މަސްވެރިންނާއި އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުގައި ތެޔޮ ފޯރުކޮށްދެނީ
17 މާރިޗު 2026 - 01:18

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ތެލުގެ އަގަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، މަސްވެރިންނާއި އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއޯއިން ނިންމައިފިއެވެ.
މީގެ ތެރޭގައި ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ހިންގާ 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން ސަބްސިޑީ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހިމެނެއެވެ.

Ad by Hajj Corporation
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށްވުރެ މަތިވެފަ އެވެ. އޭގެ ސަބަބުން ރާއްޖެއަށް ތެޔޮ އެތެރެކުރަން ޖެހޭ ހަރަދު ބޮޑުވެ، އެސްޓީއޯއިން އަތޮޅުތަކުގެ އަމިއްލަ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު ވަނީ ބޮޑުކޮށްފަ އެވެ. ނަމަވެސް، މި ފަރާތްތަކަށް މާލެ ސަރަހައްދުގެ ފިއުލް ޝެޑްތަކުން ވިއްކާ އަގަށް ބަދަލެއް ގެނެސްފައި ނުވާއިރު، އަތޮޅުތެރޭގައި އެސްޓީއޯ އަތުން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށް ވެސް ކުރީގެ އަގުގައި ތެޔޮ ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް ރާއްޖޭގެ ތެލުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ބުރާސްފަތި ދުވަހު ވެސް ވިދާޅުވެފައިވެ އެވެ. މިގޮތުން އެސްޓީއޯއަށް ލިބޭނެކަމަށް ބެލެވޭ ފައިދާއިން ބައެއް ހިމަނައިގެން ތެލުގެ ސަބްސިޑީ އިތުރުކުރާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި މިއީ އާންމު ރައްޔިތުންނަށް މާލީ ގޮތުން ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްކުރުމަށް އެޅި ފިޔަވަޅެކެވެ. ސަރުކާރުން މިހާރު ދަނީ އެސްޓީއޯގެ ފައިދާއިން ބައެއް އުނިކޮށްގެން ނަމަވެސް އަގުތައް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ، ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އަވަށްޓެރި ގައުމުތަކާއި އެހެނިހެން ގައުމުތަކުން ތެޔޮ ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާކަން ވެސް ވަނީ ހާމަކޮށްފައެވެ.


