ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވާތީ، ބާޖުތަކުގައި ސީސީޓީވީ ހަރުކުރަނީ
5 ނޮވެމްބަރު 2025 - 15:15

ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް)ގެ ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވެފައިވާތީ، އެކަން ޙައްލުކުރުމުގެ ގޮތުން އެ ބާޖުތަކުގައި ސީ.ސީ.ޓީވީ ކެމެރާ ހަރުކުރަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު އާޝާން ވިދާޅުވީ، ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވުމާ ގުޅިގެން އެކުންފުނީގެ ބޯޑުން ބާޖުތަކުގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation
އާޝާން ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްޓަކައި މިހާރު ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ސީސީޓީވީއާއެކު ވަގުތުން މަންޒަރުތައް ބަލައިލެވޭނެ 'މޮޑަމް' އެއްވެސް ހަރުކުރާނެކަން ފާހަގަކުރެއްވިއެވެ.އަދި ތެޔޮ ބާޖުތަކުގައި ސީސީޓީވީ ހަރުކުރުމުގެ އިތުރުން އެ މައްސަލަ ހައްލުކުރުމަށް ބާޖުތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ކޮންމެ ތިން މަހަކުން ބަދަލުކުރުމަށް ނިންމާފައިވާނެ ކަމަށް އާޝާން ވިދާޅުވިއެވެ.

ވަގަށް ތެޔޮ ވިއްކުމުގެ އެތައް މައްސަލައެއް ފެންމަތިވެ، ބާޖުތަކުގައި މަސައްކަތް ކުރާ މީހުން މުސާރައާއި ނުބައްދަލު އެތައް ނުހައްގު މުއްސަނދި ކަމެއް ހޯދާ ކަމުގެ ތުހުމަތު އެފް.އެސް.އެމް އަށް ކުރެވުމަކީ، ޒަމާންވީ ބޮޑު މައްސަލަ އެކެވެ.އެފަދަ މައްސަލަތައް އިތުރުވެފައިވާތީ މިފަހުން ދެ ބާޖެއްގެ ހުރިހާ ފަޅުވެރިން ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށް ވެސް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން މިއަދު މަޖިލީހުގައި ވިދާޅުވިއެވެ.
އާޝާން ވަނީ އެ މައްސަލަ ކުރިއަށް އޮތްތަނުގައި ކުންފުނީގެ މެނޭޖްމަންޓުން ވަރަށް ސީރިއަސްކަމާއެކު ބަލާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ޚިދުމަތް ފޯރުކޮށްދޭ އެއް ކުންފުނި ވެސް މެއެވެ.
އެފް.އެސް.އެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް މަނީ ލޯންޑާކުރި މައްސަލައެއް މިދިޔަ އަހަރު ފެންމަތިވިެވައި ވާއިރު،އެ މައްސަލައިގައި އެ ކުންފުނީގެ އިސްވެރިންނާއި ގިނަ މުވައްޒަފުންތަކެއް އޭރުވެސް ވަކިކުރި އެވެ.


