އެތްލެޓިކޯ މެޑްރިޑް ވިއްކާލައިފި
11 ނޮވެމްބަރު 2025 - 04:00

ސްޕެއިންގެ ފުޓްބޯޅަ ކްލަބް، އެތްލެޓިކޯ މެޑްރިޑްގެ މެޖޯރިޓީ ކޮންޓްރޯލް، އެލްޓަރނޭޓިވް އެސެޓް މެނޭޖަރ އެޕޮލޯގެ ސްޕޯޓްސް އިންވެސްޓްމަންޓް ބައި ކަމަށްވާ އެޕޮލޯ ސްޕޯޓްސް ކެޕިޓަލް އިން ގަނެފިކަން އެ ކްލަބުން އިޢުލާނުކޮށްފިއެވެ.
މި ޑީލްގެ އަގު 2.2 ބިލިއަން ޔޫރޯ (2.55 ބިލިއަން ޑޮލަރު) ކަމަށް މައުލޫމާތު ލިބިފައިވާ ފަރާތަކުން ބުނެއެވެ. މިއީ ފުޓްބޯޅަ ޓީމެއްގެ ކޮންޓްރޯލް ވިއްކާލި އަގުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އަގު ކަމަށް ވެއެވެ. އެންމެ ބޮޑު އަގެއްގައި ވިއްކާލާފައިވަނީ 2022 ވަނަ އަހަރު ޓޮޑް ބޯލީ އަދި ކްލެއަރލޭކް ކެޕިޓަލް އިން 3.16 ބިލިއަން ޑޮލަރަށް ޗެލްސީ ގަތް ގަތުމެވެ.

Ad by Hajj Corporation
އެޕޮލޯ އިން މި ޑީލްގައި އެތްލެޓިކޯގެ ގާތްގަނޑަކަށް 55% ހިއްސާ ގަންނައިރު، ޑީލް ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. މި ވިއްކާލުމަށްފަހު ވެސް މީގެ ކުރިން އެންމެ ބޮޑު ހިއްސާދާރު (35%) ކަމުގައިވާ މިގޭލް އޭންޖެލް ގިލް މާރިން ސީއީއޯގެ މަގާމުގައި އަދި އެންރީކޭ ސެރޭޒޯ ރައީސްގެ މަގާމުގައި އެތްލެޓިކޯ ހިންގުމުގައި ދެމިތިބޭނެއެވެ. މީގެ އިތުރުން ކްލަބުގެ ހިއްސާދާރުންގެ ގޮތުގައި ކުއާންޓަމް ޕެސިފިކް ގްރޫޕް އަދި އޭރީސް މެނޭޖްމަންޓް ވެސް ދެމިތިބޭނެއެވެ.
އެޕޮލޯ އިން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އާ ސްޕޯޓްސް ފަންޑެއް އިފްތިތާހުކޮށްފައެވެ. މި ފަންޑުގެ ސީއީއޯ އަކީ އަލް ޓައިލިސް އެވެ. ކޯ-ޕޯޓްފޯލިއޯ މެނޭޖަރުންގެ ގޮތުގައި ރޮބް ގިވޯން އަދި ލީ ސޮލޮމަން ހިމެނޭއިރު، ޗީފް ސްޓްރެޓެޖީ އޮފިސަރަކީ ސޭމް ޕޯޓަރެވެ. 5 ބިލިއަން ޑޮލަރުގެ މި ފަންޑުން ވަނީ އާރީ އެމަނުއެލް އަދި މާކް ޝަޕީރޯއާ ގުޅިގެން މުތުއާ މެޑްރިޑް އޯޕަން އަދި މިއާމީ އޯޕަން ޓެނިސް މުބާރާތްތަކުގައި އިންވެސްޓްކޮށްފައެވެ. މި ފަންޑުގެ މައި ކުންފުނީގެ ދަށުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް 908 ބިލިއަން ޑޮލަރުގެ އެސެޓް އެބަ ހުއްޓެވެ.
އެތްލެޓިކޯ މެޑްރިޑަކީ 11 ފަހަރު ލަލީގާގެ ޗެމްޕިއަންކަން ހޯދާފައިވާ ކްލަބެކެވެ. މިއީ ރެއާލް މެޑްރިޑާއި ބާސެލޯނާއަށްފަހު އެންމެ ގިނަ ފަހަރު ލަލީގާ ކާމިޔާބުކުރި ކްލަބެވެ. އެ ކްލަބުން މިހާރު ދަނީ މެޑްރިޑްގައި ހުންނަ އެ ކްލަބުގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމް ވަށައިގެން 800 މިލިއަން ޔޫރޯ (928 މިލިއަން ޑޮލަރު) ގެ މިކްސްޑް-ޔޫސް ޑިވެލޮޕްމަންޓެއް ބިނާކުރަމުންނެވެ.
މިދިޔަ މޭ މަހު ސްޕޯޓިކޯ އިން ވަނީ އެތްލެޓިކޯގެ އަގު 1.85 ބިލިއަން ޑޮލަރަށް ކަނޑައަޅާފައި؛ މިއީ ދުނިޔޭގެ ފުޓްބޯޅަ ފްރެންޗައިޒްތަކުގެ ތެރެއިން 11 ވަނައެވެ. 2023-24 ސީޒަންގައި އެ ކްލަބުގެ އާމްދަނީ އުޅެނީ 427 މިލިއަން ޑޮލަރުގައެވެ.


