ސިގްނެޗަރ ރިސަރޗް ސްކޮލަރޝިޕަކީ ޤައުމީ މަޝްރޫޢާ ގުޅިފައިވާ އިންގިލާބީ މަސައްކަތެއް: ވަޒީރު އާދަމް ނަޞީރު
17 ނޮވެމްބަރު 2025 - 11:32

ދިވެހި ތަރިކައިގެ ސިގްނެޗަރ ރިސަރޗް ސްކޮލަރޝިޕަކީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނު ވެރިކަމުގެ ޒަޢާމަތާ ހަވާލުވެ ވަޑައިގެންނެވި ދުވަހު ޢިއުލާނު ކުރެއްވި ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢާ ގުޅިފައިވާ އިންގިލާބީ ޢިލްމީ މަސައްކަތެއް ކަމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިތަރިކައާއި ދިވެހިވަންތަކަމުގެ ދާއިރާ ޢިލްމީ ގޮތުން ކުރިއެރުވުމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ ދިވެހި ތަރިކައިގެ ސިގްނެޗަރ ރިސަރޗް ސްކޮލަރޝިޕް ހަވާލު ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ރަސްމިއްޔާތަކީ ދިވެހި ޤައުމީ ތަރިކައިގެ ތާރީޚްގައި ވަރަށް މުހިންމު ތާރީޚީ އިހްތިފާލެއް ކަމަށާއި ތަރިކައިގެ ދާއިރާ ރައްކާތެރި ކުރެއްވުމަށް އެކި ދުވަސްވަރު އެކި ބޭފުޅުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަ ކުރެއްވައި އޭގެ ހެޔޮ ނަތީޖާ ދިވެހިރާއްޖެ ދެކެފައިވާކަމަށެވެ.
އަދި މި ސްކޮލަރޝިޕްގައި ކުރެވޭ ދިރާސާތަކާއި ހާމަކުރެވޭ ލިޔުންތަކުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު، އިޢުލާނުކުރެއްވި ޤައުމީ ތަރިކައިގެ ސިޔާސަތުގެ ތެރެއިން ޤައުމީ ދާއިރާއިން ސިފަ ބައްޓަންކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި ،އަދި އެއީ ދިވެހީންގެ އަސްލުތައް ދެނެގަތުމުގައި ދިވެހީންނަށް ޒަމާނުއްސުރެ ފޯރާފައިނުވާ ބައެއް ޙަޤީޤަތްތަކާއި ހިސާބަށް ވާސިލުވުމަށް ކުރެވޭ މަސައްކަތް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ސްކޮލަރޝިޕްގެ މަޤްޞަދަކީ އަންނަން އޮތް ޖީލުތަކަށް ދިވެހި ތަރިކަ ރައްދުކޮށްދެއްވުންކަމަށާއި ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކާ އެއްގޮތައް، އަންނަންއޮތް ޖީލުތަކާއި އަދުގެ ޖީލަށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތެރެއަށް ޒަމާނީ ވަސީލަތްބޭނުންކޮށްގެން ދިވެހީންގެ ތަރިކަތައް ގެނައުންކަމަށްވެސް، ވަޒީރު އާދަމް ނަޞީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


