ހުއްދަނެތި ފުޓްސަލް މުބާރާތެއް ކުޅެގެން ޤައުމީ ސްކޮޑުން އައިހަމް ވަކިކޮށްފި
10 ނޮވެމްބަރު 2025 - 18:43

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޕިލިޕީންސްއާއި ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން، ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް ވަކިކޮށްފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނެރުނު ބަޔާނެއްގައި ބުނީ، އައިހަމް (ޖޯޒީ ނަމްބަރު 6) ޤައުމީ ޓީމުން ވަކިކުރީ ގައުމީ ޓީމުގެ ރަސްމީ ފަރިތަކުރުންތަކުގައި ބައިވެރިނުވާތީ އާއި ހުއްދަ ނުހޯދާ ފުޓްސަލް މުބާރާތެއްގައި ކުޅުމުގެ ސަބަބުން ކަމަށެވެ.
އެފްއޭއެމްއިން ބުނީ ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ގައުމު ތަމްސީލުކުރާއިރު އެންމެ މަތީ ފަންތީގައި ކަމޭހިތުމާއި، ފަންނީ އަހްލާގު ހިފަހައްޓާނެ ކަމަށް އެ އިދާރާއިން އުންމީދު ކުރާކަމަށެވެ.

Ad by Hajj Corporation
އައިހަމް އަކީ ރާއްޖޭގައި ކުރިއަށްދާ މަޝްހޫރު، ބޮޑެތި ފުޓްސަލް މުބާރާތްތަކުގައި ނަން ވިދާ މޮޅު ކުޅުންތެރިއެކެވެ. މިފަހުން އޭނާ ކުޅެފައިވަނީ އޭނާގެ އުފަން ރަށް އުތީމުގައި އޮތް ފުޓްސަލް މުބާރާތެއްގައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި އެފްއޭއެމްގެ ހުއްދަ ނުހޯދާ މުބާރާތެއްގައި ކުޅެފިނަމަ ޤައުމީ ޓީމުން ކުޅުންތެރިން ވަކިކުރުމަކީ އޮންނަ އުސޫލެކެވެ.
މި މަހު 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް އޭޝިއަަން ކަޕްގެ ކޮލިފައިންގައި ގައުމީ ޓީމުން ކުޅޭ މެޗަށް މިއަދު ހަވީރު ގައުމީ ޓީމުން ވަނީ ޕްރެކްޓިސްތައް ފަށައިފަ އެވެ. އެ ސްކޮޑުގައި އައިހަމް ވެސް ހިމެނުނެވެ. އެކަމު ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ.


