logo
ކުޅިވަރު

އަޝްރަފް ހަކީމީއަށް އެފްރިކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް

އަބްދުﷲ ޣާނިމް
20 ނޮވެމްބަރު 2025 - 08:03
އަޝްރަފް ހަކީމީއަށް އެފްރިކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ޑިފެންޑަރު އަޝްރަފް ހަކީމީއަށް 2025 ވަނަ އަހަރުގެ އެފްރިކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހަވާލުކޮށްފިއެވެ. މޮރޮކޯގެ މި ކުޅުންތެރިޔާ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައިވާއިރު، ލިވަޕޫލް އަދި މިސްރުގު ކުޅުންތެރިޔާ މުޙައްމަދު ޞަލާޙް އާއި ނައިޖީރިއާ އަދި ގަލަޓާސަރާގެ ސްޓްރައިކަރ ވިކްޓަރ އޮސިމެން ވަނީ ދެވަނަ އަދި ތިންވަނަ ހޯދައިފައެވެ.

މި އެވޯޑް ލިބުމާ ގުޅިގެން ހަކީމީ ބުނެފައިވަނީ، “މި ޝަރަފުވެރި އެވޯޑް ހޯދުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ. މި ޓްރޮފީއަކީ ހަމައެކަނި އަހަރެންނަށް ލިބުނު އެއްޗެއް ނޫނެވެ. އެއީ އެފްރިކާގައި ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ ހުވަފެން ދެކޭ ހުރިހާ ވަރުގަދަ ފިރިހެނުންނާއި އަންހެނުންނަށް ވެސް ލިބުނު އެއްޗެކެވެ. އަދި އަހަރެން ކުޑައިރުއްސުރެ އަހަރެންނަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް ވާނެކަމަށް އަބަދުވެސް ޔަޤީންކުރި ފަރާތްތަކަށް ވެސް ޝުކުރު ދަންނަވަން.”

ހަކީމީ ވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީއަށް ފަސް ތައްޓެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭގެ ތެރޭގައި އެ ކްލަބަށް ފުރަތަމަ ފަހަރަށް ލިބުނު ޗެމްޕިއަންސް ލީގުގެ ތަށި ހިމެނެއެވެ. ޕީއެސްޖީގެ މި ފުލްބެކް ވަނީ މޭ މަހު އިންޓަރ މިލާނާ ދެކޮޅަށް ކުޅުނު ފައިނަލްގައި 5-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ފުރަތަމަ ގޯލު ޖަހައިފައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ކެފް (ކޮންފެޑެރޭޝަން އޮފް އެފްރިކާ ފުޓްބޯލް) ގެ ރައީސް ޕެޓްރިސް މޮޓްސެޕޭ ވަނީ ހަކީމީއަށް މި އެވޯޑް ހަވާލުކޮށްފައެވެ. ޑިފެންޑަރަކަށް މި އެވޯޑް ލިބުނު މިއީ 1973 ވަނަ އަހަރު ޒައިރޭ (މިހާރު ޑީއާރު ކޮންގޯ) ގެ ސެންޓަރ ބެކް ބްވަންގާ ތްޝިމެން އަށް ފަހު ލިބުނު ފުރަތަމަ ފަހަރެވެ.

އަންހެނުންގެ ބައިން މޮރޮކޯގެ މިޑްފީލްޑަރު ޣިޒްލޭން ޗެބާކް ވަނީ އެފްރިކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ފުރަތަމަ މޮރޮކޯ އަންހެން ކުޅުންތެރިޔާއަށް ވެފައެވެ. އޭނާ ވަނީ މި އެވޯޑް ހޯދުމުގައި އޭނާގެ ބައިނަލްއަޤްވާމީ ޓީމުގެ ކުޅުންތެރިޔާ ސަނާ މަސޫދީ އާއި ނައިޖީރިއާގެ ރަޝީދަތު އަޖިބާދޭގެ ކުރި ހޯދައިފައެވެ. މީގެ އިތުރުން، ކޯޗް އޮފް ދި ޔިއަރ ގެ އެވޯޑް ވަނީ ކޭޕް ވާރޑޭގެ ގައުމީ ޓީމަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފުރަތަމަ ފަހަރަށް ކޮލިފައިވުމުގެ ކާމިޔާބީ ހޯދައިދިން ބުބިސްޓާއަށް ލިބިފައެވެ.

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޝްރަފް ހަކީމީއަށް އެފްރިކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑްކުޅިވަރު | 12 ގަޑިއިރު ކުރިންއެމްބާއްޕޭ އާއި ޕީއެސްޖީ މައްސަލައިގެ ހުކުމް ކޯޓުން އަންނަ ޑިސެމްބަރުގައި ކުރަނީކުޅިވަރު | 3 ދުވަސް ކުރިންފޮނު އެރުވުމަށްފަހު ދަނޑަށް ނިކުތް ޔަމާލްއާއި ބާސާއަށް، ޕީއެސްޖީގެ ބެންޗުޓީމުން ފިލާވަޅެއް ނަގައިދީފިކުޅިވަރު | 2 މަސް ކުރިންޓޮޓްނަމް ބަލިކޮށް ޕީއެސްޖީއިން ފުރަތަމަ ފަހަރަށް ޔުއޭފާ ސުޕަކަޕް ކާމިޔާބުކޮށްފިކުޅިވަރު | 3 މަސް ކުރިން