ގްލޯބަލް ސުމޫދު ފްލޮޓިލާގެ އިސް ވަފުދެއް ރާއްޖެއަށް!
6 ޖެނުއަރީ 2026 - 10:35

ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ ދަތިތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ އިސް ވަފުދެއް މިއަދު ރާއްޖެ އައިސްފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ތިން ދުވަހުގެ މި ދަތުރުގައި، ފްލޯޓިލާގެ ހަތަރު މެންބަރުން ހިމެނޭ ވަފުދެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިއާގޯ އަވިލާ، ސައީދު އަބޫކޭޝެކް، މުހައްމަދު ނާދިރު އަލް-ނޫރީ އަދި ކްލިއޮނިކީ އެލެކްސޯޕޯލޯއެވެ. މި ވަފުދުގެ މެންބަރުންނަކީ މި ހަރަކާތުގެ ސްޓިއަރިންގ ކޮމިޓީގައި ހިމެނޭ އިސް ފަރާތްތަކެވެ.
މި ޒިޔާރަތުގެ ތެރެއިން ފްލޯޓިލާގެ ވަފުދުން ސަރުކާރުގެ އިސްވެރިންނާއި މަދަނީ ޖަމިއްޔާތަކާއި އަދި ގުޅުންހުރި އެކި ފަރާތްތަކާ ބައްދަލުކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި މި ބައްދަލުވުންތަކުގައި ފްލޮޓިލާގެ މަގުސަދުތަކާއި މިހާތަނަށް ކުރެވިފައިވާ ތަޖުރިބާތަކާއި އަދި ކުރިއަށް ހުރި ރޭވުންތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރާނެއެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕައިން (އައިއޭސީ) އިން ބުނީ، މި ހަރަކާތަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތުކުރާ އުސޫލުތަކާ ގުޅޭ ހަރަކާތެއް ކަމަށެވެ. ސުމޫދު ފްލޮޓިލާއިން މިދިޔަ އަހަރު ކުރި މަސައްކަތްތަކާއި، މިއަހަރުގެ ބަހާރު މޫސުމަށް ރޭވިފައިވާ ކަންކަމުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަކީވެސް މި ދަތުރުގެ އެއް ބޭނުމެއް ކަމަށް އައިއޭސީން ބުނެއެވެ.

Ad by Hajj Corporation
ގްލޯބަލް ސުމޫދު ފްލޯޓިލާއަކީ ޣައްޒާގައި ދިގުލައިގެން ގޮސްފައިވާ އިންސާނީ ކާރިސާއަކަށް ދެވޭ ދެމެހެއްޓެނިވި ސުލްހަވެރި ބައިނަލްއަގުވާމީ އިޖާބައެކެވެ. މި ހަރަކާތުން ދަނީ ދުނިޔޭގެ ސަމާލުކަން މިކަމަށް ހޯދާ، ޣައްޒާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ފެށި މި އިސްނެގުމަކީ ނޮން-ވައިލެންސް ނުވަތަ ސުލްހަވެރި ހަރަކާތްތަކުގެ މައްޗަށް ބިނާވެފައިވާ، މަދަނީ އިންސާނީ އެހީގެ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކަނޑު ދަތުރުފަތުރުގެ މިނިވަންކަމާއި، އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަކާލާތުކުރުމެވެ.


