logoEN
ޚަބަރު

ފިކުރީ މުދަލުގެ ޙައްޤުތައް ހިމާޔަތް ކުރުމަށް ޕޭޓަންޓު ބިލެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

20 ނޮވެމްބަރު 2025 - 02:38

ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ޙައްޤުތައް ހަރުދަނާކޮށް ރައްކާތެރިކުރުމަށްޓަކައި، "ޕޭޓަންޓާ" ބެހޭ ޚާއްސަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ޓްރޭޑްމާކުބިލް ޤާނޫނަކަށް ވެފައިވާއިރު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ވޯލްޑް އިންޓަލެކްޓުއަލް ޕްރޮޕަޓީގެ އެކްސްޕާޓުންގެ އެހީގައި މިހާރު ކުރަމުންދާ ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި އީޖާދީ ފަންނުވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން އަޅާ މުހިއްމު ފިޔަވަޅެކެވެ.

މިގޮތުން، އިރާދަކުރެއްވިއްޔާ 2026 ވަނަ އަހަރު ރާއްޖޭގައި މުޅީން އަލަށް އިންޓަލެކްޓުއަލް ޕްރޮޕަޓީ އޮފީހެއް (ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދޭ އޮފީހެއް) އުފެއްދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އޮފީސް ޤާއިމުވުމުން ފިކުރީ މުދަލުގެ ޙައްޤުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ފާއިތުވި ކުރު މުއްދަތެއްގެ ތެރޭގައި، ސަރުކާރުންވަނީ ކޮޕީރައިޓް ޤާނޫނަށް ޒަމާނާ ގުޅޭ އަދި އުފެއްދުންތެރީންނާއި ފަންނުވެރީންގެ ބުރަ މަސައްކަތާއި ޙައްޤުތައް ޙިމާޔަތްކޮށްދޭނެ ބޮޑެތި އިސްލާޙުތަކެއް ގެނެސްދީފައެވެ. މީގެ އިތުރުން ދިވެހިރާއްޖެވަނީ ބާން ކޮންވެންޝަން (Berne Convention) ގައި ބައިވެރިވެ، ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަހައްމިއްޔަތުކަން ދީފައެވެ.

''ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ޒިއްމާއާއި ރައީސް ޑރ. މުޢިއްޒު ހަވާލުވެވަޑައިގަތީ ކްރިއޭޓިވް އިންޑަސްޓްރީއެއް ރާއްޖޭގައި ޤާއިމުކޮށްދެއްވާ، އެ އިންޑަސްޓްރީ ކުރިއަށް ގެންގޮސްދެއްވާނެކަމުގެ މުހިއްމު ވަޢުދުފުޅާއިއެކު. މިއަދު ފެންނަމުން މިދަނީ އެ ވަޢުދުފުޅު ފުއްދެވުމުގައި ޢަމަލީގޮތުން ނަތީޖާ ނެރެދެއްވައި، ހަލުވިކަމާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށް ވަޑައިގަންނަވާ އުފާވެރި އަދި އުންމީދީ މަންޒަރު.'' ވަޒީރު ވިދާޅުވެފަވެއެވެ.

ސަރުކާރުގެ ފަރާތުން ހުށައެޅި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވާ އޮފީސް އުފެއްދުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ތަސްދީޤުކުރައްވާފައެވެ. އަދި މިމަހުގެ ތެރޭގައި ސަރުކާރުން ހުށައެޅި ފިކުރީ މުދާ ޙިމާޔަތްކުރުމުގެ ބިލް ކަމުގައިވާ "ޓްރޭޑްމާކް" ބިލް މަޖިލީހުންވަނީ ފާސްކޮށްފައެވެ. މިއީ ރާއްޖޭގެ ފިކުރީ މުދަލުގެ ޙައްޤުތަކުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެޅުނު މުހިއްމު ގިނަ ފިޔަވަޅުތަކެކެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder