ފަލަސްތީނު ގައުމީ ޓީމުގެ ހުރިހާ ޚަރަދުތަކާއި އިންތިޒާމްތައް ދިވެހި ސަރުކާރުން ހަމަޖައްސާދެނީ
9 ނޮވެމްބަރު 2025 - 11:02

2026 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި އޮންނަ އޭ އެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން މެޗްތަކަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޓްރެއިނިންގ ކޭމްޕްއަށް މާދަމާ ރާއްޖެ އަންނައިރު ޓީމުގެ ހުރިހާ ޚަރަދުތަކާއި އިންތިޒާމްތައް ދިވެހި ސަރުކާރުން ހަމަޖައްސައިދޭނެކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް- އެފްއޭއެމްއިން ބުނެފިއެވެ.
ފަލަސްތީނު ފުޓުބޯޅަ ޓީމުގެ މި ދަތުރުގައި މި ޓީމުން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ ދެ މެޗު ނޮވެމްބަރު 13 އަދި 15 ގައި ގަލޮޅު ރަސްމީ ދަނޑުގައި ރޭގަނޑު 9 ޖަހާއިރު ކުޅުމަށްވަނީ ހަމަޖެހިފައެވެ.
ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީންގެ ގައުމީޓީމުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމުގައި އެހީތެރިކަމަށް އެ ޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދިފައިވާތީވެ އެޓީމު ދިވެހިރާއްޖޭގައި ކޭމްޕްކުރުމަށް ހިނގާ އެންމެހާ ޚަރަދުތަކާއި އިންތިޒާމްތައް ހަމަޖެއްސުމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބިފައިވާކަން ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ދިވެހިރާއްޖޭއާއި ފަލަސްތީނު ބައްދަލުކުރާ ދެ މެޗްގައި ސްވެނިއަރ ޓިކެޓްވިއްކުމަށް ވެސް އެފްއޭއެމްއިން ވަނީ ތައްޔާރުވެފައެވެ. މިގޮތުން ކޮންމެ މެޗެއްގައިވެސް ވިއްކާނީ ސްވެނިއަރ ޕްލެޓިނަމްގެ 50 ޓިކެޓާއި ސްވެނިއަރ ގޯލްޑްގެ 200 ޓިކެޓެވެ. މިގޮތުން ވިއްކާ ޓީކެޓްގެ ފައިސާ ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ހަދިޔާކުރުމަށް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.
- ސްވެނިއަރ ޕްލެޓިނަމް ޓިކެޓް: 50 ޓިކެޓް - 1000 ރުފިޔާ - ވީވީއައިޕީ (ރޮސްޓްރަމް)

Ad by Hajj Corporation
- ސްވެނިއަރ ގޯލްޑް ޓިކެޓް: 200 ޓިކެޓް - 500 ރުފިޔާ - ވީއައިޕީ ގޮނޑި
ރާއްޖޭގެ ޓްރެއިނިންގ ކޭމްޕް ނިންމާލުމަށްފަހު ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު މި މަހު 19 ވަނަ ދުވަހު ދާނީ ކޮލިފައިން މެޗްތައް ކުޅުމަށް އިންޑިއާއަށެވެ. ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޮލިފައިން މެޗްތައް ކުޅޭނީ ތައިލެންޑްގައި، އެގައުމާއި، ތުރުކިމިނިސްތާނާއި، ކުވައިތާއި މޮންގޯލިޔާއާއެކު، ނޮވެމްބަރ 22 އިން 30 އަށެވެ.


