ހަފްތާ 104: ނަރުދަމާގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް
16 ނޮވެމްބަރު 2025 - 14:08

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް 104 ހަފުތާ ފުރޭއިރު، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ދަނީ މެދުނުކެނޑި ހަލުވި ދުވެލީގައި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ރާއްޖޭގެ ގިނަ ރަށްރަށަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވާ އަދި ގިނަ މަޝްރޫޢުތައް ކާމިޔާބީއާ އެކު ނިންމަވާ ދެއްވާފައެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ފަސޭހައިން ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

Ad by Hajj Corporation
މިނިސްޓްރީގެ މި ހަލުވި ކުރިއެރުމުގެ މޭސްތިރިއަކަށް ހުންނެވި، މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިސްނެންގެވުމާއި އަދި ބުރަމަސައްކަތަކީ މިފަދަ ބޮޑެތި މަޝްރޫޢުތައް ހާސިލުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމެކެވެ. އެމަނިކުފާނުގެ އިރުޝާދުގެ ދަށުން، މިނިސްޓްރީގެ ހިންގުން ހަރުދަނާކޮށް، މަޝްރޫޢުތައް ހަލުވިކަމާއި ފުރިހަމަކަމާއެކު ކުރިއަށްގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޚާއްސަކޮށް، މި ސަރުކާރުގެ 104 ހަފުތާގެ ތެރޭގައި ނަރުދަމާގެ ހިދުމަތް ޤާއިމްކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީތަކެއް ވަނީ ހާސިލުކުރެވިފައެވެ. މިގޮތުން، ރާއްޖޭގެ 39 ރަށެއްގައި ނަރުދަމާ ނިޒާމުގެ ޚިދުމަތް ވަނީ ފުރިހަމައަށް ޤާއިމުކުރެވިފައެވެ. މީގެ އިތުރުން، އިތުރު 40 ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ އެކި ކުންފުނިތަކާ ހަވާލުކުރެވި، އެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މި މަޝްރޫޢުތައް ނިމުމުން، ރާއްޖޭގެ ގިނަ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތުގައި، ދެމެހެއްޓެނިވި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. މި ކުރިއެރުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ރޫހުގައި ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާއެކެވެ.


