ޔަމާލް އާއި ދެކޮޅަށް ނަސްލީތަފާތުކުރުމުގެ ބޮޑެތި ކެމްޕޭނުތަކެއް ކުރިޔަށްދަނީ
9 ނޮވެމްބަރު 2025 - 04:41

ސްޕެއިންގެ ސޯޝަލް މީޑިއާގައި ފުޓްބޯޅަ ކުޅުންތެރިންނަށް އަމާޒުކޮށް ދެވޭ ނަސްލީ ފުރައްސާރައިގެ ބޮޑު ބައެއް އަމާޒުވަނީ ޒުވާން ކުޅުންތެރިޔާ ކަމަށްވާ ބާސެލޯނާގެ ލަމީން ޔަމާލަށްކަން ހާމަވެއްޖެއެވެ. ސްޕެއިންގެ ރޭސިޒަމް އަދި ޒެނޯފޯބިއާ ބަލާ މަރުކަޒު (Spanish Observatory of Racism and Xenophobia) އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ސްޕެއިންގެ ސޯޝަލް މީޑިއާގައި ފާހަގަކުރެވުނު ނަސްލީ ފުރައްސާރައިގެ ކޮންމެ 10 ވާހަކައަކުން 6 ވާހަކަ އަމާޒުވެފައިވަނީ ޔަމާލަށެވެ.
މި ރިޕޯޓްގައިވާ ގޮތުން ސްޕެއިންގެ ފުޓްބޯޅަ ކުޅުންތެރިންނަށް އަމާޒުކުރެވޭ ނަސްލީ ފުރައްސާރައިގެ ޖުމްލަ 60% އަމާޒުވަނީ ޔަމާލަށެވެ. މިއީ ރެއާލް މެޑްރިޑްގެ ވީނީސިއަސް ޖޫނިއަރަށް އަމާޒުވާ ފުރައްސާރައިގެ ދެގުނައެވެ. އުމުރުން 16 އަހަރުގެ މި ކުޅުންތެރިޔާއަށް އޮންލައިންކޮށް އެންމެ ގިނައިން ހަމަލާ ދީފައިވަނީ ޕެރިހުގައި ބޭއްވި ބެލޮންޑޯރ ހަފްލާގެ ވަގުތުގައެވެ. އެގޮތުން، އޭނާއަށް 'ޤަވާއިދާ ޚިލާފަށް އުޅޭ ރެފިއުޖީއެއް'ގެ ގޮތުގައި ލޭބަލްކޮށް މީސްމީޑިޔާގައި ނަސްލީ ފުރައްސާރާތަކެއް ކޮށްފައިވެއެވެ.

Ad by Hajj Corporation
މިފަދަ ހަމަލާތަކަކީ އެކަހެރި ހާދިސާތަކެއް ނޫން ކަމަށާއި، މިއީ ނަސްލާއި، ހަންގަނޑުގެ ކުލައާއި، ދީނަށް ބިނާކޮށް ދެމުންގެންދާ ނަސްލީ ފުރައްސާރައިގެ ބައެއް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ޔަމާލް އުފަންވެފައިވަނީ ސްޕެއިނަށް ކަމަށްވުމާއި، އަދި ސްޕެއިންގެ ރައްޔިތެއްގެ ގޮތުގައި ނަމަވެސް، އޭނާގެ މޮރޮކޯ އަދި އެފްރިކާ ނަސްލުގެ ސަބަބުން ވަކިކޮށް ނަސްލީ ފުރައްސާރާ ކުރަމުންދާކަން ފާހަގަކުރެވެއެވެ. އޭނާގެ ބައްޕަ އަކީ މޮރޮކޯއަށް ނިސްބަތްވާމީހެކެވެ. އަދި މަންމަ އަކީ އެފްރިކާއަށް ނިސްބަތްވާ މީހެކެވެ
ފުޓްބޯޅަ ދުނިޔޭގައި ނަސްލީ ފުރައްސާރަ އިތުރުވަމުންދާ މި ދަނޑިވަޅުގައި، ޔަމާލަށް އަމާޒުވާ މި ބޮޑު ނިސްބަތުގެ ހަމަލާތަކަކީ ކުޅުންތެރިންނާއި ކުޅިވަރުގެ މާހައުލު ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކަމެކެވެ. މިފަދަ ނަސްލީ ފުރައްސާރަތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ސްޕެއިންގެ ކުޅިވަރުގެ އިދާރާތަކަށް ވަނީ ގޮވާލާފައެވެ.


