މި މޫނުތައް ހަނދާނުގައި ބަހައްޓައްޗެވެ، އެ ދިން އަނިޔާތައް ހިތުން ފޮހެ ނުލައްޗެވެ!
3 ނޮވެމްބަރު 2025 - 11:00

ރާއްޖޭގެ ތާރީޚު ބުނެދޭ ވަރަށް ބޮޑު ހަޤީގަތެއް އެބައޮތެވެ. އަޅުގަނޑުމެންގެ ލޮބުވެތި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ނަގާލުމަށްޓަކައި ދެވުނު ކޮންމެ ހަމަލާއެއްގެ ފަހަތުގައި ވެސް، މި ޤައުމާއި ރައްޔިތުންނަށް ޤައްދާރުވި، އަމިއްލަ ވަޒަނަށް ހިޔާނާތްތެރިވި ނިރުބަވެރި ޖާހިލު ދިވެހިންތަކެއް ތިބިކަމެވެ.
ހޮޅިންނާއި ޕޯޒުގީޒުންގެ އަތްދަށަށް މި ގައުމު ދިއުމުގައިވެސް އަދި އެފަހުން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ސްރީލަންކާގެ "ޕްލޯޓް"ޖަމާއަތުގެ މަދަދުގައި މި ގައުމަށް އަރައި ހިންގި އުދުވާނުގެ ފަހަތުގައި ވެސް ތިބީ، މި ޝަރަފުވެރި ޤައުމަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު ދިވެހިންތަކެއް ކަމެވެ.

Ad by Hajj Corporation
މިފަހުން ދިވެހިރާއްޖެ ދުށް އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި އެއް ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހެވެ.
"ބަޑި ބުރާސްފަތީގެ" މިނުރައްކާތެރި ހަމަލާގައި، ކުށެއްނެތް އެތައް އާންމުންނެއް ޒަޚަމްވިއިރު ގައުމާއި ރައްޔިތުންނަށްޓަކައި މިގައުމު ދިފާޢުކުރަން ތިބި ސިފައިންގެ ފުރާނަވެސް ދިޔައެވެ. ބައެއް ކެބިނެޓް މިނިސްޓަރުންނާއި ސިފައިންގެ އިސް ވެރިން އަތުލައިގަނެ ރަހީނުވެސް ކުރިއެވެ. ނަމަވެސް މިހަމަލާތަކުގެ ތެރޭގައި މި ގައުމު ދިފާއުކުރުމަށްޓަކައި ސިފައިން ވަނީ ފަސްޖެހުމެއްނެތި ހިތްވަރާއެކު ބާޣީންނާއެކު ޖިހާދުކޮށްފައެވެ. އަދި މި ޖިހާދުގައި އަށް ސިފައިންނާއި 11 ދިވެހި ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ދިވެހި ސިފައިންނާއި އާންމު ރައްޔިތުން --
ބައެއް "ވެރިން" ނާއި ނުފޫޒުގަދަ ބައެއް އާއިލާތަކުން އެ ހަގީގަތް އޮޅުވާލަން މަސައްކަތްތަކެއް ކޮށްފައިހުރިކަން ވެސް މި ފަހުގެ ތާރީޚުގައި ފެނިފައި އެބަހުއްޓެވެ. އެ ހަމަލާތަކުގައި ގައުމު ދިފާއުކުރުންމަތީ ސާބިތުވެތިބުމުގެ ބަދަލުގައި، "ފިލަން ދުވި ފިނދަނަ" ތަކެއްގެ ގޮތުގައި އެ ދުވަހުގެ ޖިހާދުގައި ޝަހީދުވި ސިފައިންނާއި ޖިހާދުކޮށް ނަސްރު ހޯދި ސިފައިން ސިފަކުރި "ވަޒީރުން" ވެސް މި ގައުމު ހިންގުމުގެ "ކެބިން" ގައި ލައްޒަތުގައި އުޅެފައި ގޮސް އެބަ ތިއްބެވެ.
ބާޤީންނަށް ޤާޒީންގެ ޝަރަފު ދިން ދުވަސްތައް ވެސް އަޅުގަނޑުމެން ދުށީމެވެ.
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން، އޭރުގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދާއި އެކަމަނާގެ ބައްޕަ، ސިއްކަ އިސްމާއީލް އަޙްމަދު މަނިކު
ގައުމެއްގެ މިނިވަންކަމާއި އިސްތިގްލާލުގެ ދިފާއުގައި ކުރާ ހަނގުރާމައަކުން ނަސްރު ލިބޭ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަކީ، ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ކުރާ ކަމެކެވެ. ރާއްޖޭގައި މި ބީދައިން ކަންކުރަމުން އައެވެ. އެހެންނަމަވެސް މިފަހުން، "ނަސްރުގެ ދުވަސް ބީ ކެޓަގަރީ" ގައި އޮތް ދައުރެއް ވެސް ނިމި ހިނގައްޖެއެވެ. މާ ދުރު ތާރީޚެއްގައެއް ނޫނެވެ. ދާދި މިދާކަށް ދުވަހެވެ.
