާއެކު އަލް ނަޞްރު މިވަގުތު ލީގުގެ އެއްވަނައިގައިއެވެ. މިއާއެކު ސަޢޫދީ ލީގަށް މީގެ ތިން އަހަރުކުރިން ބަދަލުވި ރޮނާލްޑޯއަށް، އެޓީމުގައި ފުރަތަމަ ފަހަރަށް ލީގު ޓައިޓަލް އެއް ލިބިދާނެކަމުގެ އުއްމީދެއް ވަނީ ލިބިގެން ގޮސްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޗުން މޮޅުވަންދެން ހުއްޓާނުލައި ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ޕެނަލްޓީއާއެކު އަލް ނަޞްރު މޮޅުވެއްޖެކުޅިވަރު | 4 ދުވަސް ކުރިންއިއްތިޙާދު އަތުން ބަލިވެ، ރޮނާލްޑޯގެ އަލް ނަޞްރު ކިންގްސް ކަޕުން ކަޓައިފިކުޅިވަރު | 8 ދުވަސް ކުރިންރޮނާލްޑޯ ބޭނުންވަނީ އަންނަ ސީޒަނުގައި ލެވަންޑޮވްސްކީ އާއެކު ކުޅެންކުޅިވަރު | 16 ދުވަސް ކުރިންރޮނާލްޑޯގެ ދެގޯލާއެކު ވޯލްޑްކަޕަށް ކޮލިފައިވުމުގެ މަގުމަތީގައިވާ ޕޯޗުގަލް, ފަހުވަގުތު ހަންގޭރީއިން ހިފަހަށްޓައިފިކުޅިވަރު | 22 ދުވަސް ކުރިން