ނޫސްވެރިކަމާއި ގުޅުންހުރި ޕްރޮގްރާމުތަކާއި ކޯސްތަކުގައި ބައިވެރިވުމަށް މިނިސްޓަރ އެދިވަޑައިގެންފި
12 ނޮވެމްބަރު 2025 - 11:27

ނޫސްވެރިކަމާއި ގުޅުންހުރި ޕްރޮގްރާމުތަކާއި ކޯސްތަކުގައި ބައިވެރިވުމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާރޓްސް އިބްރާހިމް ވަހީދު އެދިވަޑައިގެންފިއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއާއި ޔޫތު މިނިސްޓްރީ އާ ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
މިނިސްޓަރ ވިދާޅުވީ، މިފަދަ އެކި ތައުލީމީ ޕްރޮގްރާމުތަކުން ދަސްވާ އެއްޗަކާއި، މަސައްކަތުގެ ތަޖުރިބާގައި ދަސްވާ އެއްޗަކާއި ވަރަށް ތަފާތުވާނެ ކަމަށެވެ.
ރާއްޖޭގެ ގާތްގަނޑަކަށް 90 އިންސައްތަ ނޫސްވެރިންނަކީ ސްކޫލް ނިންމާ ގޮތަށް މި ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން ނޫސްވެރިކަމަށް ވަދެ، އެ ކަމުގެ ތެރެއިން ދަސްވާ އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ ކުދިން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ނޫސްވެރިންގެ ގާތްގަނޑަކަށް 90 ޕަސަންޓު ކުދިންނަކީ މި ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން ސްކޫލު ނިންމި ގޮތަށް ނޫސްވެރިކަމަށް ވަދެ އެކަމުގެ ތެރެއިން ދަސްވި އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ ކުދިން، އެވެސް މުޅިއަކުން ގޯސް ގޮތެއް ނޫން، ނަމަވެސް އަޅުގަނޑު ރާއްޖޭގެ ނޫސްވެރިންނަށް އެއްޗެއް ދަންނަވާނަމަ ދަންނަވާނީ މި ޕޮރޮގުރާމުތަކުގައި ބައިވެރިވާށޭ، ތިބޭފުޅުންނަށް ދަސްވާ އެއްޗެހި ތަފާތު ވާނެ، ތިބޭފުޅުންނަށް އެނގޭ މިންވަރު ތަފާތު ވާނެ، ތިބޭފުޅުން ކޯސް ނިންމާފައި ދެން ޖެހިގެން އަންނަ ދުވަހު ޕްރެކްޓިސް ކުރާ އެއްޗާއި ލިޔާ އެއްޗާއި ހަމަ ތަފާތުވާނެ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މިއަދު އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްއާއި އެކު އެއްބަސްވެވުނު ކަންތައްތަކުގެ ތެރެއިން ފަސް ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ އާއިޝަތު ޝެހެނާޒު އާދަމްއާ ހަވާލާދެއްވާ، މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ނޫސްވެރިކަމުގެ މާސްޓަސް ޕްރޮގްރާމެއް ފެށުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.
މިނިސްޓަރ ވަނީ މީޑިއާގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުން ކުރު ކޯސްތަކާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ އިތުރުން ޑިގްރީ، މާސްޓާސް އަދި ފައުންޑޭޝަން ކޯސްތަކުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ސަރުކާރުގެ ފަރާތުން ކޯސް ފީއަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ވެސް ހިމެނޭ ގޮތަށް، މިކަމުގައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެމްއެންޔޫގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގާ ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާރޓްސް އިބްރާހިމް ވަހީދުއެވެ. އަދި ނެޝަނަލް ޔުނިވަރސިޓީގެ ފަރާތުން މި ފަހުނާމާގާ ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ އާއިޝަތު ޝެހެނާޒު އާދަމްއެވެ.
މި ފަހުނާމާގެ ސަބަބުން މިނިސްޓްރީއާއި ޔުނިވަރސިޓީގެ މަސައްކަތްތަކަށް އައު ހަލުވި ކަމެއް ލިބި ގައުމީ ތަރައްގީއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެއެވެ. މި ފަހުނާމާގެ ދަށުން ޔުނިވަރސިޓީން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ ތެރޭގައި މިނިސްޓްރީން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކުގައި ޔުނިވަރސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ. އަދި ކޮލެޖު އޮފް ޓްރެއިނިން ސެޝަން ހިންގުމަށާއި ޕްރޮގްރާމްތަކަށް ގާބިލް ފެސިލިޓޭޓަރުން ނެގުމަށް އެހީތެރިވެދިނުން ވެސް ހިމެނެއެވެ.
އަދި ހަމައެހެންމެ މިނިސްޓްރީން ފޯރުކޮށްދޭނެ އެހީތެރިކަމުގެ ތެރޭގައި ޔުނިވަރސިޓީގެ ޕްރޮގްރާމްތަކަށް ބައިވެރިން ހޯދުމުގައި އެހީތެރިވުމާއި މީޑިއާ އާއި ގުޅުންހުރި ޕްރޮގްރާމްތަކުގެ ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ބައިވެރިވުން ހިމެނެއެވެ. އެހެންކަމުން މިއަދު ސޮއިކުރެވުނު ފަހުމުނާމާ އަކީ ޒުވާނުންނަށް ފަންނުވެރިކަމާއި މީޑިއާގެ ދާއިރާއިން އުގެނުމުގެ ފުރިހަމަ ފުރުސަތުތަކެއް ފަހިކޮށްދޭނެ އެއްބަސްވުމެކެވެ.
މި ފަހުނާމާގެ ދަށުން ދެފަރާތަށްވެސް ފައިދާ ހުރި ދެމެހެއްޓެނިވި އަދި ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެއެވެ.