މި ވާހަކަތައް ދައްކާއިރު، ނަޞްރުގެ ދުވަހުގައި ދިވެހިންނަށް އަގުނުކުރެވޭ ޚިދުމަތެއް ކޮށްދެއްވި އޭރުގެ ރައީސް، އަލްއުސްތާޛް މައުމޫން އަބްދުލްޣައްޔޫމް ކުރެއްވި ވަރަށް ހިކުމަތްތެރި ކަމެއް މި އާޓިކަލްގައި ހިމަނާލާނަމެވެ. ނަސްރުގެ ދުވަހާ ގުޅުވައިގެން އަޅުގަނޑުމެންގެ "މެންދުރުޓީވީ" ގެ ޓީމުން ނެގި ބައެއް އިންޓަވިއުތަކުގައި ބައިވެރިވެވަޑައިގަތް ބައެއް ބޭފުޅުން ވެސް އެކަން ފާހަގަކުރައްވާފައިވާތީއެވެ.
އެ ދުވަހު ރައީސް މައުމޫން ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން މާ ބޮޑަށް ބައެއް ފަރާތްތަކަށް އަޅައިނުގަނެ އޮތް އެއް ކަމަކީ، އެ ދުވަހުގެ ޚާއިނުންގެ ބަޔާންތައް، ވަރަށް ރަނގަޅަށް ޑޮކިއުމަންޓު ކުރެވި، ތާރީޚަށް، އަންނަން އޮތް ޖީލުތަކަށް ހަގީގަތް އެނގޭނެ މިންވަރަށް، ފޯރުކޮށްދެވޭނެ މިންވަރަށް ރައްކާކުރެއްވުމެވެ.
"އެ ދުވަހު ބާޤީންގެ ބަޔާންތައް މިހާ ރަނގަޅަށް ޑޮކިއުމެންޓްކޮށް، އެންމެނަށް ވެސް އެނގޭނެ، ހޯދޭނެ މިންވަރަށް ރައްކާކުރެވިފައި ހުރުން އެއީ ރައީސް މައުމޫނަށް ސެލިއުޓްކުރައްވަން ޖެހޭނެކަމެއް. އެހެންނޫންނަމަ އެކަން އޮޅުވާލާ، އެ ބާޤީންނަކީ ހަގީގަތުގައި މި ގައުމު "އަޅުވެތިކަމަކުން" ސަލާމަތްކުރި "ހީރޯއިން" ގެ ގޮތުގައި ދައްކަން މަސައްކަތްކުރާނެ މީހުން ވެސް މި ގައުމުގެ ވެރިކަމާ ހަމައަށް ވެސް މީގެކުރިން އައިސްފައި އެބަހުރި". މެންދުރު ޓީވީއާ ވާހަކަދެއްކެވި، މި ދުވަހުގެ ތާރީޚާއި ކަން ހިނގައިދިޔަގޮތް ދިރާސާ ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.
ނޮވެމްބަރު 3 ގެ ހަމަލާގައި ބައިވެރިވި ދިވެހި ޚާއިނުން:
- ހ. ހާޖަރާގެ އަބްދުﷲ ލުޠުފީ
- ސަގަރު ނާސިރު
- ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު
- ކަރޯ އައްބާސް އިބްރާޙީމް
- އަބްދުﷲ ޝާހިދު
- ޕައިލޮޓް ނައީމް
- އުމަރު ޖަމާލު
މި ވާހަކަ މާ ދިގު ކުރާކަށް ނެތީމެވެ. ބުނެލަން ބޭނުންވަނީ، ދިވެހިންނާ ދެކޮޅަށް ދިވެހި ފަސްގަނޑުގައި ހަނގުރާމަކޮށް، ދިވެހިންތަކެއްގެ ލޭ އޮހޮރުވާލަން މަސައްކަތްކުރި ދިވެހިންތަކަކަށް މި ގައުމުގައި ޝަރަފުވެރިކަމާއި އަބުރުވެރިކަމާއެކު އުފާ ފާގަތި ދިރިއުޅުމެއް އުޅެވުން މިއީ އެ ދުވަހު ދިވެހި ދީބުގެ ދިފާޢުގައި ޝަހީދުވި ޝަހީދުންނަށް ކުރެވޭ މަލާމާތެއްކަމެވެ. އޭގެތެރެއިން ބައެއް މީހުން، އިޖުތިމާއީ ބައެއް ހަރަކާތްތަކުގައި ބައިވެރިވެ، ކުށެއް ނެތް މައުސޫމް ބައެއްގެ ގޮތުގައި މީސްމީޑިއާގައި ފޮޓޯވެސް އާންމު ކުރަނީއެވެ.
