އޮކްޓޯބަރު މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު %10.2 އިތުރު
4 ނޮވެމްބަރު 2025 - 11:00

ފާއިތުވި އޮކްޓޯބަރު މަހު ފަތުރުވެރިކަމަށް 10 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ރާއްޖެއަށް ޖުމްލަ 190,445 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 10.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޒިޔާރަތްކުރީ 172,621 ފަތުރުވެރިންނެވެ.

Ad by Hajj Corporation
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1,683,152 ފަތުރުވެރިންނާ އަޅާ ބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އެގޮތުން ޗައިނާއިން މިހާތަނަށް ޖުމްލަ 295,537 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާ އިން މި މުއްދަތުގައި 232,020 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މީގެއިތުރުން، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކުގެ ލިސްޓުގެ ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 163,426 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު ހަތަރު ވަނައިގައި އޮތް ޖަރުމަނުވިލާތުން މިހާތަނަށް 132،394 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. އަދި އިޓަލީވިލާތުން 119،261 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6,017 ފަތުރުވެރިން ޒިޔާރަތްކުރާއިރު، ތަފާސްހިސާބުތައް ދައްކާގޮތުން، ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެގޮތުން 1,363,693 ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރިއިރު، 396,278 ފަތުރުވެރިއަކު ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައި ވެއެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1286 ތަނެއް ވަނީ ހުޅުވާފައެވެ. މި ހުރިހައި ތަނެއްގެ ބެޑް ކެޕޭސިޓީ 64،994 އަށް އަރައެވެ.


