ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ ޑިޕްލޮމާ ކޯހެއް ފަރުމާކުރަނީ
18 ނޮވެމްބަރު 2025 - 11:30

ރާއްޖޭގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެއްޓުމާގުޅޭ ޑިޕްލޮމާ ކޯހެއް ފަރުމާކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއަށް ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓައި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ވަޒީރު ޠާރިޤު އިބްރާހީމު ވިދާޅުވީ އެމްއެންޔޫއިން ތިމާވެށީގެ ދާއިރާއިން މުހިންމު ގިނަ ކޯސްތަކެއް ވަރަށް ކާމިޔާބުކާމައެކު ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން ފާއިތުވި 8 އަހަރު ތެރޭގައި ތަފާތުއެކި ކޯސްތަކުން ޑިގްރީ ހާސިލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ކުދިންތަކެއް މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިހާރު ފަރުމާކުރެވޭ ޑިވެލޮޕްމަންޓް އޮފް ޑިޕްލޮމާ އިން ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމެންޓް ކޯހަކީ ވަރަށް އިސްކަމެއްދީގެން ކުރިއަށް ގެންދާނެ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ 93 ސަރަހައްދު އޮތްއިރު، މީގެ ތެރޭގައި 3 ބަޔޮސްފިއަރ ރިޒާވް ހިމެނޭއިރު އިތުރު 3 ބަޔޮސްފިއަރ ރިޒާވް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިތަންތަން ޙިމާޔަތްކޮށް މެނޭޖުކުރާނެ ފަރާތްތައް ބޭނުންވާކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިފަދަ ތަންތަން މެނޭޖުކުރާނެ ފަރާތެއް ނެތިއްޖެނަމަ އެތަންތަން ޙިމާޔަތްކުރުމުގެ ހަޤީޤީ މަޤްޞަދު ހާސިލްނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ކޯސް 6 މަސްތެރޭގައި ފަރުމާކޮށް އަންނަ އަހަރު ތެރޭގައި ކޯސް ފެށިގެން ދާއިރު އުންމީދަކީ ގިނަ ފަރާތްތަކެއް މި ކޯހުގައި ބައިވެރިވުންކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެމްއެންޔޫގެ ވައިސް ޗާނެސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މި އެއްބަސްވުމަކީ ގުދުރަތީ މާހައުލު ޙިމާޔަތްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. އަދި މި ޕްރޮގްރާމްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ރޭންޖަރުންގެ ހުނަރު އިތުރުކޮށް ފަންނީ ބަޔަކަށް ހެދުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއްކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
މި ކޯހަކީ "ކޮންޒަވޭޝަން އޮފް އެޓޯލް އިކޯ ސިސްޓަމް ތުރޫ އެންޑް އެފެކްޓެވްލީ މެނޭޖްޑް ނެޝަނަލް ޕްރޮޓެކްޓެޑް އޭރިޔާ އިސްޓޭޓް" ނުވަތަ ކެޓެނޭޓް ޕްރޮޖެކްޓުގެ ދަށުން އިންޓަރނޭޝަން ޔޫނިއަން ފޯ ކޮންޒަރވޭޝަން އޮފް ނޭޗަރ އައިޔޫސީއެން އެހީގެ ދަށުން ކުރިއަށްދާ ކޯހެކެވެ. މި ރަސްމިއްޔާތުގައި ކެޓެނޭޓް ޕްރޮޖެކްޓުގެ ލޯގޯވަނީ ލޯންޗުކޮށްފައެވެ. މި ލޯގޯ ލޯންޗުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓަބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއެވެ.
ކެޓެނޭޓް ޕްރޮޖެކްޓަކީ ރާއްޖޭގެ ފަރުތަކާއި އަދި އެހެނިހެން މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެންމެ އެކަށީގެންވާ އަދި ހަމަހަމަ އުސޫލުން ބަލަހައްޓައި މެނޭޖްކުރެވޭ ފަދަ ސަރަހައްދުތަކުގެ ވިލުންވެރި ނެޓްވޯކެއް ޤާއިމްކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ.


