ﷲ ގެ އިރާދަފުޅާއެކު 1000 ލަނޑު ހަމަކުރާނަން: ރޮނާލްޑޯ
29 ޑިސެމްބަރު 2025 - 06:48

މާތް ﷲ ގެ އިރާދަފުޅާއެކު، ފުޓުބޯޅަ ކެރިއަރުގައި 1000 ލަނޑު ހަމަކުރުމުގެ ލަނޑުދަނޑި ހާސިލްކުރާނެކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ޕޯޗުގަލްގެ ގައުމީ ޓީމާއި ސައުދީ އަރަބިއްޔާގެ އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ރޮނާލްޑޯ މިހެން ބުނެފައި ވަނީ، ގްލޯބަލް ސްޕޯޓްސް އެވޯޑް ހަފުލާގައި، މެދުއިރުމަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމުން އެވޯޑާ ހަވާލުވުމަށްފަހު ވާހަކަދައްކަމުންނެވެ.

Ad by Hajj Corporation
އެވޯޑު ހަފްލާގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ އަމާޒަކީ ކެރިއަރުގެ ބާކީ އޮތް ބައިގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދުން ކަމަށެވެ. އެގޮތުން، ގިނަބަޔަކަށް އިނގޭނެ ފަދައިން މިހާރު 1000 ގޯލު ހަމަކުރަން އޮތީ މަދު ގޯލުތަކެއްކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ، އަނިޔާގެ މައްސަލަތަކަކާ ކުރިމަތިލާން ނުޖެހިއްޖެނަމަ، ﷲ ގެ އިރާދަފުޅާއެކު 1000 ގޯލު ހަމަކުރާނެ ކަމަށެވެ.
ރޮނާލްޑޯ ވަނީ އެކަން ކުރުމަށްޓަކައި ފަހަރުގައި ޔޫރަޕުގެ ލީގެއްގައި ވެސް ކުޅެން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އަދި އޭނާ ބުނީ އަހަރު ނިމުމުގެ ކުރިން ގްލޯބް ސްކާ އެވޯޑް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަަމަށެވެ.
ލަނޑުޖެހުމުގައި އެފަދަ ދެވަނައެއް ނެތް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕްރޮފެޝަނަލް ކެރިއަރުގައި ކުލަބުތަކަށް ކުޅެދިން މެޗުތަކުން 813 ލަނޑު ޖަހާފައެވެ. އަދި ގައުމީ ޓީމަށް ކުޅެދިން 226 މެޗުން 143 ލަނޑު ޖަހާފައިވެއެވެ. އެއީ ޖުމްލަ 956 ލަނޑެވެ. 1000 ލަނޑު ހަމަކުރުމަށް ރޮނާޅްޑޯއަށް ބާކީ ބޭނުންވަނީ 44 ލަނޑެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި އަހަރު އެކަނިވެސް ރޮނާލްޑޯ ވަނީ 40 ލަނޑު ޖަހާފައެވެ. އެހެންކަމުން، އަންނަ އަހަރަކީ ރޮނާލްޑޯ 1000 ލަނޑުގެ ރެކޯޑު ހާސިލްކުރާނެ އަހަރުކަމަށް ބެލެވެއެވެ.
މިހާރު އުމުރުން 40 އަހަރު ފުރިފައިވާ ރޮނާލްޑޯ އޭނާގެ ސީނިއަރ ކެރިއަރު ފަށާފައި ވަނީ ޕޯޗުގަލްގެ ސްޕޯޓިން އިން 2002 ވަނަ އަހަރުއެވެ. އެފަހުން 2003 ވަނަ އަހަރު މެންޗަސްޓަރ ޔުނައިޓެޑާއެކު ހަ އަހަރު ހޭދަކުރުމަށްފަހު 2009 ވަނަ އަހަރު ރޮނާލްޑޯ ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް ކުލަބު ކަމަށްވާ ރެއާލް މެޑްރިޑާ ގުޅިފައެވެ. މެޑްރިޑާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު އޭނާ އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އެފަހުން ރޮނާލްޑޯ އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. އަދި ސައުދީގެ އަލް ނަސްރާ ރޮނާލްޑޯ ގުޅުނީ 2023 ވަނަ އަހަރުއެވެ.
ލަނޑު ޖެހުމުގެ އެންމެ ގިނަ ރެކޯޑު އޮތް ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާ ވެސް މެއެވެ.


