ފަލަސްޠީނު ފުޓްބޯޅައަށް އެހީވުމަށް އެފްއޭއެމުން އެއްކުރި ފައިސާ ހަދިޔާކޮށްފި
20 ނޮވެމްބަރު 2025 - 11:40

ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވާ އާލާކުރުމަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން އެއްކުރި ހުރިހާ ފައިސާއެއް ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ފައިސާ އެއްކޮށްފައިވަނީ ސްވެނިއަރ ޓިކެޓް ވިއްކައިގެންނެވެ.
އެފްއޭއެމުން ވަނީ ސްވެރިއަ ޕްލެޓިނަމް އަދި ސްވެނިއަރ ގޯލްޑް ޓިކެޓްގެ ޖުމްލަ 500 ޓިކެޓް ވިއްކައިގެން 3 ލައްކަ ރުފިޔާގެ އެހީގެ ފައިސާ އެއްކޮށްފައެވެ. މި ފައިސާ ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ހަދިޔާކުރިއިރު، ފަލަސްޠީނުން ވަނީ ރާއްޖޭން މިކަމުގައި ބެހެއްޓި ގާތްކަމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

Ad by Hajj Corporation
17 އަހަރުން ދަށުގެ ފަލަސްޠީނު ޓީމަށް އެއާޕޯޓުން ކީ ރަތްދޫލައިގެ މަރުޙަބާއެކެވެ. އަދި މީގެ އިތުރުން އެޓީމުން ވަނީ ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ދެމެޗު ކުޅެފައެވެ. މީގެ އިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ފަލަސްޠީނުގެ ފުޓްބޯޅަ ޓީމާއި ބައްދަލުކޮށްފައެވެ. މިއާއެކު ދިވެހިރާއްޖެއިން ދިން މެހެމާންދާރީއާ ގުޅިގެން ފަލަސްޠީނުގެ ފުޓްބޯޅަ ޓީމުން ވަނީ އެކަން ފާހަގަކޮށް ދިވެހިންނަށް ޝުކުރު އަދާކޮށްފައެވެ.
ފަލަސްތީނު ޓީމު ވަނީ 10 ދުވަހު ރާއްޖޭގައި ކޭމްޕްކޮށް، ތަމްރީނުތައް ފުރިހަމަކޮށްފައެވެ. މި ކޭމްޕަށްފަހު އެ ޓީމު މިއަދު ފުރާފައިވާއިރު، އެ ޓީމުން އެންމެ އަވަހަށްއޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ނިކުންނާނީ މިމަހުގެ 22 ގައި އިންޑިއާ އާއި ދެކޮޅަށެވެ. އެފްއޭއެމްގެ މި ހަރަކާތަކީ ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ދަތިތަކާ ކުރިމަތިލާ ފަރާތްތަކަށް އެހީތެރިވުމުގެ ރޫޙު ދައްކުވައިދޭ މުހިންމު ފިޔަވަޅެކެވެ.