ތެދެއްމެއެވެ. އެ މީހުން ތިބީ ކުރި ހުކުމުގެ މުއްދަތު ހަމަވެ، ހުކުން ތަންފީޒުކޮށް ނިމިފައެވެ. ޤާނޫނުގެ ނަޒަރުގައި މިއަދު އެއީ ކުށުން މިންޖުވެފައި ތިބި ބައެކެވެ. އެއީ މިއަދު ކުށްވެރިންނެއް ނޫނެވެ. އެހެންނަމަވެސް އެ މީހުންގެ އަމިއްލަ އެދުމާއި ރަހުމުކުޑަކަމުން ހިންގި ގައްދާރީ އަމަލުގެ ސަބަބުން ހުވަފަތްވި އަނބިންނާއި، ޔަތީމުވެ މިސްކީތުވި ދަރިންނާއި، ނިކަމެތިވެ ހިތާމައިގައި ދުވަސްތައް ހޭދަކުރި މައިންބަފައިންގެ ނަޒަރުގައި އެއީ ހަމަ މިއަދު ވެސް ކުށްވެރިންނެވެ. ޤާތިލުންނެވެ. ޤައްދާރުންނެވެ.
އަދި އެއް ވާހަކަ ހިއްސާކޮށްލާނަމެވެ. މި ވާޙަކައަކީ، އެ ދުވަހުގެ ގައްދާރުން، މިއަދު އެމީހުންގެ އަމަލުތަކާ މެދު ހިތާމަކުރާކަމަށް ބުނެ އެމީހުންގެ ދިފާއުގައި ވާހަކަދައްކާ މަދު މީސްކޮޅާ ހިއްސާކުރާ ވާހަކައެކެވެ. މި ހަމަލާގެ މޭސްތިރި، ހާޖަރާގޭ އަބްދުﷲ ލުތުފީއާއި، ދެން ވެސް އެ ހަމަލާއާ ގުޅުންހުރި ހުރިހާ އެންމެން މިއަދު ތިބީ މިނިވަނުންގެ ގޮތުގައެވެ. އެންމެފަހުން މިނިވަންވީ ލުތުފީއެވެ. އެއީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުމާއެކު ކުރި އިތުރު ދައުވާއަކާ ގުޅިގެންނެވެ. އޭނާ މިނިވަން ވެފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ޖެހިގެން އައި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު މަޝްހޫރު މީސްމީޑިއާ ޕްލެޓްފޯމް، "ކްލަބްހައުސް"ގައި ދިވެހިންތަކަކާއެކު ލުތުފީ ވަނީ ރޫމެއްގައި ވާހަކަދައްކަން ބައިވެރިވެފައެވެ. އެ ރޫމުގައި އަޑުއަހަން އިން މީހަކު ހިއްސާކުރި ވާހަކައެއް ތިބޭފުޅުންނާ ވެސް އަޅުގަނޑު ހިއްސާކޮށްލާނަމެވެ.
"އެ ރޫމުގައި ވާހަކަދެއްކި އައްޑޫ ކަނބަލެއް. ރޮއެރޮއެފައި ލުތުފީ ކައިރީ އެދުނީ، ތިއީ 19 ދިވެހިންގެ ޤާތިލޭ. އެތައް އާއިލާއެއް ބިކަކޮށްލި ހަމަލާގެ މޭސްތިރިއޭ. ކުޑަމިނުން މައާފަށް އެދެން ކީއްވާނެހޭ. އާދޭސްކުރި މައާފަށް އެދޭށޭ ކިޔާފަ. ލުތުފީ އެކަމަށް އިންކާރު ކުރީ. ނޭދުން މައާފަކަށް. އެކައްޗެކޭ ވެސް އެކަމާ ގުޅޭގޮތުން ނުބުނި". މެންދުރު ޓީވީއާ ވާހަކަދެއްކި ބޭފުޅާ ހިއްސާކުރެއްވިއެވެ.
މިއިން ހާމަކޮށްދެނީ ވަރަށް ބޮޑު ކަމެކެވެ. އެއީ އެ ދުވަހު ކުރި ކަންކަމާމެދު ލުތުފީގެ އެއްވެސް "ރިގްރެޓް" އެއް ނެތްކަމެވެ. މައާފަށް އެދެން ޖެހޭނެކަމަށް ވެސް އޭނާ ގަބޫލުނުކުރާ ކަމެވެ.
ނޮވެމްބަރު 3 ގެ މޭސްތިރި، އަބްދުﷲ ލުޠުފީ ފިލައިގެން އުޅުމަށްފަހު އެނބުރި ރާއްޖެ އައުން --
މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް ބުނެލަން އޮތީ އެންމެ ވާހަކައެކެވެ. އެ ދުވަހުގެ ޚާއިނުންގެ މޫނުތައް، އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދޭށެވެ. އެ މީހުންގެ މޫނުތައް، ތިއިން ކޮންމެ ބޭފުޅެއްގެ ހިތުގައި ވެސް، ބޮލުގައި ވެސް ރައްކާ ކުރާށެވެ. އެމީހުންގެ އަނިޔާވެރިކަން، ދުވަހަކު ވެސް ހަނދާނުން ފޮހެނުލާށެވެ.


