logoEN
ޚަބަރު

ނާގޯށީގައި ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ވަޒީފާތަކަށް މީހުން ހޯދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ

20 ނޮވެމްބަރު 2025 - 10:18

ހދ. ނާގޯށި ޓޫރިޒަމް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫޢުގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށުމަށްޓަކައި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ވަޒީފާތަކަށް މީހުން ހޯދަން ބުދަ ދުވަހު އިއުލާނުކޮށްފިއެވެ.

މި މަސައްކަތަކީ، އެހިސާބުގަނޑުގެ ތަރައްޤީ އާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ވަޢުދުފުޅެއްގެ ދަށުން ފެށޭ މަސައްކަތެކެވެ.

އެމްޓީޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހދ. ނާގޯށީގައި ކުރަން ހުރި ސައިޓް މަސައްކަތްތަކަށް ޚާއްސަކޮށް ދިވެހިން ހޯދަން ބޭނުންވާ ކަމަށެވެ. އެގޮތުން 13 މަގާމަކަށް ޖުމްލަ 20 މީހަކު ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.

މި މަގާމުތަކުގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖަރަކާއި، ކޮންސްޓްރަކްޝަން މެނޭޖަރަކާއި، ޕްލޭނިން އިންޖީނިއަރަކާއި، ކުއެންޓިޓީ ސާވޭޔާ އާއި، ހަތަރު ސައިޓް އިންޖީނިއަރުންނާއި، އެޗްއެސްސީ އިންޖީނިއަރަކާއި، ޕްރޮކިއުމެންޓް އޮފިސަރަކާއި، ޕްރޮކިއުމެންޓް އެސިސްޓެންޓަކާއި، ޑޮކިއުމެންޓް ކޮންޓްރޯލަރަކާއި، ހަތަރު ސައިޓް ސުޕަވައިޒަރުންނާއި، އެމްއީޕީ ކޯޑިނޭޓަރުން، އަދި ދެ ޑްރާފްޓް ޕާސަން ހިމެނެއެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން އެމްޓީޑީސީގެ އީ-މެއިލް [email protected] އަށް ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ފޮނުވުމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޯގަސްޓް މަހު ކުރެއްވި ދަތުރުފުޅުގައި ވަނީ ނާގޯއްޓަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ރައީސް އިއުލާންކުރެއްވި ގޮތުގައި، އެ ރަށުގައި ރިސޯޓް ހެދުމުގެ މަސައްކަތް ނިންމައި އަންނަ އަހަރު ހުޅުވާނެއެވެ.

މި މަސައްކަތް ނިމޭއިރު، އެ ރިސޯޓުން އެކަނި 600 ވަޒީފާ އުފެދޭނެ ކަމަށް އެމްޓީޑީސީން އަންދާޒާ ކުރެއެވެ.

17 ވަރަކަށް އަހަރު ނެހެދި އޮތް ނާގޯށީގައި ރިސޯޓު ތަރައްޤީކޮށް ނިމުމުން، ހދ. އަތޮޅުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ދިގު މުއްދަތަށް ފައިދާކުރާނެ ކަމަށް ވެސް އެމްޓީޑީސީން އުންމީދުކުރެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder