"އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކުރުމަށް ތަކެއްޗަށްވުރެ މުހިންމީ ސިކުނޑި"
4 ނޮވެމްބަރު 2025 - 05:20

މިއަދު ދުނިޔެ ތަރައްޤީވެފައި އޮތް މިންވަރުން، އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކުރުމަށް ބަރު ހަތިޔާރަށްވުރެ މުހިންމީ ސިކުނޑިތައް ތަރައްޤީކޮށް އޭގެ ބޭނުން ހެޔޮގޮތުގައި ހިފުންކަމަށް، ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހާ ގުޅުވައިގެން މެންދުރު ޓީވީން ގެނެސްދިން ޚާއްޞަ ސެގްމެންޓެއްގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ، ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ޤައުމުގެ ދިފާޢަށް ޚަރަދުކުރުމަކީ މުހިންމު ކަމެއް ނަމަވެސް މިހާރުގެ ޙާލަތަށް ބަލާއިރު މިއީ މުޅިން އެހެން ގޮތަކަށް ހަނގުރާމަތަކެއް ކުރަންޖެހޭ ދުވަސްތަކެއް ކަމުން އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް ހަރުދަނާކުރުމާއި، ބައެއްގެ އަތްދަށު ނުވުމާއި އަޅުގަނޑުމެންގެ މިނިވަންކަން ހިފެހެއްޓުމާއި މިފަދަ ކަންކަމަށް "ތަކެއްޗަށްވުރެ މުހިންމީ ސިކުނޑި" ކަމަށެވެ.

Ad by Hajj Corporation
މިސަރުކާރުން އަސްކަރިއްޔާއަށް ކުރައްވަމުން ގެންދަވާ ޚަރަދުތަކަށް އަލިއަޅުވާލައްވަމުން ދުންޔާ ވިދާޅުވީ ދައުލަތުގެ ބަޖެޓު ކަނޑައެޅިގެންދާން ޖެހެނީ ޤައުމެއްގެ ޙާލަތާއި ސައިޒަށް ބަލާފަ ކަމަށެވެ. އެހެންކަމުން، ވަކިން ޚާއްޞަކޮށް ލިމިޓެޑް ބަޖެޓެއް އޮވެ، އަޅުގަނޑުމެންގެ އާމްދަނީ ބިނާވެފައި އޮންނަ ގޮތުން އޭގެ ބޭނުންކުރެވެނީ އެންމެ ރަނގަޅަށްތޯ ބަލަންޖެހޭ ކަމަށެވެ.
މިމޭރުމުން ވާހަކަދައްކަވަމުން ދުންޔާ ވަނީ މިއަދުގެ ޢިޤްތިޞާދީ ޙާލަތަށް ބައްލަވާލައްވާފައެވެ. އެގޮތުން މިއަދު މިވަނީ ޢާންމު ރައްޔިތުންގެ އިތުރުން ވިޔަފާރިތައްވެސް ވަރަށް ދަތި ޙާލަތެއްގައި ކަމަށާއި ޑޮލަރު ލިބުމަށްވެސް ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެންމެ މުހިންމު ކަންކަމަށް ބަޖެޓު ހޭދަކުރުމާއި ޕްލޭން ކުރުމާއި ރޭވުމާ އެއްގޮތަށް ކަންކަން ގެންދިއުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
ދުންޔާ ވިދާޅުވީ ރާއްޖޭގެ ޢިޤްތިޞާދު މިވަގުތު ބިނާވެފައި އޮތްގޮތުން މިފަދަ ދާއިރާތަކުން، ބޮޑެތި އެކި ޤައުމުތަކުން ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތި ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އެކަމަނާ ފާހަގަކުރެއްވީ އަޅުގަނޑުމެން ކުރިން ގެންގުޅު ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު، މިދިޔަ ދެތިން ސަރުކާރެއްގައި ދޫކޮށްލުމަށްފަހު ވަކި ބޮޑެތި ޤައުމުތަކެއްގެ "ފައިބުޑަށް" ވެއްޓިފައިވުމެވެ. އެސަރުކާރުތަކުގައި މުޅިންވެސް އެ ޤައުމުތަކުން ދީފައިވާ ލޯނުަތަކަށާއި އެހީތަކަށް ބަރޯސާވެ، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި މިނިވަންކަން ގެއްލުވާލާފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ދަރަނި އިތުރުވެފައިވަނީވެސް ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ. މި ދަރަނިތަކުގެ ފައިދާ ނަގައިގެން ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތިކުރުވައިގެން ވަކި ޤައުމުތަކެއް ބޭނުންވާ ގޮތަށް ކަންކަން ކުރުވުމުގެ ފުރުސަތު އެބަ އޮތްކަމަށް ދުންޔާ ވިދާޅުވިއެވެ. އެހެންކަމުން، މިކަންކަން މިގޮތަށް ވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަވަންތަ ކަމަށް ރުޖޫޢަވެ، ބޭރު ޤައުމުތަކަށް ބަރޯސާނުވެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުމަށާއި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް އިސްކަންދެއްވުމަށް، ސަރުކާރުގައި އެކަމަނާ އެދިލެއްވިއެވެ.
