އެމްޑީޕީގެ ލޯގޯގައި އިންނަކަހަލަ ހަމަހަމަކަމެއްނެތް ތިލަފަތެއް ރައްޔިތުން ބޭނުމެއް ނުވޭ: މެމްބަރު ޝުޖާޢު
4 ނޮވެމްބަރު 2025 - 05:07

އެމްޑީޕީގެ ލޯގޯގައި އިންނަކަހަލަ ހަމަހަމަކަމެއްނެތް ތިލަފަތެއް ރައްޔިތުން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު އަސްލަމް ހުށަހަޅުއްވާފައިވާހެއްކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ އިންސާފުގެ ތިލަފަތް ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްކަމަށާއި އެމްޑީޕީގެ ލޯގޯގައި އިންނަކަހަލަ ތިލަފަތެއް ރައްޔިތުން ބޭނުންނުވާކަމަށެވެ.

Ad by Hajj Corporation
"އެމްޑީޕީގެ ލޯގޯގައި އިންނަކަހަލަ ތިލަފަތެއް ރައްޔިތުން ބޭނުމެއްނުވޭ. އަމަލުކުރަމުންދާ ގޮތާއި ލޯގީގައި އިންނަގޮތާއި ތަފާތު. އެބޭފުޅުންގެ އަދުލު އިންސާފުވަނީ އެއްފަރާތައް ބުރަވެފައި. ބޭނުންވަނީ އެންމެ ނިކަމެތި މީހާއަށާއި އެންމެ މުއްސަނދި މީހާއަށްވެސް އިންސާފު ލިބުމަށް." ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާޢު
ހެއްކާ ބެހޭ ގާނޫނު ޒަމާނީކުރަންޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ހެއްކާބެހޭ ޤާނޫނުގައި އެކުލެވޭ، ހެއްކާބެހޭ ބައެއް އުސޫލުތަކާގުޅިގެން، ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށާއި، ނިޒާމު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ބުނެވިދިޔަ ޤާނޫނުގައި ހެއްކާގުޅިގެން ހިމަނަންޖެހޭ އިތުރު އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމަށާއި، އަދި މި ޤާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަޞްދަރު ހާމަކުރުމަށް ލާޒިމުކުރާ ޙާލަތްތައް މިހާރު އެ ޤާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.
އެގޮތުން، މި ބިލުން ބުނެވިދިޔަ ޤާނޫނަށް ގެނައުމަށް ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ޤާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިޞްލާޙުތައް ހިމެނެއެވެ.
• ކިތާބީ ހެއްކާއި، އިލެކްޓްރޯނިކް ހެއްކާއި، މާއްދީ ހެއްކާއި، އަދި އިވުނު ކަމަށް ބުނާ ހެއްކާބެހޭ އުސޫލުތަކަށް ހުށަހަޅާ އިޞްލާޙުތައް
• ހެކިބަސް ނެގުމާބެހޭ އުސޫލުތަކާގުޅިގެން ގެންނަ އިޞްލާޙުތައް
• ނޫސްވެރިކަމުގެ އިމްތިޔާޒާގުޅޭ އުސޫލުތަކަށް ގެންނަ އިސްލާޙުތައް
• އަލަށް ތަޢާރުފުކުރެވޭ ކާކުކަން އަންގައިދޭ ހެއްކާއި، ޒާތާގުޅޭ ހެކީގެ އުސޫލުތައް ޤާނޫނުގައި ކަނޑައެޅުން


