ރާއްޖޭގެ ކޮންމެ ރަށަކަށް އެއް ފެންވަރެއްގެ ޚިދުމަތް، އައްޑޫގެ މައްސަލަތަކަށް ދާއިމީ ހައްލުތަކެއް
6 ނޮވެމްބަރު 2025 - 03:21

ރާއްޖޭގެ ކޮންމެ ރަށެއްގައި، ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އެއް ފެންވަރެއްގައި ޚިދުމަތް ލިބެންޖެހޭނެކަމަށާއި، ރައްޔިތުންނަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
އައްޑޫ ސިޓީގެ ތަރައްޤީއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެކަންކަމަށް އަވަސް އަދި ދާއިމީ ޙައްލުތައް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން އައްޑޫގެ ރައްޔިތުންނަށް ދެއްވިއެވެ.
އެގޮތުން، އައްޑޫގެ އެންމެ ބޮޑު މައްސަލައެއް ކަމަށްވާ ކަރަންޓުގެ މައްސަލައަށް ވަށާޖެހޭ ދާއިމީ ޙައްލެއްގެ ގޮތުން، 30 މެގަވޮޓްގެ ކެޕޭސިޓީ ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ސިޓީގެ އިޤްތިޞާދަށް ހުރަސްތައް ކުރިމަތިކުރުވާ، މަގު ހެދުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މަރުހަލާތަކަށް ބައި ނުކުރައްވައި ސިޓީގެ ހުރިހާ މަގުތަކެއް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ވަޒީފާގެ ފުރުޞަތުތައް މަދުވުމުގެ ސަބަބުން ރައްޔިތުން މާލެއަށް ބަދަލުވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫއިން ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހަމަޖެހިގެންދާނެ ކަމުގެ އުންމީދީ ޚަބަރު ރައީސް ވަނީ ދެއްވާފައެވެ. ޚާއްސަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ޝަންގްރިއްލާ ރިސޯޓް މި އަހަރުގެ ފަހުކޮޅު ހުޅުވޭނެ ކަމަށާއި، ހަންކެޑެ މަޝްރޫޢުގެ ހުރަސްތައް ނައްތާލެވި 1000 އެނދުގެ ޓުއަރިޒަމް މަޝްރޫޢެއް މާލަހެއް ނުވެ ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އައްސޭރި ޓުއަރިޒަމް މަޝްރޫޢުންވެސް ވަޒީފާ އިތުރުވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ތަރައްޤީއާ ގުޅުންހުރި 19 މަޝްރޫޢެއްގައި ސޮއިކުރެވުނުއިރު، އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުތައް ފުރިހަމަކަމާއެކު ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.
މުޅި ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށާއި، 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިންވެސް ރިޔާސީ ވަޢުދުފުޅުތަކުގެ އިތުރުން އިތުރު ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 205 މަޝްރޫޢެއްގެ އެއްބަސްވުމުގައި ބުރާސްފަތި ދުވަހު މާލޭގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، ސަރުކާރުން ދައްކަންޖެހޭ ފައިސާ މިމަހުގެ ނިޔަލަށް ޚަލާސްކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
މި ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ އިތުބާރާއެކު އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު ޒިންމާ އަދާކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.