ދުންޔާ ވިދާޅުވީ މިފަދައިން ކަންކަން އިންތިޒާމުކުރެވޭނެފަދަ ކެޕޭސިޓީ ހުރި، ތަޢުލީމީ، ޤާބިލު ބޭފުޅުން އަޅުގަނޑުމެންގެ ވުޒާރާތަކުގައި އެބަ ތިއްބެވި ކަމަށާއި އެބޭފުޅުންގެ ލަފާގެ މަތިން، ސިޔާސީ ކުރަން ނުވާ ކަންކަން ވީހާވެސް ސިޔާސީ ނުކޮށް ގެންދިއުމަކީ އެކަމަނާގެ ނަޒަރުގައި ޤައުމަށް އޭގެން އެންމެ ފައިދާކުރާނެ ގޮތް ކަމަށެވެ.
މިސެގްމެންޓުގައި ވާހަކަދައްކަވަމުން ދުންޔާ ވަނީ ޒުވާނުންގެ ސިކުނޑިތައް ތަރައްޤީީކޮށް، އެކުދީންނަށް ކަންކަމުގެ ޞައްޙަ މަޢުލޫމާެތު ފޯރުކޮށްދިނުމުގައި މީސްމީޑިއާގެ ދައުރަށްވެސް ބައްލަވާލައްވާފައެވެ. އެގޮތުން، ވަކީން ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދީންނަށް ނަޞްރުގެ ދުވަހުގެ ހާދިސާފަދަ ކަންކަމުގެ ޞައްޙަ މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ތާރީޚު ލިޔެވިގެންދަނީ އެފަދައިން ކަމަށެވެ.
ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ނުފެނިތިބި އެތައް ކުދިންނެއް މިހާރު ދުނިޔޭގައި ތިބިކަމުން، އެދުވަހު ކަން ހިނގައިދިޔަ ގޮތުގެ ރަނގަޅު މައުލޫމާތު ފޯރުކޮށްދީ، އެކުދިންގެ ހިތްތަކުގައި ޤައުމީ ރޫޙާއި ޤައުމީ ލޯބި އާލާކުރުމަކީ މުހިންމު ކަމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ.
