ބޮޑު ލުއިތަކާއެކު ބޮޑު ތިލަދުންމަތީގެ 13 ފަޅެއް ރިސޯޓް ހަދަން ބީލަމަށް
21 ނޮވެމްބަރު 2025 - 13:28
ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން އިސްކަންދެމުންދާ ދަނޑިވަޅެއްގައި، ބޮޑު ލުއިތަކާއެކު ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ.
މި މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 03 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އެވެ.

Ad by Hajj Corporation
ރާއްޖޭގައި ފަތުރުވެރިކަން މިހާތަނަށް ތަރައްޤީނުވެ އޮތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ ތިން އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ އުތުރުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.
ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން މިހާރު ބީލަމަށް ހުޅުވާލާފައިވަނީ ބޮޑުތިލަދުންމަތީގެ 13 ފަޅު ނުވަތަ ފަރެވެ. އެއީ ހއ. ކެލާގެ 2 ފަޅާއި، ހއ. މާދުނީގެ 3 ފަރު، ހދ. މަކުނުދޫގެ 2 ފަރު، ހދ. މާފަރުގެ 3 ފަރު، އަދި ށ. ގޮނާގެ 3 ފަރެވެ. މި ފަޅުތަކުގައި ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ފަޅުތަކުން ބިން ހިއްކައިގެން ރިސޯޓުތައް ތަރައްޤީކުރެވޭނެއެވެ. ހއ. ކެލާ ފަޅުތައް (ކެލާ ފަޅު 1: 156.2 ހެކްޓަރު / ކެލާ ފަޅު 2: 169.3 ހެކްޓަރު) ފިޔަވައި އެހެން ހުރިހާ ފަޅެއްގައި 200 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓް ތަރައްޤީކުރެވޭނެއެވެ. އަދި ތަރައްޤީކުރެވޭ ރިސޯޓުގައި މަދުވެގެން 150 އެނދު ހުންނަން ޖެހޭނެކަމަށް ވުޒާރާއިން ވަނީ ކަނޑައަޅުއްވާފައެވެ. މި ފަޅުތައް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބިން ދޫކުރެވޭތާ 35 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަންޖެހޭނެއެވެ.
މި މަޝްރޫޢަށް އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރިސޯޓު ތަރައްޤީކުރުމަށް ގެންނަ ތަކެތީގެ ކެޕިޓަލް އިންވެސްޓްމަންޓްގެ %15 އާ ހަމައަށް ޑިއުޓީ މަޢާފްކޮށްދިނުމުގެ އިތުރުން، ރިސޯޓު ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސްސަސްއާއި އިލެކްޓްރޯނިކް އަދި އެހެނިހެން ސާމާނުން ޑިއުޓީ މަޢާފު ދޭ ކެޓެގަރީއަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ އުތުރުގެ ޓޫރިޒަމް އިންވެސްޓްމަންޓަށް ބާރުއެޅުމަށް ދޭ މުހިންމު ލުއިތަކެކެވެ.
މި މަޝްރޫޢާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި 23 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އާއި ދެމެދު އެ ވުޒާރާގެ ރިސެޕްޝަނުން ބީލަން ފޮތް ލިބޭނެކަމަށް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.


