އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން އުޅެނީ އެމްޑީޕީން ގޮވާލީމާ އެއްވާނެ މީހަކު ނެތީމަ: ފަލާހް
19 ނޮވެމްބަރު 2025 - 06:27

ރާއްޖޭގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް އިދިކޮޅު އެމްޑިޕީން މަސައްކަތް ކުރަނީ، އެ ޕާޓިން ގޮވާލީމާ މިހާރު އެއްވާނެ މީހެއް ނުވާތީ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވި ޖަލްސާގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
"ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް މި ބޭފުޅުން ހުށަހަޅާއިރުވެސް އިނގޭނެ ދިވެހިރާއްޖޭގަ އެހެން ރައްޔިތުން ވެސް ތިބޭކަން.ހަމައެކަނި ސިޔާސީ މީހުން އެކަންޏެއް ނޫން މި ޤައުމުގަ އުޅެނީ. މިބޭފުޅުން ސުލްހަވެރިކަމުގެ ޤާނޫނު އުވާލާފަ ގޮސް ސްކޫލަކަށް ވަދެ ވެސް މުޒާހަރާ ކޮށްފާނެ.މީ އެކަހަލް ކަންކަން ކޮށްފަ ހުރިބައެއް ވީމާ މިހެން މި ބުނީ.މީގެންވެސް ރައްޔިތުންނަށް އެބަ އިނގޭ އެމްޑީޕީއަކީ މީ މި ޤައުމަށް ހެޔޮ އެދޭ ބައެއް ނޫންކަން" އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް
މެމްބަރު ފަލާހް އިތުރަށް ވިދާޅުވީ ،މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ޖަލްސާ އަކީ، މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ވަރުގަދަ ޖަލްސާކަމަށާއި، ޖަލްސާގެ ފޯރި ގަދަކަން ފެނިފާ އެމްޑިޕީގެ ބޭފުޅުން މިހާރު ތިއްބެވީ ހުންއައިސާ ކަމަށެވެ. އަދި މިކަހަލަ މުހިންމު ޤާނޫނުތަށް އުވާލަން ހުށަހެޅުމަކީ ހަޤީގަތުގައި އެމްޑީޕީ ބޭފުޅުން މި ޤައުމާ ދޭތެރޭ ނުވިސްނާކަން ހާމަކޮށްދޭ ކަމެއްކަމުގައި ވެސް ފަލާހް ވިދާޅުވިއެވެ.
މީގެއިތުރުން ފަލާހް ވިދާޅުވީ، އެމްޑީޕީ ބޭފުޅުން މި ޤާނޫނު އުވާލާފައި މުޒާހަރާ ކުރުމަށްޓަކާ އިސްލާމީ މަރުކަޒް ކައިރިއަށް ނުވަތަ ހުކުރު ދުވަހު ހުތުބާ ވަގުތުގައި އެތަނަށް ވެސް އެއްވެދާނެ ކަމަށާއި،އެމްޑީޕީ ބޭފުޅުންނަކީ އެފަދަ ކަމެއް ވެސް ކޮށްފާނެ ފަދަ ބައެއް ކަމަށެވެ.
ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ޕާޓީތަކަށް އެންމެ ފުރިހަމައަށް ދިނީ މި ސަރުކާރުން ކަން ފާހަގަ ކުރައްވާ ފަލާހް އިތުރަށް ވިދާޅުވީ،އެ ޤާނޫނު އުވާ ނުލާވެސް އެބޭފުޅުން އެއްވާން ބޭނުން ތާކަށް އެއްވެވޭނެ ކަމަށެވެ. އަދި އެމްޑީޕީ މެމްބަރުން ހުށަހަޅާ މިފަދަ ތާކުން ތާކުން ނުޖެހޭ ބިލު ތަކަށް ތާއީދެއް ނެއްކަމަށާއި އެ ބިލުތައް ފާހެއް ނުވާނެ ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.