މިފަދައިން ވިދާޅުވެ، ދުންޔާ ވަނީ އެކި ގޮތްގޮތުން "މިސްއިންފޮމޭޝަން" ނުވަތަ ދޮގު މައުލޫމާތު ފަތުރަން ކުރެވޭ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެކަމަނާ ވިދާޅުވީ ފަހަކަށް އައިސް ސޯޝަލް މީޑިއާ، އަދި ވަކިން ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ބޭނުންކޮށްގެން ދޮގު މައުލޫމާތު ފެތުރުން ޢާންމުވެފައިވާ މިންވަރުން ގިނަ މީހުނަށް ކަންކަމުގެ ޙަޤީޤަތް އޮޅިފައިވާކަމަށެވެ. އެހެންކަމުން މިއީ ކެނޑިނޭޅި ކުރަންޖެހިފައިވާ ހަނގުރާމައެއް ކަމަށާއި އަޅުގަނޑުމެންގެ ދަރީންނަށް މާޒީގައި ހިނގާފައިވާ ކަންކަން ކިޔައިދޭއިރުވެސް އޮޅުން އަރާތަން އަންނަކަން ދުންޔާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ދަރީންނަށް މިކަންކަމުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް ވިދާޅުވެ، ދުންޔާ ވަނީ މިކަމަކީ އެއްގޮތަކުން "ލޫޒިންގ ބެޓަލް"އެއް ކަމުގައި ސިފަކުރައްވާފައެވެ.
ކުރީގެ ޚާރިޖީ ވަޒީރު، ދުންޔާ މައުމޫން މިބީދައިން ވާހަކަދައްކަވާފައި ވާއިރު، އިއްޔެ ބޭއްވުނު ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މިއާ ދާދި އެއްފަދައަކުން ވާހަކަދައްކަވާފައެވެ. އެގޮތުން އިއްޔެގެ ޖަލްސާގައި ރައީސް ވަނީ، ކުރީ ޒަމާންތަކުގައި ހަނގުރާމަކުރި ގޮތާއި މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި އެކި ޤައުމުތަކުން ބޭނުންކުރަމުން އަންނަ ބައެއް ޒަމާނީ އުކުޅުތަކަށް ބައްލަވާލާފައެވެ. އެގޮތުން، އަޅުގަނޑުމެންގެ އިޤްތިޞާދީ މިނިވަންކަން ނައްތާލާ، ނުވަތަ އިޤްތިޞާދު ބޮޑު އަނދަވަޅަކަށް ވައްޓާލާ، އަޅުގަނޑުމެންގެ އަމިއްލަ އަތުގައި މިއޮތް މިނިވަންކަން ނިގުޅައިގަތުމަކީ މިކަމާމެދު ނުވިސްނާ ތިބެއްޖެ ނަމަ ދާދި ފަސޭހަކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ބޭރު ޤައުމުތަކުން އަބަދުވެސް އަޅުގަނޑުމެންނަށް ލޯއަޅާނެ ވަރަށް މުހިންމު ކަންތައްތަކެއް އަޅުގަނޑުމެން ދިވެހީންގެ އަތުގައި އެބަހުރި ކަމަށާއި މިކަންކަމާމެދު ސަމާލުނުވާނަމަ އަޅުގަނޑުމެން ޣާފިލުވެފައި ތިއްބައި އަޅުގަނޑުމެނަށް އެކަން ނޭނގިވެސް އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަންކަމަކީ މިޒަމާނުގައި ކަނޑިއާއި ބަޑި ހިފައިގެން އައިސް ގެއްލުވާލާނެ ކަންކަން ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައީސް ފާހަގަކުރެއްވި ކަންކަމަކީ، އަޅުގަނޑުމެންގެ ދިވެހިވަންތަކަމާއި، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނަށް އެކަނި ތަބާވެގެންތިބި ބައެއްކަމާއި، އެއްބަހަކުން ވާހަކަދައްކާ އެއް ނަސްލަކަށް ނިސްބަތްވާ، އެއްބައިވަންތަ ބައެއްކަމެވެ.
ރައީސް ވިދާޅުވީ، މިކަންކަން ޙިމާޔަތްކުރުމަށް، ކޮންމެ މީހަކަށް އެކަމަށް ބޭނުންވާ ތަމްރީނާއެކު ހަތިޔާރުދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި ނަމަވެސް ކޮންމެ މީހެއް އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތްކަމަށެވެ. އެއީ،ﷲ ތަޢާލާ ދެއްވި ސިކުނޑިއާއި އޭގެން ވިސްނުމުގެ މަތިވެރި ނިޢުމަތް ކަމަށް ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް، ޑރ. މުޢިއްޒު ވިދާޅުވިއެވެ.


