ޚާރިޖީ ވަޒީރު ޚަލީލް ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގެ ރައުންޑް ޓޭބަލް ސެޝަންއެއްގައި ބައިވެރިވެވަޑައިގެންފި
21 ނޮވެމްބަރު 2025 - 16:28

ހަތަރު ވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމް (އީ.ޔޫ.އައި.ޕީ.އެމް.އެފް) ގެ ހަވާސާގައި ބޭއްވުނު މުހިންމު ރައުންޑްޓޭބަލް ސެޝަންއެއްގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ. "ކޮމަން އެންޑެވަރސް ފޮރ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗަރ" ގެ ނަމުގައި ބޭއްވުނު މި ސެޝަންގައި، ވަޒީރު ޚަލީލް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އުއްމީދީ އަމާޒުތަކާއި ލަނޑުދަނޑިތަކަށް ވަނީ އަލިއަޅުވާލައްވާފައެވެ. މިގޮތުން، ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ގެ ދަށުން ދިވެހި ސަރުކާރުން ނިންމާފައިވާ މުހިންމު ނިންމުންތައް ވަޒީރު ޚަލީލް ހިއްސާކުރެއްވިއެވެ. މި ނިންމުންތަކުގެ ތެރޭގައި، 2035 ގެ ކުރިން ވައިގެ ތެރެއަށް ގްރީންހައުސް ގޭސް ދޫކުރާ މިންވަރު 1.52 މިލިއަން ޓަނަށް ދަށްކުރުމުގެ އަމާޒު ހިމެނެއެވެ.

Ad by Hajj Corporation
މީގެ އިތުރުން، 2028 ގެ ކުރިން ދިވެހިރާއްޖޭގައި ޖެނަރޭޓް ކުރާ ކަރަންޓުގެ %33 އަކީ އިއާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. އަދި، "ނޭޝަނަލް ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ޕްލޭނިންގ" ގެ ތެރޭގައި ކްލައިމެޓް ރެސިލިއަންސް ހިމެނުމަށް ސަރުކާރުން އިސްކަންދޭކަން އެމަނިކުފާނު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ބައިނަލްއަޤުވާމީ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ އެހީތެރިކަމަކީ ހަމައެކަނި އެ ޤައުމުތަކަށް ލިބޭ އެހީއެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔެއަށް ލިބޭ އެހީއެއް ކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވެދެއްވާ އެހީތެރިކަމުގެ ތެރޭގައި ހިމެނޭ ޔޫރަޕިއަން ގްރީން ޑީލް އަދި "ފިޓް ފޮރ 55 ޕެކޭޖް" ފަދަ އިސްނެގުންތަކަކީ މުޅި ދުނިޔެއަށް މިކަމުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ލިބިގެންދާ ހިތްވަރެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


