މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ 'ހައިކޮމިޝަނާރސް ކަޕް' ފަށައިފި
19 ނޮވެމްބަރު 2025 - 18:03

ދިވެހިރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރ، މުހައްމަދު ތޮލާލް، މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި، މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އިންތިޒާމްކުރާ 'ހައިކޮމިޝަނާރސް ކަޕް' ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ.
މި މުބާރާތް އިފްތިތާހުކުރީ 15 ނޮވެމްބަރ 2025 ވީ ހޮނިހިރުދުވަހުއެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި، ދިވެހި ކުޅިވަރާއި ޒުވާނުންގެ ދާއިރާއިން ފާހަގަކޮށްލެވޭ އެތައް ބޭފުޅުންނެއް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން، އަހުމަދު ލަތީފް (ސީވީޑް ލަތީފް)، ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން) އަދި އިބްރާހިމް ތަސްލީމް ހިމެނެއެވެ.
މުބާރާތް އިފްތިތާހުކޮށްދެއްވައި ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ތޮލާލް ދެއްކެވި ވާހަކަފުޅުގައި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީއާ މުޚާތަބުކޮށް، ކުޅިވަރުގެ މުހިންމުކަމާއި، އެއްބައިވަންތަކަމާއި، ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އޭނާ ވަނީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ މުހިންމުކަމަށް ވެސް ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ޑރ. މަރިއަމް ޝަބީނާ އަހްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގައި ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން، ސަރުކާރުން އިފްތިތާހު ކުރައްވާފައިވާ "ދުޅަހެޔޮ ޖީލެއް އެންމެން އެކުގައި - ހަށިހެޔޮ ރާއްޖެ" ޝިޔާރުގެ ދަށުން ދުޅަހެޔޮ ރާއްޖެއެއް ބިނާ ކުރުމަށް މަސައްކަތް ކުރުމަކީ ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް އެންމެން އެކުގައި ކުރަންޖެހޭކަމެއް ކަމުގައި ޑރ. ޝަބީނާ ފާހަގަކުރެއްވިއެވެ.
'ހައިކޮމިޝަނާރސް ކަޕް' ގެ ކުރިއަށް ހުރި މުބާރާތްތަކުގެ ތެރޭގައި ބާސްކެޓް ބޯލް، މެރަތޮން، ބަށި، ހޭންޑް ބޯލް، އަދި ފުޓްސަލް ހިމެނެއެވެ. މި މުބާރާތްތަކަކީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، އެއްބައިވަންތަކަން އިތުރުކުރުމަށް އެމްބަސީން ކުރާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.


